Roadha Mihaaru
ޓޯކްޔޯ އެއާޕޯޓްގައި ދެ ބޯޓު ޖެހި ބަޔަކު މަރުވެއްޖެ

ޓޯކްޔޯ އެއާޕޯޓްގައި ދެ ބޯޓު ޖެހި ބަޔަކު މަރުވެއްޖެ

02 ޖެނުއަރީ 2024

ޖަޕާނުގެ ޓޯކްޔޯ އެއާޕޯޓްގައި މިއަދު އެ ގައުމުގެ ކޯސްޓްގާޑުގެ މަތިންދާބޯޓަކާއި ޖަޕާން އެއާލައިންސްގެ ބޯޓެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކު މަރުވެއްޖެ އެވެ.

ޖަޕާނުގެ ޓޯކްޔޯ އެއާޕޯޓްގައި މިއަދު އެ ގައުމުގެ ކޯސްޓްގާޑުގެ މަތިންދާބޯޓަކާއި ޖަޕާން އެއާލައިންސްގެ ބޯޓެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކު މަރުވެއްޖެ އެވެ.

ޓޯކްޔޯގެ ހަނޭޑާ އެއާޕޯޓްގައި މި އެކްސިޑެންޓު ހިނގީ އިއްޔެ ބިންހެލުން އައި ސަރަހައްދަށް ދާން އުޅުނު ކޯސްޓްގާޑުގެ ކުޑަ މަތިންދާބޯޓު ގޮސް 379 ފަސިންޖަރުން ތިބި ބޯޓުގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި މީހުން މަރުވީ ކޯސްޓްގާޑުގެ މަތިންދާބޯޓުންނެވެ.

ޖަޕާންގެ ޓްރާންސްޕޯޓް މިނިސްޓަރު ޓެސުއޯ ސައިޓޯ ވިދާޅުވީ 379 ފަސިންޖަރުން ތިބި ބޯޓުން އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވެ ސަލާމަތް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޯސްޓްގާޑުގެ ބޯޓުގައި ހަ މީހުން ތިބި ކަމަށާއި ޒަހަމްތަކަކާ އެކު ސަލާމަތްވީ ޕައިލެޓް ކަމަށެވެ. އެކަމަކު އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.

އެކްސިޑެންޓުވުމާ އެކު، ޖަޕާން އެއާލައިންސްގެ ބޯޓުގައި ރޯވި އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު އަނދަމުން ދިޔައިރު އިމަޖެންސީ ސްލައިޑުން މީހުން ބާލަމުން ދިޔަ އެވެ. އެއާބަސް 350 ގެ މި ބޯޓު އެކްސިޑެންޓުވީ ޖަޕާނުގެ އެހެން ސިޓީއަކުން އައިސް ޓޯކްޔޯ އެއާޕޯޓަށް ޖެއްސި ވަގުތު އެވެ. -- އޭއެފްޕީ