Roadha Mihaaru
ރައީސަށް ހާއްސަކުރީ ބްރިޖުގެ މޮޑެލް

ރައީސަށް ހާއްސަކުރީ ބްރިޖުގެ މޮޑެލް

08 ޖެނުއަރީ 2024

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ފުޖިއަން ޕްރޮވިންސްގެ ލީޑަރުންނާ އެކު ބޭއްވި ބެންކުއަޓްގައި ގިނަ ބަޔަކު އަޅައިގަތީ ސިނަމާލެ ބްރިޖުގެ މޮޑެލް އެވެ.

އަހުމަދު ހަމްދޫން ފުޖިއަން ޕްރޮވިންސުން އަހުމަދު ހަމްދޫން

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ފުޖިއަން ޕްރޮވިންސްގެ ލީޑަރުންނާ އެކު ބޭއްވި ބެންކުއަޓްގައި ގިނަ ބަޔަކު އަޅައިގަތީ ސިނަމާލެ ބްރިޖުގެ މޮޑެލް އެވެ.

މިރޭ ބޭއްވި އެ ހަފުލާގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ވަފުދުގެ ބޭފުޅުންނަށް ހާއްސަކުރި މޭޒުގެ ދެ ފަރާތުން ދައްކައިދިނީ ރާއްޖޭގެ ޖަޒީރާ ރަށްތަކާ އެކު ބްރިޖުގެ މޮޑެލް އެކެވެ. އެ މޮޑެލް އިން ފެންނަނީ ބްރިޖަށް އަރާއިރު މާލެ ކޮޅުން ހަރުކޮށްފައިވާ މޮނިއުމަންޓާ އެކު ބްރިޖުގެ އެއްބައެވެ.

ސިނަމާލެ ބްރިޖު ހަގީގަތަކަށް ހެދުމުގައި އޭރުގެ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅަކީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް މުއިއްޒެވެ.

ދިވެހި ވަފުދުގެ އިސްވެރިއަކު ވިދާޅުވީ، ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ އިސް އޮފިޝަލުންތަކެއް ސިނަމާލެ ބްރިޖުގެ މޮޑެލްއާ އެކު ދިނީ އެ މަނިކުފާނަށް ޕޮޒިޓިވް މެސެޖެއް ކަމަށެވެ.

"ދެ ގައުމުގެ ގުޅުމުގައި އެ ބްރިޖު ކުރިމަގަށް ވެސް މުހިންމު ފިޔަވަޅުތަކެއް އަޅާނެ ކަމުގެ މެސެޖު އެއީ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ފުޖިއަން ޕްރޮވިންސްގެ ލީޑަރުންނާ އެކު ބޭއްވި ބެންކުއަޓްގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިރޭ ވަނީ ސިނަމާލެ ބްރިޖު ހެދި ޗައިނާގެ ކުންފުނި ސީސީސީސީގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެކަމަކު ބައްދަލުވުމުގެ ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރައީސް މުއިއްޒު ޗައިނާ އަށް ކުރައްވާ ދަތުުރުފުޅުގައި މާދަމާ ބެއިޖިން އަށް ވަޑައިގަންނަވާނެ އެވެ. އޭގެ ކުރިން އެ މަނިކުފާނު ވަޑައިގަންނަވާނީ ފުޖިއަންގައި ބާއްވާ އިންވެސްޓް މޯލްޑިވްސް ފޯރަމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު، ސިނަމާލެ ބްރިޖަކީ 200 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ބިނާއެކެވެ. އޭގެ ތެރެއިިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. އެ މަޝްރޫ އަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ފުޖިއަން ޕްރޮވިންސްގެ ލީޑަރުންނާ އެކު ބޭއްވި ބެންކުއަޓްގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ފުޖިއަން ޕްރޮވިންސްގެ ލީޑަރުންނާ އެކު ބޭއްވި ބެންކުއަޓްގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ވަރަށް ގިނަ ބްރިޖުތައް ފަސޭހަކަމާ އެކު ނިންމާލެވުނު ނަމަވެސް "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު"ގެ ހުވަފެން ހަގީގަތަކަށް ހަދަން ސީސީސީސީ އަށް ކުރަން ޖެހުނު މަސައްކަތްތައް އުނދަގޫވެފައި ގޮންޖެހުން ބޮޑެވެ. އެއް ކަމަކަށް އެ ކުންފުނިން އޭރު ފާހަގަކުރީ ބްރިޖު އެޅި ސަރަހައްދެވެ. ފުން ކަނޑުގައި ބްރިޖު އަޅާއިރު، އެތަނުގެ އޮއިވަރާއި އެހެން ވެސް ކަންކަމަށް ބަލައި މަސައްކަތް ކުރަން ފަސޭހަ ނުވުމެވެ. އެކަމަކު ވެސް އެ ބްރިޖަކީ ދެ ގައުމުގެ ގުޅުމުގެ ރަމްޒު ކަމުގައި ދެކިގެން އެ މީހުން ވެސް އެ މަސައްކަތް ކުރީ ވަރުގަދަ އަޒުމާ އެކުގައި ކަމަށް ސީސީސީސީން ކުރިން ބުނެފައިވެ އެވެ.

މާލެ އާއި ހުޅުލެ ގުޅުވާލައި ރާއްޖޭގެ ތާރިހު ބަދަލުކޮށްލި މި ބްރިޖުގެ ދިގުމިނުގައި 1.4 ކިލޯމީޓަރު ހުރެ އެވެ.