Roadha Mihaaru
ޖެޓުތަކުން އެއާޕޯޓް ފުރާލައިފި، ރެކޯޑް ސީޒަނެއް

މުއްސަނދިންގެ ޖެޓުތަކުން އެއާޕޯޓް ފުރާލައިފި، ރެކޯޑް ސީޒަނެއް

01 ޖެނުއަރީ 2017

އާ އަހަރު ފާހަގަކުރަން ރާއްޖެ އައި މުއްސަނދިންގެ އަމިއްލަ ޖެޓުތަކުން ވެލާނާ އިންޓަނޭޝަަލް އެއާޕޯޓް މިއަދު ފުރާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާ އަހަރު ފާހަގަކުރަން ރާއްޖެ އައި މުއްސަނދިންގެ އަމިއްލަ ޖެޓުތަކުން ވެލާނާ އިންޓަނޭޝަަލް އެއާޕޯޓް މިއަދު ފުރާލައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ސީޒަނަކީ ޔޫރަޕް ހިސާބަށް ފިނި މޫސުން ކަމަށްވާ ނޮވެމްބަރުން އޭޕްރީލް މަހާ ދެމެދު އެވެ. މި ދުވަސްވަރު އަންނަ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަންނަ އިރު، އޭގެ ތެރޭގައި ބޮޑެތި މަހުޖަނުންނާއި އެކި ދާއިރާތަކުން ދުނިޔޭގައި ފާހަަގަކޮށްލެވޭ ފަރާތްތައް ވެސް ހިމެނެ އެވެ.

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިއަދު ނޫސްވެރިންނާ ވާހަކަދައްކަަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިއަދު ނޫސްވެރިންނާ ވާހަކަދައްކަަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެއާޕޯޓުގައި ޕާކުކޮށްފައިވާ ޖެޓުތައް ނޫސްވެރިންނަށް ދައްކާލެއްވުމަށް ފަހު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިއަދު ވިދާޅުވީ އަމިއްލަ ޖެޓުތަކަށް ހާއްސަކޮށް އެއާޕޯޓުގެ އުތުރުގައި ހެދި އާ އޭޕްރަންގައި މި ވަގުތު ވެސް 36 ޖެޓް ބާއްވާފައިވާ ކަމަށެެވެ. އަދި މައި އޭޕްރަންގައި ޕާކުކޮށްފައިވާ ހަ ޖެޓާ އެކު، ޖުމްލަ 42 ޖެޓް އެ އެއާޕޯޓުގައި ޕާކުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރު ޖެޓުތައް މިހާރު ވެސް އެބަ އާދޭ،" ހަސަން ވިދާޅުވި އެވެ.

އެއާޕޯޓުގައި ޖާގަ ނެތިގެން މީގެ ކުރީގެ އަހަރުތަކުގައި ޖެޓުތައް ޕާކުކުރަން ޑޮމެސްޓިކް ބައެއް އެއާޕޯޓުތަކަށާއި އަވަށްޓެރި ގައުމުތަކަށް ވެސް ފޮނުވި ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް، އުތުރު ކޮޅުގައި ތަރައްގީކުރި އޭޕްރަން ބޭނުން ކުރަން ފަށާފައިވުމުން ޖާގަ ތަނަވަސްވެފައިވާ ކަމަށާއި އޭގެ ސަބަބުން އެމްއޭސީއެލް އަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ވެސް ވަރަށް ބައިވަރު ޕްރައިވެޓް ޖެޓްތައް މި ހުުރީ ޕާކުކޮށްފައި. އެމްއޭސީއެލް އަށް ވަރަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމެއް ޕާކިން ސްޕޭސް މިހެން އޮތުމުން،" ހަސަން ވިދާޅުވި އެވެ.

މަތިންދާބޯޓުގެ ކުޑަ ބޮޑު މިނަށް ބަލައި ކޮންމެ ޖެޓަކުން ދުވާލަކަށް ފީއެއް ނަގަ އެވެ. އަދި ޖެޓުތަކަށް އަޅާ ތެލުން ވެސް އެމްއޭސީއެލް އަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.

އެއާޕޯޓުގައި މިއަދު ޖެޓުތަކެއް ޕާކުކޮށްފައި: އާ އަހަރު ފާހަގަކުރަން ދުނިޔޭގެ އެކި ހިސާބުތަކުން މުއްސަނދިން ރާއްޖެ އަށް ޒިޔާރަތް ކުރޭ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެއާޕޯޓުގައި މިއަދު ޖެޓުތަކެއް ޕާކުކޮށްފައި: އާ އަހަރު ފާހަގަކުރަން ދުނިޔޭގެ އެކި ހިސާބުތަކުން މުއްސަނދިން ރާއްޖެ އަށް ޒިޔާރަތް ކުރޭ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހަސަން ވިދާޅުވި ގޮތުގައި މި ސީޒަންގައި 508 އެއާކްރާފްޓް މޫވްމަންޓް ވަނީ ރިކޯޑް ކުރެވިފަ އެވެ. އެއީ 336 ސީޕްލޭންގެ މޫވްމަންޓާއި 172 ރަންވޭ މޫވްމަންޓެވެ.

"މީގެ ކުރީގެ އަހަރުތަކުގެ މި ސީޒަނާ އަޅާ ބަލާފައި އެއާކްރާފްޓް މޫވްމަންޓް މިއީ ރެކޯޑް އަދަދެއް،" އޭނާ ވިދާޅުވި އެވެ.