Roadha Mihaaru
ދުވާލު ނިދުމުން ކުޑަކުދިންނަށް ބަސް ދަސްކުރަން ފަސޭހަވޭ

ދުވާލު ނިދުމުން ކުޑަކުދިންނަށް ބަސް ދަސްކުރަން ފަސޭހަވޭ

16 ފެބުރުއަރީ 2017

އާ ބަސްތައް ދަސްކުރުމަކީ ކުޑަކުދިންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އާ ދިރާސާއެއްގައި ބުނަނީ ޕްރީ ސްކޫލަށް ދާ އުމުރުގެ ކުދިން ދުވާލު ކުޑަ ވަގުތުކޮޅަކު ނިދާލާ ނަމަ ބަސް ދަސްކުރުމުގެ ގާބިލްކަން އިތުރުވާ ކަމަށެވެ.

އާ ބަސްތައް ދަސްކުރުމަކީ ކުޑަކުދިންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އާ ދިރާސާއެއްގައި ބުނަނީ ޕްރީ ސްކޫލަށް ދާ އުމުރުގެ ކުދިން ދުވާލު ކުޑަ ވަގުތުކޮޅަކު ނިދާލާ ނަމަ ބަސް ދަސްކުރުމުގެ ގާބިލްކަން އިތުރުވާ ކަމަށެވެ.

މި ދިރާސާކުރުމަށް އުމުރުން ތިން އަހަރުގެ 39 ކުއްޖަކު ބައިވެރިކޮށްފައިވެ އެވެ. އާ ބަސްތައް ދަސްކުރުމުގެ ގާބިލްކަން މި ކުދިންގެ ކިބައިގައި ހުރި މިންވަރު ދެނެގަތުމަށް ކުރި މަސައްކަތުން އެނގުނު ގޮތުގައި މި ކުދިންގެ ތެރެއިން ދުވާލު ނިދި ކުދިންނަށް، ނިދީގެ 24 ގަޑިއިރު ފަހުން ބަސްތައް ފަސޭހައިން ދަސްވެފައިވެ އެވެ.

"ނިދީގެ އެކު މަރުހަލާތަކުން ހަނދާން ގަދަވުމަށް އެހީވެދޭ ކަމަށް ސާބިތުވާ ކިތަންމެ ދިރާސާއެއް އެބަހުރި. އޭގެ ތެރެއިން 'ސްލޯ-ވޭވް' ސްލީޕް ނުވަތަ ފުން ނިންޖަކީ ނިދީގެ ވަރަށް މުހިންމު މަރުހަލާއެއް،" ދިރާސާގައި އިސްކޮށް ހުންނެވި ރެބެކާ ގޯމޭޒް ވިދާޅުވި އެވެ. އޭނާ އަކީ ޔުނިވަސިޓީ އޮފް އެރިޒޯނާގެ ޗައިލްޑް ކޮގްނިޝަން ލެބްގެ ޕްރިންސިޕަލް އިންވެސްޓިގޭޓާ އެވެ.

އޭނާ ވިދާޅުވީ ނިދީގެ މި މަރުހަލާ އެހާ މުހިންމު ވަނީ ހަނދާނުގައި ހުންނަ ކަންކަން އަލުން ސިކުނޑީގައި "ރިޕްލޭ" ވާތީ ކަމަށެވެ. މި މަރުހަލާގައި ހަނދާންތައް އާވެ ސިކުނޑީގައި އިތުރަށް ހަރުލާ ކަމަށާއި އެހެންވެ ހަނދާންތައް ގަދަވާ ކަމަށް ގޯމޭޒް ވިދާޅުވި އެވެ.

ދިރާސާގައި ބުނެފައި ވަނީ ކުޑަކުދިން ދުވާލު ނުނިދި ކަމުގައި ވިޔަސް އެއީ ކަންބޮޑުވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. މުހިންމީ މި އުމުރުގެ ކުއްޖަކު 24 ގަޑިއިރު ތެރޭގައި 10-12 ގަޑިއިރު ނިދުންކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

"ކުޑަކުދިންނަށް އެކަށީގެންވާ ވަރަށް ނިދި ނުލިބޭ ނަމަ ދިގު މުއްދަތުގައި އެ ކުދިންނަށް ކުރިމަތިވެދާނެ މައްސަލަތައް ހުންނާނެ. ހަނދާނާ ގުޅުން ހުރި ކަންމުގެ މައްސަލަތައް މީގެ ތެރޭގައި ހިމެނޭ،" ގޯމޭޒް ވިދާޅުވި އެވެ.

ދިރާސާ ޓީމުން ބުނީ ކުޑަކުއްޖަކު ރޭގަނޑު ރަނގަޅަށް ނުނިދާކަން ފާހަގަވާ ނަމަ އެ ކުއްޖަކު ދުވާލު ނިންދެވުން މުހިންމު ކަމަށެވެ.