Roadha Mihaaru
ޖަޕާނުން ދިވެހި ފުލުހުންނަށް ގިނަ އަދަދެއްގެ ވެހިކަލް

ޖަޕާން ސަރުކާރުން ފުލުހުންނަށް ގިނަ އަދަދެއްގެ ވެހިކަލް ހަދިޔާކޮށްފި

14 ޖުލައި 2024

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ގިނަ އަދަދެއްގެ ވެހިކަލް މިއަދު ހަދިޔާކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ގިނަ އަދަދެއްގެ ވެހިކަލް މިއަދު ހަދިޔާކޮށްފި އެވެ.

ޖަޕާން ސަރުކާރުން ފުލުހުންނަށް ހަދިޔާކުރީ 54 ކާރާއި ހަތަރު ވޭނެވެ. އެއީ ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ގެ އަގުހުރި ވެހިކަލްތަކެވެ. އެ ތަކެތި ދިވެހި ފުލުހުންނާ ހަވާލުކުރީ އިސްކަންދަރު ކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށް ދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީ އެވެ. އަދި ރާއްޖެއިން އެ ވެހިކަލްތަކާ ހަވާލުވެ ވަޑައިގަތީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އުޅަނދުތައް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އުޅަނދުތައް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ދިވެހި މުޖުތަމައުގައި ކުށްކުރުން އިތުރުވަމުންދާ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އިތުރުކުރަން ޖެހިފައިވާ ކަމަށެވެ.

އެކަން ކުރެވޭނީ މިހާރު ހުރި ވަސީލަތްތަކަށް ވުރެ ރަނގަޅު ވަސީލަތްތައް ގާއިމްކުރެވިގެން ކަން ފާހަގަ ކުރައްވައި، ޝުޖާއު ވިދާޅުވީ ޖަޕާން ސަރުކާރުން ފުލުހުންނަށް ހަދިޔާކުރި އުޅަނދުތަކާއެކު، މަގުމަތީގެ ހަމަޖެހުން ގާއިމްކުރަން ކުރާ މަސައްކަތް އިތުރަށް ފުޅާ ވެގެންދާނެ ކަމަށެވެ.

ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އުޅަނދުތަކާ ރާއްޖެއިން ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސީޕީ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އުޅަނދުތަކާ ރާއްޖެއިން ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސީޕީ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ކުށްކުރުން އިތުރު ވަމުން އަންނައިރު، އޮޕަރޭޝަންތައް ހިންގުމަށް ފުލުހުންގެ ގާބިލްކަން އިތުރުކުރުން މުހިންމު. ފުލުހުންނަށް ރަނގަޅު ވަސީލަތްތައް ފޯރުކޮށްދިނުމުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށް އިތުބާރާއި ޔަގީންކަން ލިބިގެން ދާނެ،" ސީޕީ ވިދާޅުވި އެވެ.

ޖަޕާނުގެ ސަފީރު މިޑޯރީ ވިދާޅުވީ އެ ވެހިކަލްތަކުގެ އިތުރުން ވެސް އެހެނިހެން ވަސީލަތްތައް އެ ގައުމުން ފުލުހުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

ޖަޕާނުގެ ސަފީރު މިޑޯރީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޖަޕާނުގެ ސަފީރު މިޑޯރީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭގެ ތެރޭގައި އޮޕަލޭޝަނަލް ވެހިކަލާއި މެޓަލް ޑިޓެކްޓަރާއި ލޭސަރާއި ޕެސެންޖާ ކްރާފްޓާއި ރަބާ އިންފްރޭޓެބްލް ބޯޓާއި ޑައިވިން ކުރާ ސާމާނު އަދި މެޓަލް ޑިޓެކްޓާސް ކުރިއަށް އޮތް ތަނުގައި ހަދިޔާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެކުރިން ޖަޕާނުން ވަނީ އެމްއެންޑީއެފާއި ކަސްޓަމްސަށް ވެސް ވެހިކަލްތައް ހަދިޔާކޮށްފަ އެވެ.