Roadha Mihaaru
ރަަސްމާލޭގައި 30،000 ގެދޮރު އަޅަން ޗައިނާގެ އެހީ

ރަަސްމާލޭގައި 30،000 ގެދޮރު އަޅަނީ ޗައިނާގެ އެހީގައި

11 ޖެނުއަރީ 2024

ރައީސް ޑރ. މުހައްަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ހައުސިން މަޝްރޫއު ކަމަށްވާ ރަސްމާލޭގައި 30,000 ހައުސިން ޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާ އެކު އިއްޔެ ސޮކުރި ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

އަހުމަދު ހަމްދޫން ބެއިޖިން އިން އަހުމަދު ހަމްދޫން

ރައީސް ޑރ. މުހައްަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ހައުސިން މަޝްރޫއު ކަމަށްވާ ރަސްމާލޭގައި 30,000 ހައުސިން ޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާ އެކު އިއްޔެ ސޮކުރި ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް ޑރ. މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި 20 އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާ އެކު އިއްޔެ ސޮއިކުރި އެވެ. އޭގެ ތެރެއިން އެއް އެމްއޯޔޫއަކީ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގައި ސޯޝަލް ހައުސިންޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެކެވެ.

ރައީސް ޑރ. މުއިއްޒާ އެކު ޗައިނާގައި ހުންނެވި ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވީ, އެ އެމްއޯޔޫގެ ދަށުން ރަސްމާލޭގައި 30,000 ހައުސިން ޔުނިޓް އިމާރާތް ކުރާނެ ކަމަށެވެ. އެކަމަކު, ޗައިނާ އިން އެ މަޝްރޫއަށް ދޭނެ އެހީތަކާ ގުޅޭ ވާހަކަތައް ހާމަކުރައްވާނީ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ. ”އެ މަޝްވަރާތައް އަދި ކޮށްފައި އަޅުގަނޑުމެން ތަފުސީލު ހާމަކުރާނީ,“ ހައިދަރު ވިދާޅުވި އެވެ.

އެހެންވެ, 30,000 ހައުސިން ޔުނިޓް ހެދުމަށް ޗައިނާ އިން ދޭ ހިލޭ އެހީގެ އަދަދެއް އެއީ ނުވަތަ ލޯނެއް ކަމެއް ނުވަތަ ފައިސާ މެނޭޖު ކުރާ ގޮތެއް އަދި ސާފެއް ނޫނެވެ.

ދިވެހި ސަރުކާރުގެ އިސް އޮފޝަލަކު ވިދާޅުވީ، ޗައިނާ ސަރުކާރާ އެކު އެމްއޯޔޫއެއްގައި ސޮއިކުރުމުން އެ 30،000 ގެދޮރު އަޅަން އެ ގައުމުގެ އެހީތެރިކަން ލިބޭނެކަން ކަށަވަރުވީ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ރަސްމާލޭގައި ގޯއްޗާއި ފްލެޓް ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓް އިމާރާތް ކުރާނެ ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު މި ގައުމަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ އިސްވެރިން ވަނީ ރާއްޖެ އަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒަށް ދެއްވައިފަ އެވެ.

ރައީސް ޝީ އާއި ރައީސް ޑރ. މުއިއްޒު އިއްޔެ ބައިވެރިވެވަޑައިގެން ބޭއްވެވި ދެ ގައުމުގެ ރަސްމީ ވާހަކަތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި ގުޅުން އިތުރު ހަރުފަތަކަށް ގޮސްފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވި އެވެ. އަދި ޗައިނާގެ ސަރުކާރުގައި ރައީސް ޝީ ފިޔަވައި އެންމެ ބާރުގަދަ ދެ ބޭފުޅުން ކަމަށް ވާ ޕްރިމިއާ އާއި ވައިސް ޕްރިމިއާއާ އެކު, ރައީސް ޑރ. މުއިއްޒު މިއަދު ބޭއްވެވި ދެ ބައްދަލުވުމުގައި ވެސް އެ ދެ ބޭފުޅުން ވަނީ ރަސްމީ ވާހަކަތަކުގެ ނަތީޖާގެ ކާމިޔާބުކަން ފާހަގަކުރައްވައިފަ އެވެ.

ރާއްޖެއާ އެކު ވަރަށް ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޕްރިމިއާ އާއި ވައިސް ޕްރިމިއާ ވެސް ރައީސް ޑރ. މުއިއްޒަށް އެރުވި އެވެ.