Roadha Mihaaru
އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކުރަނީ

ރާއްޖޭން އިންޑިއާ ސަފީރު ވެސް ފޮރިން މިނިސްޓްރީއަށް ހާޒިރުކުރަނީ

08 ޖެނުއަރީ 2024

އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ހިމެނޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓްތަކާ ގުޅިގެން، އިންޑިއާ އިން ރާއްޖޭގެ ސަފީރު ހާޒިރުކޮށްފައިވަނިކޮށް އިންޑިއާގެ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ހިމެނޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓްތަކާ ގުޅިގެން، އިންޑިއާ އިން ރާއްޖޭގެ ސަފީރު ހާޒިރުކޮށްފައިވަނިކޮށް އިންޑިއާގެ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގައިފި އެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގާފައިވަނީ މެންދުރު 12:00 އަށެވެ.

ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގާފައިވާއިރު އިންޑިއާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މިއަދު ހެނދުނު ވަނީ ހާޒިރުކޮށްފަ އެވެ.

އެއް ގައުމުން އަނެއް ގައުމެއްގެ ސަފީރަކު ހާޒިރުކުރަނީ ދިމާވާ އެކި ކަންކަމުގައި އޮންނަ ހިތްހަމަނުޖެހުމާއި ދެކޮޅުވެރިކަން ހާމަކުރުމާ އެކު އެކަމުގައި އެ ގައުމެއްގެ ވިސްނުން ސީރިއަސްކަން ހާމަކުރުމުގެ ގޮތުންނެވެ.

ބޮޑުވަޒީރު މޯދީ އިންޑިއާގެ ލަކްޝަދީބްގެ ޓޫރިޒަމް ޕްރޮމޯޓްކުރެއްވުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކާ އެކު އެއީ ރާއްޖެއާ ދެކޮޅަށް ކުރާ ކެމްޕެއިނެއް ކަމަށް ބަލައި ރާއްޖެ އާއި އިންޑިއާގެ އެކި ފެންވަރުގެ މީހުން ވެސް ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ދީފައި ވާއިރު ވަރަށް ހުތުރު އަދި މަލާމާތުގެ ބަސްތައް ބޭނުންކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނުނު ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު އިއްޔެ ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

މި ބޭފުޅުން ސަސްޕެންޑްކުރިކަން ހާމަކުރުމުގެ ކުރިން ސަރުކާރުން ނެރުނު ބަޔާނެއްގައި، ބޭރުގެ ވެރިންނަށް ކުޑައިމީސްކޮށް ވާހަކަ ދެއްކި މީހުން ހާމަކޮށްފައިވަނީ ސަރުކާރުގެ ވިސްނުން ނޫން ކަމަށާއި އެއީ އެ ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ބުނެފައިވެ އެވެ. އެކަމަކު ހިޔާލު ފާޅުކުރަން ޖެހޭނީ ޑިމޮކްރަޓިކް އަދި ޒިންމާދާރުކަމާ އެކުގައި ކަމަށް ބުންޏެވެ.

މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ރާއްޖޭން އިންޑިއާގެ ސަފީރުން އެކި މައްސަލަތަކާ ގުޅިގެން ހާޒިރުކޮށްފައިވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު، އޭރު ވެރިކަން ކުރި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިންޑިއާއަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލި މައްސަލައިގައި، ރާއްޖޭގައި އޭރު ހުންނެވި އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރި އެވެ.

އަދި ހަމަ އެހަ އަހަރު، ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ ޓްވީޓްކުރެއްވި މައްސަލާގައި އިންޑިއާ ސަފީރު އަކިލެޝް މިޝްރާ ފޮރިން މިނިސްޓްރީ އަށް ހާޒިރުކުރި އެވެ.