Roadha Mihaaru
އާސެނަލް ވެއްޓި، ލިވަޕޫލް ކުރީގައި

އާސެނަލް ވެއްޓި، ލިވަޕޫލް ކުރީގައި

29 ޑިސެމްބަރ 2023

ލަންޑަން (ޑިސެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި 2-0 އިން ބަލިވެގެން އާސެނަލް އަށް މަގާމު ދިފާއު ނުކުރެވި، އަންގާރަ ދުވަހުގެ ރޭ 2-0 އިން ބާންލީ ބަލިކުރި ލިވަޕޫލް ދެ ޕޮއިންޓްގެ ލީޑަކާ އެކު އެއްވަނައަށް ޖެހިލައިފި އެވެ.

ލަންޑަން (ޑިސެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި 2-0 އިން ބަލިވެގެން އާސެނަލް އަށް މަގާމު ދިފާއު ނުކުރެވި، އަންގާރަ ދުވަހުގެ ރޭ 2-0 އިން ބާންލީ ބަލިކުރި ލިވަޕޫލް ދެ ޕޮއިންޓްގެ ލީޑަކާ އެކު އެއްވަނައަށް ޖެހިލައިފި އެވެ.

ރަށުން ބޭރުގައި ލިވަޕޫލުން ބާންލީ ބަލިކުރީ ޑާވިން ނޫނޭޒް އާއި ޑިއޯގޯ ޖޮޓާ ޖަހައިދިން ގޯލުތަކުންނެވެ.

އާސެނަލް ކޮޅަށް ލަނޑުޖަހައި ވެސްޓް ހޭމުން ލީޑު ނެގީ ޖަރޯޑް ބޯވެން ދިން ބޯޅައެއް ތޯމަސް ސޫޗެކް ގޯލަށް ފޮނުވާލައިގެންނެވެ. ބޯވެން ޕާސް ދިން އިރު، އެ ބޯޅަ ކުޅުމުން ބޭރުވެފައި ވާކަމަށް ބެލެވިގެން ޔަގީން ކުރަން ވީއޭއާރުގެ އެހީ ވެސް ހޯދި އެވެ. އެކަމަކު ވީއޭއާރަށް ވެސް އެކަށީގެންވާ ވަރަށް ހެކި ނުލިބިރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ.

ވެސްޓް ހޭމުން ލީޑު ފުޅާ ކުރީ ދެވަނަ ހާފުގައި، ޖޭމްސް ވާޑް ޕްރައުސް ނަގައިދިން ކޯނަރަކުން ކުރިން އާސެނަލް އަށް ކުޅުނު ޑިފެންޑަރު ކޮންސްޓަންޓީނޯސް މަވްރޮޕާނޯސް ބޮލުން ޖަހައިދިން ގޯލުންނެވެ.

ވެސްޓް ހޭމް އަތުން ބަލިވެ، އާސެނަލް އަށް ކުޅޭ ރައިސް މާޔޫސް ވެފަ.-- ފޮޓޯ: އޭއެފްޕީ

ވެސްޓް ހޭމް އަތުން ބަލިވެ، އާސެނަލް އަށް ކުޅޭ ރައިސް މާޔޫސް ވެފަ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ އިތުރު ވަގުތުގައި ޑެކްލަން ރައިސް ކުރި ފައުލަކާ ގުޅިގެން ވެސްޓް ހޭމަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ސައީދު ބެންރަހްމާ ފޮނުވާޅި ޕެނަލްޓީ، އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.

މި ނަތީޖާއާއެކު އާސެނަލް ވަނީ 19 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ދެވަނައަށް ވެއްޓިފަ އެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ 19 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.

ޑޭވިޑް މޮޔެސްގެ ވެސްޓް ހޭމުން ވަނީ މި ޑިސެމްބަރު މަހު ލީގުގައި މެންޗެސްޓާ ޔުނައިތެޑާއި ޓޮޓެންހަމް ވެސް ބަލިކޮށްފަ އެވެ. އެޓީމު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން 33 ޕޮއިންޓް ހޯދައިގެން ހަވަނައިގަ އެވެ.

އާސެނަލް ބަލިކުރި މެޗަށް ފަހު ވެސްޓް ހޭމްގެ ކޯޗު މޮޔެސް-- ފޮޓޯ: އޭއެފްޕީ

އާސެނަލް ބަލިކުރި މެޗަށް ފަހު ވެސްޓް ހޭމްގެ ކޯޗު މޮޔެސް-- ފޮޓޯ: އޭއެފްޕީ

ހަތްވަނައިގައި އޮތީ އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-2 އިން އެސްޓަން ވިލާ ބަލިކުރި މެންޗެސްޓާ ޔުނައިޓެޑެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ޖޯން މެގިން އާއި ލިއަންޑާ ޑޮންޑެންކާގެ ގޯލުތަކުން ވިލާ ލީޑު ނަގައިދީފައި ވަނިކޮށް ޔުނައިޓެޑޫން އެއްވަރުކުރީ އަލެހަންދްރޯ ގާނާޗޯ ޖަހައިދިން ދެ ގޯލުންނެވެ. މޮޅުވި ލަނޑު ޖަހައިދިނީ ރަސްމުސް ހޮއިލަންޑެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

މި ނަތީޖާއާ އެކު އެސްޓަން ވިލާ އަށް ވެސް ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. އެޓީމު ތިންވަނައިގައި އޮތީ 19 މެޗުން ލިބުނު 39 ޕޮއިންޓާ އެކު އެވެ.

ޓޮޓެންހަމް ހޮޓްސްޕާ ވަނީ ރޭ ރަށުން ބޭރުގައި 4-2 އިން ބްރައިޓަން އަތުން ބަލިވެފަ އެވެ. ބްރައިޓަން އިން ކޮންމެ ހާފެއްގައި ދެ ގޯލު ޖެހިއިރު، ލަނޑުތައް ޖަހައިދިނީ ޖެކް ހިންޝެލްވުޑާއި ޔާއޯ ޕެޑްރޯ އަދި ޕާވިސް އެސްޓުޕިނާން އެވެ. ޕެޑްރޯ ދެ ގޯލު ވެސް ޖެހީ ޕެނަލްޓީންނެވެ. މެޗުގެ ފަހު 10 މިނިޓު ތެރޭ ޓޮޓެންހަމަށް ގޯލުތައް ޖަހައިދިނީ އަލޭހޯ ވެލީޒް އާއި ބެން ޑޭވިސް އެވެ.

މި ބައްޔާ އެކު ޓޮޓެންހަމް ކުޅުނު 19 މެޗުން ލިބުނު 36 ޕޮއިންޓާ އެކު އެޓީމު އޮތީ ފަސްވަނައިގަ އެވެ. ބްރައިތަން އޮތީ ޔުނައިޓެޑަށް ވުރެ ޕޮއިންޓެއް މަދުން ހޯދައިގެން އަށްވަނައިގަ އެވެ.