Roadha Mihaaru
ސްކްރީން ޓައިމްގެ ސަބަބުން ސިކުނޑިއަށް ގެއްލުން

ސްކްރީން ޓައިމްގެ ސަބަބުން ސިކުނޑިއަށް ގެއްލުން

29 ސެޕްޓެމްބަރ 2018

ސްކްރީން ޓައިމަށް ދޭ ވަގުތު އިތުރުވުމަކީ ދަރިންގެ ސިކުނޑީގެ ދުޅަހެޔޮކަމަށް އޮތް ނުރައްކަލެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްކްރީން ޓައިމަށް ދޭ ވަގުތު އިތުރުވުމަކީ ދަރިންގެ ސިކުނޑީގެ ދުޅަހެޔޮކަމަށް އޮތް ނުރައްކަލެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ދަ ލާންސިޓް ޗައިލްޑް އެންޑް އެޑޮލެސެންޓް ހެލްތު ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ދަރިންގެ ސިކުނޑީގެ ބާރު ގަދަކުރަން ބޭނުން ނަމަ ފޯނާއި ޓެބްލެޓާއި ޓީވީއަށް ދޭ ވަގުތު ކުޑަކޮށް، ހަމަ ނިދި ލިބުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ހައްދެއް ނެތް ވަރަށް އިންނެޓާއި ވީޑިއޯ ގޭމް ފަދަ ވަސީލަތްތަކުގެ ތެރެއަށް ދަރިން ދޫކޮށްލައި، ޖިސްމާނީ ގޮތުން ހަރަކާތްތެރިކަން ކުޑަ ކަންކަމަށް އާދަކުރުމަކީ ސިކުނޑީގެ ހެދި ބޮޑުވުމަށް ހުރަސް އަޅާނެ ކަމެކެވެ.

ވަކިން ހާއްސަކޮށް އުމުރުން 8-11 އަހަރާ ދެމެދުގެ ކުދިންނާ ދޭތެރޭ ފަރުވާތެރި ވާންޖެހޭ ކަމަށާއި އެފަދަ ނުރަނގަޅު އާދަތަކުގެ ސަބަބުން އެ އުމުރުފުރާގެ ކުދިންގެ ސިކުނޑީގެ ހެދިބޮޑުވުން ފަސް ޕަސެންޓަށް ދަށްކޮށްލާ ކަމަށް ދިރާސާގައި ބުންޏެވެ.

ކެނެޑާގެ ޗިލްޑްރެން ހޮސްޕިޓަލް އޮފް އީސްޓަން އޮންޓާރިއޯ (ސީއެޗްއީއޯ) ގެ ރިސާޗް އިންސްޓިޓިއުޓްގެ ޑރ. ޖެރެމީ ވޮލްޝް ވިދާޅުވި ގޮތުގައި ދަރިންގެ ހެދިބޮޑުވުމަށް ހަރަކާތްރތެރިކަން ވަރަށް މުހިއްމެވެ. އެގޮތުން ކޮންމެ ދުވަހަކީ ވެސް ދަރިންނަށް ހަރަކާތްތެރިކޮށް އުޅެވޭނެ ވަގުތުތަކެއް ހޯދައި ދޭން ޖެހޭ ދުވަހެއް ކަމަށް ވިދާޅުވި އެވެ.

ކުދިންތަކެއް ކުޅެނީ: ހަރަކާތްތެރިވެވޭނެ ކަންކަމުގައި ކުދިން ޝާމިލު ކުރަން ޖެހޭ.

ކުދިންތަކެއް ކުޅެނީ: ހަރަކާތްތެރިވެވޭނެ ކަންކަމުގައި ކުދިން ޝާމިލު ކުރަން ޖެހޭ.

"އެހެން ނޫން ކަމަށްވާ ނަމަ ޖިސްމާނީ ގޮތުން ވެސް ހެދިބޮޑުވާން ޖެހޭ ވަރަށް ހަށިގަނޑު ތަރައްގީ ނުވުމާއި ސިކުނޑި ވެސް މަސައްކަތް ކުރަންވާ ވަރަށް މަސައްކަތް ކުރުމަށް ހުރަސް އެޅިގެން ދާނެ،" ޖެރެމީ ވިދާޅުވި އެވެ. "ހަމަމިއާ އެކު ކޮންމެ ދުވަހަކީ ވެސް ދަރިންނަށް ހަމަ ނިދި ލިބެން ޖެހޭ ދުވަހަކަށް ހަދަން ޖެހޭނެ. ބަރާބަރަށް ނިދި ނުލިބޭ ނަމަ ސިއްހީ އެކި ކަހަލަ މައްސަލަތައް ދިމާވާނެ."

އޭނާ ވިދާޅުވި ގޮތުގައި ދުވާލަކު ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ކުދިން ސްކްރީން ޓައިމް ދިނުމަކީ ސިކުނޑި ހެދިބޮޑުވާން ހުރަސް އަޅަން މަގުފަހި ވާނެ ކަމެކެވެ. އެހެންވެ ޓެބްލެޓާއި ޓީވީ ފަދަ ވަސީލަތްތަކަށް ދޭ ވަގުތު ކުޑަ ކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.