Roadha Mihaaru
އީރާންގައި ބޮން ގޮއްވައި 100 އަށްވުރެ ގިނަ މަރު

އީރާންގެ ޖެނެރަލްގެ މަރަށް ހަތަރު ފުރުން ފާހަގަކުރަނިކޮށް ބޮން ގޮއްވައި 100 އަށްވުރެ ގިނަ މީހުން މަރާލައިފި

04 ޖެނުއަރީ 2024

އީރާންގެ އިސްލާމީ އިންގިލާގުބެ ލަޝްކަރުގެ ޖެނެރަލް ގާސިމް ސުލައިމާނީ އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އަވަހާރަކޮށްލިތާ ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް މީހުން އެއްވެ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ދެ ބޮން ގޮއްވާލުމުން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އީރާންގެ އިސްލާމީ އިންގިލާގުބެ ލަޝްކަރުގެ ޖެނެރަލް ގާސިމް ސުލައިމާނީ އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އަވަހާރަކޮށްލިތާ ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް މީހުން އެއްވެ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ދެ ބޮން ގޮއްވާލުމުން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ފުރަތަމަ ހަމަލާ ދީފައިވަނީ "ޝަހީދުންގެ ގަބުރުސްތާނު" ކައިރީގަ އެވެ. އަދި އޭގެ 15 މިނެޓް ފަހުން، ވެސް ވަނީ ބޮމެއް ގޮއްވާލައިފަ އެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައި ނެތަސް މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.

"ހަމަލާތަކުގައި ޒަހަމްވި ބައެއް މީހުން މިހާރު މަރުވެފައި ވާތީ، މަރުވި ޖުމްލަ އަދަދު މިހާރު ވަނީ 103 އަށް އަރާފައި،" އީރާންގެ ރަސްމީ ނިއުސް އެޖެންސީން ބުންޏެވެ.

އެ ނިއުސް އެޖެންސީން ބުނީ ދެ ހަމަލާގައި ޒަހަމްވި މީހުންގެ އަދަދު 211 އަށް އަރާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ފުރަހަމަ ހަމަލާއާ އެކު މީހުންނަށް އެހީވާން ދިޔަ ތިން ޕެރަމެޑިކެއް ވެސް ހިމެނެ އެވެ. އެ މީހުން މަރުވީ ފުރަތަމަ ހަމަލާގައި ޒަހަމްވި މީހުން ނަގަން ކުއްލި ހާލަތުގައި ދިޔަ ވަގުތު އިތުރު ބޮމެއް ގޮއްވާލުމުންނެވެ.

އީރާންގެ ބައެއް ނިއުސް އެޖެންސީތަކުން ބުނި ގޮތުގައި ހަމަލާ ދިން މީހުން ގޮވާތަކެތި އުފުލީ ގޯނިތަކެއްގަ އެވެ. އަދި އެ އެއްޗެހި ގޮއްވާލީ ރިމޯޓުން ކަމަށް ވެސް ބުނެފައިވެ އެވެ. އެމެރިކާ އާއި އިޒްރޭލުގެ އަތެއް މި ހަމަލާގައި ނެތް ކަމަށް އިސްވެ ބުނެފައި ވާތީ މިއީ އެ މީހުން ޒިންމާ ނަގަންޖެހޭ ހަމަލާއެއްކަން މިހާރު އެނގޭ ކަމަށް އީރާންގެ ރައީސްގެ ޕޮލިޓިކަލް ޑެޕިއުޓީ މުހައްމަދު ޖަމްޝީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

އީރާންގެ ރައީސް އިބްރާހިމް ރައީސީ ވިދާޅުވީ މިއީ ވަރަށް ފިނޑި އަމަލެއް ކަމަށެޗެ. އަދި މިކަމުގެ ހިތާމާގައި މިއަދީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ. -- އޭއެފްޕީ