Roadha Mihaaru
ޒަކާތާ ގުޅޭކަންކަމަށް "ޒަކާތު ހައުސް" އިފުތިތާހުކޮށްފި

ޒަކާތާ ގުޅޭ ކަންކަމަށް "ޒަކާތު ހައުސް" އިފުތިތާހުކޮށްފި

02 ޖެނުއަރީ 2024

ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް މިއަދު އިފުތިތާހުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް މިއަދު އިފުތިތާހުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ޒަކާތު ހައުސް އިފުތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޒަކާތު ހައުސްގެ އަލީގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގާއިމުކުރާ ޒަކާތާއި ސަދަގާތުގެ އަދުލުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތް ނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމައެއް ބިނާކުރާނެ ކަމަށެވެ.

ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަކާތުގެ މަތިވެރިކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، ޒަކާތު ހައުސް އުފައްދަނީ މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، އިލްމީ ދިރާސާތައް އިތުރުކޮށް، މަތިވެރި ހުކުމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނެގެހެއްޓުމަށް ކަަމަށެވެ.

ޝަހީމް ވަނީ މެނިފެސްޓޯގައި ޒަކާތަށް އިސްކަމެއް ދެއްވައި، ޒަކާތު ހައުސް އުފެއްދުމަށް ރައީސް ޑރ. މުއިއްޒު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެ މަނިކުފާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ ދައްކާލައިފަ އެވެ. އަދި ޒަކާތުގެ މުހިންމު ކަމާ ގުޅޭ ވީޑީއޯ ރިޕޯޓެއް ވެސް ދައްކާލައިފައިވެ އެވެ.

ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ޝަހީމް ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ޝަހީމް ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތައްކަށް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި މުދަލު ޒަކާތުގެ ނިސޯބު އިއުލާނުކުރުމާއި ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ބެލެހެއްޓުން ހިމެނެ އެވެ.

ޒަކާތު ފަންޑުގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމަށް އެ ފަންޑު ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި އެކަމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅައި އާންމުކުރުމަކީ ވެސް އެ އިދާރާގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ.

ރާއްޖޭގެ މާހައުލުގައި ޒަކާތާ ގުޅޭ ގޮތުން ދިމާވާ މައްސަލަތައް ދެނެގަތުމާއި ދިރާސާތައް ކުރުމާއި އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ޒަކާތު ހައުސްގައި ހިމެނޭ ކަމެކެވެ.