Roadha Mihaaru
ފަސޭހަ ކަމާއެކު ވެމްކޯ ބަލިކޮށް ސިފައިން ކުރި އަށް

ފަސޭހަ ކަމާއެކު ވެމްކޯ ބަލިކޮށް ސިފައިން އެންމެ ކުރި އަށް

02 ޖެނުއަރީ 2024

ގައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބުން ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ކްލަބް ވެމްކޯގެ މައްޗަށް ކުރި ހޯދައިފި އެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބުން ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ކްލަބް ވެމްކޯގެ މައްޗަށް ކުރި ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު މެންދުރު ކުޅުނު މެޗުގެ ސެޓްތައް ސިފައިން ގެންދިޔައީ 25-14، 25-15 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ކްލަބްގެ ހުސެއިން ޝާހިދެވެ.

މި ނަތީޖާއާ އެކު، އެންމެ ފަހުގެ ރަނަރަޕް ސިފައިން މިވަނީ ތިން މެޗުން ނުވަ ޕޮއިންޓް ހަމަކޮށް ލީގުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.

ނިމިދިޔަ އެސޯސިއޭޝަން ކަޕްގެ ގުރޫޕް ސްޓޭޖުގައި ވެސް އެއް ގުރޫޕެއްގައި ވާދަކޮށް ސިފައިން ވަނީ ވެމްކޯ ބަލިކޮށްފަ އެވެ. ވާދަވެރި ކުޅުމެއް ފެނުނު އެ މެޗު ސިފައިން ކާމިޔާބު ކޮށްފައި ވަނީ 3-2 ސެޓުންނެވެ. ނަމަވެސް އެ މުބާރާތުގައި ސިފައިންނަށް ޖެހުނީ ގުރޫޕް ސްޓޭޖާ ހަމައިން ނިންމާލާށެވެ.

ހަވީރު ކުޅުނު ލީގު މެޗުގައި ބައްދަލުކުރީ ކްލަބް އާބަންކޯ އާއި ޕޮލިސް ކްލަބެވެ. މި މެޗުގައި ޕޮލިހަށް ޕޮއިންޓެއް ނުދީ އާބަންކޯ އިން ވަނީ 25-14، 25-17 އަދި 25-20 އިން ސެޓްތައް ގެންގޮސްގެން މެޗު ކާމިޔާބު ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އާބަންކޯގެ ލަސިންދު މެތަމަލް ވަސަންތަޕްރިޔާ ގޮނާރާ ގާމަގެ އެވެ.

އެސޯސިއޭޝަން ކަޕްގައި މެޗެއް ކާމިޔާބު ނުކުރެވުނު ޕޮލިސް ކްލަބް ވަނީ ލީގުގައި މިހާތަނަށް އެޓީމު ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.

ދެ ސިޓީގެ ކުރިމަތިލުން

އެންމެ ފަހުގެ ލީގު ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީ އާއި މިއަހަރު އަލަށް ވާދަކުރަމުން އަންނަ ސްޕޯޓްސް ކްލަބް ސިޓީ ރޭ ބައްދަލުކުރި ފޯރި ގަދަ މެޗު 3-2 ސެޓުން ކާމިޔާބު ކުރީ ސިޓީ ސްޕޯޓްސް ކްލަބެވެ.

ސިޓީ ސްޕޯޓްސް ކްލަބުން 25-21 އިން ފުރަތަމަ ސެޓް ގެންގޮސްފައި ވަނިކޮށް ސްޕޯޓްސ ްކްލަބް ސިޓީން ވަނީ ފަހަތުން އަރައި 25-11، 25-18 އިން ދެން ކުޅުނު ދެ ސެޓް ގެންގޮސްފަ އެވެ. ހަތަރުވަނަ ސެޓްގައި ސިޓީ ސްޕޯޓްސް ކްލަބުން ކުރި ހޯދީ 25-23 އިންނެވެ. ނަމަވެސް ފަހު ސެޓްގައި ސިޓީ ސްޕޯޓްސް ކްލަބުން ވަނީ ފަސޭހަ ކަމާއެކު 15-4 އިން ކުރި ހޯދައި މެޗު ކާމިޔާބު ކޮށްފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީ ސްޕޯޓްސްގެ ނުރުމުހައްމަދު ޓޮކްޓޮއޭވް އެވެ.

ދެހާސް ނުވަވަނަ އަހަރު ވުޖޫދުވި ސްޕޯޓްސް ކްލަބް ސިޓީން ލީގު ކާމިޔާބު ކުރި ނަމަވެސް މި ސީޒަނަށް އެޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންތަކެއް ވަނީ ޓީމު ދޫކޮށްލައިފަ އެވެ.

މުޅިން އަލަށް ވާދަކުރާ ސިޓީ ސްޕޯޓްސް ކްލަބުން ވަނީ މި ސީޒަންގެ އެސޯސިއޭޝަން ކަޕް ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ސްޕޯޓްސް ކްލަބް ސިޓީއާ އެއް ގުރޫޕެއްގައި ހިމެނިގެން ކުޅެގެން ސީދާ ތިން ސެޓުން ކުރި ހޯދައިފަ އެވެ.

ލީގުގައި ވާދަކުރާ ހަ ޓީމަށް ވެސް ބާކީ އޮތީ ދެ މެޗެވެ. ދެވަނައިގައި އޮތް އާބަންކޯ އާއި ތިންވަނައިގައި އޮތް ވެމްކޯ އަށް ހަ ޕޮއިންޓް ލިބިފައި ވާއިރު، ސިޓީ ސްޕޯޓްސް ކްލަބް ވަނީ ފަސް ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީ އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.