Roadha Mihaaru
ސުމަޓްރާގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ:މެޓް

އިންޑޮނޭޝިއާގެ ސުމަޓްރާ އަށް ބިން ހެލުމެއް، މެޓުން ބުނީ ރާއްޖެ އަށް އަސަރެއް ނުކުރާނެ

30 ޑިސެމްބަރ 2023

އިންޑޮނޭޝިއާގެ ސުމަޓްރާ އަށް 5.6 މެގްނިޓިއުޑްގެ ބިން ހެލުމެއް މިއަދު އައިސްފައިވާ ކަމަށާއި އެކަމަކު އޭގެ ސަބަބުން ރާއްޖެ އަށް އަސަރެއް ނުކުރާނެ ކަމަށް މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިންޑޮނޭޝިއާގެ ސުމަޓްރާ އަށް 5.6 މެގްނިޓިއުޑްގެ ބިން ހެލުމެއް މިއަދު އައިސްފައިވާ ކަމަށާއި އެކަމަކު އޭގެ ސަބަބުން ރާއްޖެ އަށް އަސަރެއް ނުކުރާނެ ކަމަށް މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން ބުނެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ 5.6 ގެ ބާރުމިނުގެ ބިން ހެލުމެއް އައިސްފައި ވަނީ ސުމަތްރާ ކައިރިން ކަނޑުގެ ސަރަހައްދަށް ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ރާއްޖެ އަށް ސުނާމީއެއްގެ އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ބުންޏެވެ.

މެޓް އޮފީހުން އެހެން ބުންޏަސް ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެފައި ވަނީ ބިންހެލުން އައިސްފައި ވަނީ 6.6 މެގްނިޓިއުޑްގެ ބާރު މިނުގައި ކަމަށެވެ.

އޭގެ ސަބަބުން ލަންކާ އަށް އަސަރު ނުކުރި ނަމަވެސް އެ ގައުމުން ވަނީ ވައިޓް އެލާޓެއް ނެރެ، ރައްކާތެރިވެ ތިބުމަށް އަންގައިފަ އެވެ.

ނަމަވެސް "މިހާރު" އާ ވާހަކަ ދެއްކެވި މެޓް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެފަދަ ނުރައްކަލެއް ރާއްޖެ އަށް ނެތެވެ. އެއީ އެ ސަރަހައްދަށް އާންމުކޮށް އަންނަ ވަރުގެ ބިން ހެލުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްޔެ ވެސް އައްޑުއާ ދިމާލުން ރާއްޖޭގެ ސަރަހައްދަށް ހަތަރު ބިންހެލުމެއް އައިސްފައި ވެ އެވެ. އޭގެ އަސަރެއް ވެސް ރާޢްޖެ އަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން އާންމު ގޮތެއްގައި ސުނާމީއެއްގެ ބިރު އޮންނާނީ 8.0 މެގްނިޓިއުޑަށް ވުރެ ބާރުމިނުގައި އަންނަ ބިންހެލުންތަކާ ގުޅިގެންނެވެ.