Roadha Mihaaru
ހެލިކޮޕްޓަރު ޖެއްސީ އިމަޖެންސީ ހާލަތުގައި:ހައި ކޮމިިޝަން

ހެލިކޮޕްޓަރު ތިމަރަފުއްޓަށް ޖެއްސީ އިމަޖެންސީގައި: އިންޑިއާ ހައިކޮމިޝަން

14 މެއި 2024

އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ހެލިކޮޕްޓަރުތަކުގައި ތިބި އެ ގައުމުގެ ސިފައިން ދިވެހި އަސްކަރިއްޔާ އަށް ނޭނގި ދަތުރެއް ކުރި ކަމަށް އެމްއެންޑީއެފުން ބުނި ބުނުމާ ގުޅިގެން، އެ ދަތުރުކުރީ އިމަޖެންސީ ހާލަތެއް މެދުވެރިވެގެން ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.

އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ހެލިކޮޕްޓަރުތަކުގައި ތިބި އެ ގައުމުގެ ސިފައިން ދިވެހި އަސްކަރިއްޔާ އަށް ނޭނގި ދަތުރެއް ކުރި ކަމަށް އެމްއެންޑީއެފުން ބުނި ބުނުމާ ގުޅިގެން، އެ ދަތުރުކުރީ އިމަޖެންސީ ހާލަތެއް މެދުވެރިވެގެން ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަމުން އައި އިންޑިއާގެ ހުރިހާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެ އިން ފޮނުވާލާފައިވާތީ، އެކަމާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ހޮނިހިރު ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރުގެ މައްސަލަތައް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލި އިރު ދިވެހި ސިފައިންނަށް ނޭނގި ފްލައިޓެއް އަޅާފައިވާ މައްސަލަ ފެންމަތިވި އެވެ.

"އަޅުގަނޑު ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރި މިދިޔަ ފަސް އަހަރުގެ ތެރޭގައި 241 ކޮމިޓީން އޮންނާނެ ބަލާފައި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އަޅާފައި އޮތް ކަން. ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި. އެއީ ތިމަރަފުއްޓަށް ލޭންޑްކުރި އިންސިޑެންޓެއް،" ޣައްސާން އެ ދުވަހު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އިންޑިއާ ހައިކޮމިޝަނުން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތައް އަބަދުވެސް އޮޕަރޭޓު ކޮށްފައި ވާނީ، އެއްބަސްވެފައިވާ ގޮތަށް އެމްއެންޑީއެފްގެ ހުއްދައާ އެކު ކަމަށެވެ.

"ނޫސްވެރިންގެ ބައްދަލުވުމުގައި ހަވާލާ ދެވުނު ދަތުރު ވެސް އޮކްޓޯބަރު 9، 2019 ގައި ކުރެވިފައިވަނީ އެމްއެންޑީއެފްގެ ހުއްދަ ލިބިގެން،" ބަޔާނުގައި ބުންޏެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި އެ ދަތުރުގައި ތިމަރަފުއްޓަށް ޖައްސާފައިވަނީ ދިމާވި އެމަޖެންސީ ހާލަތެއްގައި ކަމަށާއި، އުޅަނދާއި ކްރޫގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އުޅަނދު ޖައްސާފައިވަނީ އެއާޓްރެފިކް ކޮންޓްރޯލްގެ ވެސް ހުއްދަ ލިބިގެންނެވެ.

ހޮނިހިރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފްސީލް ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ އިންޑިއާ ސިފައިން ހެލިކޮޕްޓަރު ޖެއްސީ ތިމަރަފުށީ އެއާޕޯޓަށް ކަމަށެވެ.

އެ މައްސަލާގައި އެމްއެންޑީއެފްގެ ހުއްދަ ނެތި ހެލިކޮޕްޓަރާއި ޑޯނިއާ ނުއުދުއްސޭނެ ކަން އިންޑިއާގެ ސިފައިންނަށް އެންގި ކަމަށް ވެސް ހިލްމީ ވިދާޅުވި އެވެ.

"ހެލިކޮޕްޓަރު ޑޯނިއާ ވެސް އުދުއްސޭނީ [ދިވެހި] އަސްކަރިއްޔާގެ ހުއްދަ ލިބިގެން ކަމަށް އެ ފަރާތަށް އެންގުނު،" ހިލްމީ ވިދާޅުވި އެވެ.

ހެލިކޮޕްޓަރުތައް އެމްއެންޑީއެފްގެ ހުއްދަ ނެތި ފްލައިޓުތައް އަޅާ ކަމުގެ ތުހުމަތު އޭރު ވެސް ވަރަށް ބޮޑަށް އޮތެވެ. ނަމަވެސް އޭރު އެމްއެންޑީއެފްގެ ވެރިންނާއި ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ އެ ހެލިކޮޕްޓަރުތަކަށް އެމްއެންޑީއެފްގެ ފުރިހަމަ ކޮމާންޑް އޮންނަ ކަމަށެވެ.

މި ސަރުކާރުން ވަނީ ހެލިކޮޕްޓަރުތައް އިޕަރޭޓް ކުރަމުން އައި އިންޑިއާގެ އަސްކަރިއްޔާގެ 76 އޮފިސަރެއް ފޮނުވާލުމަށް ފަހު ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މީހުން އެ މަސައްކަތާ ހަވާލުވުމަށް ގެނެސްފަ އެވެ.

އެއާ އެކު އެ އުޅަނދުތަކުގެ ފުރިހަމަ ކޮމާންޑް އެންޑް ކޮންޓްރޯލް ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ޣައްސާން ވިދާޅުވި އެވެ.