Roadha Mihaaru
ވިއްސާރައިން ގެއްލުންވި 70 ގެއަކަށް ހަތަރު ލައްކަ

ވިއްސާރައިން ގެއްލުންވި 70 ގެއަކަށް 457،246ރ. ދެނީ

03 ޖެނުއަރީ 2024

މިދިޔަ އާދީއްތަ ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި އެކި ވަރުގެ ގެއްލުންވި 70 ގެއަކަށް 457،246 ރުފިޔާ ދޭން ސަރުކާރުން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިދިޔަ އާދީއްތަ ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި އެކި ވަރުގެ ގެއްލުންވި 70 ގެއަކަށް 457،246 ރުފިޔާ ދޭން ސަރުކާރުން ނިންމައިފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ވިއްސާރައިގައި ގެއްލުންވި 87 ތަނެއްގެ އެސެސްމަންޓް ހަދާފައިވާ ކަމަށާއި އޭގެ ތެރެއިން 19 ތަނަކީ އެކިއެކި ވިޔަފާރި ކުރާ ތަންތަން ކަމަށެވެ.

އެންޑީއެމްއޭ އިން ބެލި 34 ގޭބިސީގެ އިމާރާތަށް ގެއްލުންވެފައިވާ ކަމަށާއި ސްޓްރަކްޗާތަކަށް 248،381ރ.ގެ ގެއްލުންވެފައިވާ ކަމަށެވެ.

އަދި 65 ގޭބިސީއެއްގެ ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށާއި ގެއްލުމުގެ އަގު މިލިއަނަކަށް އަރާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. ޖުމްލަ ގެއްލުމުގެ 20 ޕަސެންޓު (208،861ރ.) ސަރުކާރުން އެހީގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީގެ އެސެސްމަންޓުތަކުން ދައްކާ ގޮތުގައި ސްޓްރަކްޗާތަކުން އެންމެ ގިނައިން ގެއްލުންވެފައި ހުރީ ސީލިންގާއި ގޭގޭ ތަޅުންގަނޑަށެވެ. އަދި ހިފައި ގެންގުޅޭ ތަކެތިން އެންމެ ގިނައިން ގެއްލުންވީ އަލަމާރިތަކަަށާއި ބަދިގޭ ކަބަޑު ސެޓާއި އެނދުތަކަށް ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި މާލެ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވެގެން 164 މީހުން ރިޕޯޓު ކުރި އެވެ. އަދި އަށް ގެއަކުން 42 މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ވަނީ ފޯރު ކޮށްދީފަ އެވެ. އަދި ގެތަކުގައި ވެލި ބަސްތާތައް ޖަހަން 10،000 އަށް ވުރެ ގިނަ ބަސްތާ ދޫކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.