Roadha Mihaaru
ޔޫރަޕަށް ކޮލިފައިވާން އެފްއޭ ކަޕް ވަރަށް މުހިއްމު

ޔޫރަޕަށް ކޮލިފައިވާން އެފްއޭ ކަޕް ވަރަށް މުހިއްމު: ޕޮޗެޓީނޯ

06 ޖެނުއަރީ 2024

ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި ޕްރިމިއާ ލީގުގެ 10 ވަނައިގައި މިވަގުތު އޮތް ޗެލްސީ، އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދުމުގެ ގޮތުން އެފްއޭ ކަޕަކީ "ވަރަށް މުހިއްމު" މުބާރާތަކަށް ވެފައި ވާކަމަށް އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި ޕްރިމިއާ ލީގުގެ 10 ވަނައިގައި މިވަގުތު އޮތް ޗެލްސީ، އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދުމުގެ ގޮތުން އެފްއޭ ކަޕަކީ "ވަރަށް މުހިއްމު" މުބާރާތަކަށް ވެފައި ވާކަމަށް އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ކްލަބްގެ ހިންގުން ބަދަލުވެގެން ދިމާވި އެކިއެކި މައްސަލަތަކާ އެކު، މިދިޔަ ސީޒަންގައި ލީގުގެ 12 ވަނައިގައި ނިންމާލަން ޖެހުމުން ޗެލްސީ އަށް މި ސީޒަންގައި ޔޫރަޕްގެ މުބާރާތެއް ނުކުޅެވެ އެވެ.

"އެފްއޭ ކަޕް ނޫނީ ކަރަބާއޯ ކަޕް (ލީގް ކަޕް) އިން އަހަރެމެން ބޭނުންވާ ކަން (އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅުން) ހާސިލް ވާނެ. މިއީ އަހަރެމެންނަށް ވަރަށް މުހިއްމު މުބާރާތެއް، އެއީ އަހަރެމެން (ލީގުގައި) މި އޮތީ ޔޫރަޕް މުބާރާތަކަށް ކޮލިފައިވާ ހިސާބަކު ނޫން. ލީގުން އަހަރެމެން ޔޫރަޕަށް ކޮލިފައި ވާން ވެއްޖެއްޔާ ވަރަށް އަވަސް ގޮތަކަށް ވަރަށް ބޮޑު ކުރިއެރުމެއް އެބަ ޖެހޭ ހޯދަން،" ޕޮޗެޓީނޯ ބުންޏެވެ.

މި ސީޒަންގައި ލީގުގައި އެންމެ ފުރަތަމަ ކުޅުނު 20 މެޗުން ޕޮޗެޓީނޯގެ ޗެލްސީ އަށް މެޗުން ބަލިވެފައި ވާއިރު މޮޅެއް ހޯދުނީ ވެސް އަށް މެޗުންނެވެ. ޗެލްސީ އާއި ލީގު ޓޭބަލްގެ ފަސްވަނައިގައި އޮތް ޓީމާ ދެމެދު ވެސް 11 ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.

ޗެލްސީ އެންމެ ފަހުން އެފްއޭ ކަޕް ކާމިޔާބު ކޮށްފައި ވަނީ 2018 ވަނަ އަހަރެވެ. މިދިޔަ ސީޒަންގެ މުބާރާތުން ކެޓީ ތިންވަނަ ބުރުންނެވެ. ނަމަވެސް އޭގެ ކުރީ ސީޒަންގެ ފައިނަލްގައި ކުޅުނެވެ.

ރާއްޖެ ގަޑިން މިރޭ 10:30 ގައި ޗެލްސީގެ އަމިއްލަ ދަނޑުގައި އެފްއޭ ކަޕްގެ ތިންވަނަ ބުރުގެ މެޗުގައި ނުކުންނާނީ ޗެމްޕިއަންޝިޕް ކުޅޭ ޕްރެސްޓަން ނޯތު އެންޑާ ދެކޮޅަށެވެ.

"އަހަރެމެންނަށް އެފްއޭ ކަޕް ކާމިޔާބު ކުރެވޭނެ. އެފްއޭ ކަޕާއި ކަރަބާއޯ ކަޕްގައި ވަރަށް ސީރިއަސް މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ،" މިރޭގެ މެޗުގެ ކުރިން އޮތް ޕްރެސްގައި ޕޮޗެޓީނޯ ބުންޏެވެ.

ޗެލްސީގައި އާއްމުކޮށް ސްޓާޓް ކުރާ ފޯވާޑް ނިކޮލަސް ޖެކްސަން ވަނީ އެފްރިކަން ކަޕް ކުޅެން ސެނެގާލް ގައުމީ ޓީމާ ގުޅިފަ އެވެ.