Roadha Mihaaru
ރައީސް ޝީގެ ވާހަކަތައް އަޑު އިވުމުން ކަރުނަ ހިލޭވަރުވޭ

ރައީސް ޝީ ގެ ވާހަކަތައް އަޑު އިވުމުން ލޮލުން 'ކަރުނަ ހިލޭ ވަރުވޭ'!

12 ޖެނުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ރައީސް ޝީ ޖިންޕިން އާ އެކު ބޭއްވެވި ރަސްމީ ވާހަކަތަކަށް ފަހު, އެމްއޯޔޫތަކުގައި ސޮއިކޮށް ނިމިގެން ނޫސްވެރިން އެ ހޯލުން ނުކުތް ވަގުތު ޗައިނާގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވެސް ހައިރާން ވެފައި ވިދާޅުވި އެވެ.

އަހުމަދު ހަމްދޫން ބެއިޖިން އިން އަހުމަދު ހަމްދޫން

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ރައީސް ޝީ ޖިންޕިން އާ އެކު ބޭއްވެވި ރަސްމީ ވާހަކަތަކަށް ފަހު, އެމްއޯޔޫތަކުގައި ސޮއިކޮށް ނިމިގެން ނޫސްވެރިން އެ ހޯލުން ނުކުތް ވަގުތު ޗައިނާގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވެސް ހައިރާން ވެފައި ވިދާޅުވި އެވެ.

"މިއީ މިހާ ގިނަ އެމްއޯޔޫތަކެއްގައި ރާއްޖެއާ އެކު ސޮއިކުރި ފުރަތަމަ ފަހަރު. ކުރިން މިހާ ގިނައިން އެއް ފަހަރާ ސޮއެއް ނުކުރޭ," އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ޝީގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު ޗައިނާ އަށް މިދިޔަ ހޯމަ ދުވަހު ވަޑައިގަތީ އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގަ އެވެ. މިއީ މި އަހަރު ޗައިނާ އަށް ބޭރުގެ ލީޑަރަކު ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޗައިނާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ވެސް މެ އެވެ.

ރައީސް މުއިއްޒާއި ރައީސް ޝީ ސަލާން ކުރައްވަނީ

ރައީސް މުއިއްޒާއި ރައީސް ޝީ ސަލާން ކުރައްވަނީ

އެހެންވެ, މިއީ ތާރީހީ ގޮތުން ވެސް ދެ ގައުމަށް މުހިންމު ދަތުރުފުޅެކެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ އަދި ދެ މަސް ވެސް ނުވަނީސް އެ މަނިކުފާނު ޗައިނާ އަށް ވަޑައިގަތުމަކީ ވަރަށް ބޮޑު މެސެޖެއް ލިބޭ ކަމެކެވެ. ޗައިނާގެ އެހީތެރިކަން އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ލިބޭނެ ކަމުގެ ޔަގީންކަމެވެ.

ޗައިނާއާ އެކު ސޮއިކުރި 20 އެމްއޯޔޫގެ ތަފުސީލްތައް އަދި ހާމަނުކުރިޔަސް އެއީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ކުރިއަށް އޮތް ދުވަސްތަކަށް މުހިންމު ސޮއިތަކެކެވެ. ރައީސްގެ އުންމީދީ މަޝްރޫއުތަކާ އެ ސޮއިތައް ވަނީ ގުޅިފަ އެވެ. ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ބޮޑުކުރުމުގެ ބިޔަ ޕްރޮޖެކްޓާއި ރަސްމާލެ އާއި ގުޅިފަޅުގައި އެތައް ހާސް ގެދޮރެއް އެޅުން ހިމެނެ އެވެ. އަދި ފުޑް ސެކިއުރިޓީގެ މަޝްރޫއެއް ވެސް ހިމެނެ އެވެ.

ދެ ގައުމުގެ ވެރިންގެ މަޝްވަރާގެ ތަފުސީލު އަދި ހާމަނުކުރިޔަސް އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި އެއް ބޭފުޅަކު ވިދާޅުވި ގޮތުން ނަމަ ޗައިނާގެ ރައީސް ޝީގެ ވާހަކަފުޅުތައް އަޑު އިިވަޑައިގަތުމުން ވަރަށް ބޮޑަށް "އިމޯޝަނަލް" ވެ "ލޮލުން ކަރުނަ ހިލޭ ވަރުވި" އެވެ.

"އެހާ ވެސް ބޮޑަށް ރައީސް ޝީ ހުންނެވީ ރާއްޖެ އަށް ކަންތައްތައް ކޮށްދެއްވާ ހިތުން. ވިދާޅުވީ, ތިމަންނަ މި އަންގަވަނީ އެ ކަމާ ގުޅޭ އިދާރާތަކުން އެ ކަންކަން ރާއްޖެ އަށް ކޮށްދެއްވާށޭ. ރައީސް މުއިއްޒު ބޭނުންފުޅުވާ ދާއިރާތަކުން އެހީތެރިކަން ދެއްވުމަށް ރަސްމީ ވާހަކަތަކުގައި ވެސް ރައީސް ޝީ އިރުޝާދު ދެއްވި. އެހާ ވެސް ބޮޑަށް ރައީސް ޝީ ހުންނެވީ ރައީސާ އެކު," ރަސްމީ ވާހަކަތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

"ވާހަކަފުޅު މުޅިން ވެސް ހުރީ ރާއްޖެއާ އެކު ގުޅުން ވީހާ ވެސް މައްޗަކަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދެވުމުގެ މައްޗަށް."

އެމްއޯޔޫތަކުގެ ތެރޭގައި ރާއްޖެ އަށް ބޭނުންވާ ވަރަށް ކާބޯތަކެތި ހެއްދުން ނުވަތަ ފުޑް ސެކިއުރިޓީ އަށް އެހީވެ ދިނުމުގެ އެމްއޯޔޫ ވެސް ހިމެނެ އެވެ.

"އެއީ ވެސް ވަރަށް ބޮޑު މަޝްރޫއެއް. ހުރިހާ ދިވެހިންނަށް ބޭނުންވާ ވަރަށް އެކި ވައްތަރުގެ ކާބޯތަކެތި ހެއްދުން އެއީ," ޗައިނާގައި ހުންނެވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވަނީ 20 އެމްއޯޔޫގައި އެޅި ސޮއި އެ ހިސާބުން ފައިލް ކޮށްލައްވާކަށް ނޫނެވެ. މި އަހަރުގެ ތެރޭގައި ހުރިހާ ކަމެއް ވެސް އަމަލީ ގޮތުން ފަށަން އެ މަނިކުފާނު އަދި ޗައިނާ ސަރުކާރު ވެސް ބޭނުންވެ އެވެ.

"އެހެންވެ, ރައީސް މުއިއްޒު ބޭނުންފުޅުވަނީ މި ސޮއިކުރި އެމްއޯޔޫތަކުގެ ކަންކަން ކުރިއަށް ގެންދަން ދެ ގައުމުގެ ގުޅިފައިވާ ސްޓިއަރިން ކޮމިޓީއެއް އެކުލަވައިލަން. އޭރުން ހަމަ ކޮންމެ ދުވަހަކު ވެސް އަޕްޑޭޓްތައް ބަލައި ކުރިއަށް ގެދާނެ ކަންކަން. މި އަހަރުގެ ތެރޭގައި ނަތީޖާ ފެންނަން ރައީސް ބޭނުންފުޅުވޭ. ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ބޭނުންފުޅުވަނީ ވީހާ ވެސް އަވަހަށް ކަންކަން ވާން," އޮފިޝަލް ވިދާޅުވި އެވެ.

ޗައިނާ އިން ރައީސް ޑރ. މުއިއްޒަށް އަރުވަމުން ގެންދަވަނީ އެންމެ މަތީ ޝަރަފެވެ. ކިތަންމެ ކުޑަ ގައުމަކަސް ރާއްޖެ އަކީ ޗައިނާ އަށް ވަރަށް މުހިންމު ގައުމެއްކަން ރައީސް ޑރ. މުއިއްޒަށް ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުން ކުރައްވާ އިހުތިރާމުން އެނގެ އެވެ. ޗައިނާގެ ކޮންމެ ޒިޔާރަތަކުން ދައްކަައި ދެނީ ސަރުކާރުގެ މެހެމާންދާރީގެ ބޮޑު ކަމެވެ.

"ޗައިނާ އިން މިހާރު ނުބަލާ ރާއްޖެ އަކީ ކުޑަ ގައުމެއް ކަމަކަށް. އެހެންވެ އެ ފެންވަރުގައި އެ ޓްރީޓް ކުރަނީ. ރާއްޖެއެކޭ ރޫސީވިލާތެކޭ އެއް ފެންވަރަށް ޓްރީޓް ކުރަނީ. އެހާ ވެސް މަތީގައި ރާއްޖޭގެ އަގު ޗައިނާގެ ކުރިމަތީގައި އޮތީ," ކުރިން ވާހަކަ ދެއްކެވި ޗައިނާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅުގައި ޗައިނާގެ މުހިންމު ބައެއް ތަންތަނަށް ވަޑައިގަތުމުން ވެސް އެ ތަންތަނުގެ ވެރިން ދެއްކެވީ ރާއްޖެ އަށް ކުރާ އިހުތިރާމުގެ ބޮޑު ކަމެވެ. ވާވޭ ސެންޓަރަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ބަހައްޓާފައި ހުރީ ސިނަމާލެ ބްރިޖު ރަމްޒު ކޮށްދޭ މޮޑެލް އެކެވެ. މުޅި ވާވޭ ސެންޓަރު އޮތީ ދިވެހިންނަށް ހާއްސަ ކޮށްފަ އެވެ. ދިވެހި ސަގާފަތާއި ރާއްޖޭގެ މަންޒަރުތައް ދެއްކުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަން މުޅި އެ މާހައުލަށް ބެލުމުން އެނގުނެވެ.

ޗައިނާ މެޝިނަރީ އިންޖިނިއަރިން ގުރޫޕް ކޯޕަރޭޝަން (ސީއެމްއީސީ) އަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން ވެސް ދެއްކީ ދިވެހިންނަށް ކުރާ އިހުތިރާމެވެ. ރާއްޖޭގެ ރައީސްވުމުން މާ ބޮޑަށް އިސްވާ ކަން ފެނުނެވެ.

ރައީސްގެ އަރިހަށް ރާއްޖޭގައި މަސައްކަތްކުރާ މައިގަނޑު ހުރިހާ ކުންފުނިތަކުގެ އެންމެ އިސްވެރިން މިދިޔަ ދެ ދުވަހު ވަޑައިގަތެވެ. އޭގެ ތެރޭގައި ބީޔޫސީޖީ އާއި ސީސީސީސީ ވެސް ހިމެނެ އެވެ. އަދި އެހެން ވަރަށް ގިނަ ކުންފުނިތަކުގެ އެންމެ އިސްވެރިން ރައީސް ޑރ. މުއިއްޒުގެ އަރިހަށް ވަޑައިގަތެވެ.

"އަޅުގަނޑުމެން ދިޔަ ކޮންމެ ތަނަކުން ފެނުނީ ޗައިނާ އިން ދިވެހިން އިސްކުރާ ވަރު. ރާއްޖޭގެ ރައީސް ވީމާ ކުރި އިހުތިރާމް އަދި މާ ބޮޑަށް ފެނުނު," ރައީސްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ސަރުކާރުގެ އިސް ވެރިއަކު ވިދާޅުވި އެވެ.

ރާއްޖެއާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސީދާ ރައީސް ޝީ ދެއްވުމަކީ ވެސް ކުޑަ ކަމެެއް ނޫނެވެ. ދެ ގައުމުގެ ރަސްމީ ވާހަކަތަކުގައި ރައީސް ޝީ ވިދާޅުވީ, ބެލްޓް އެންޑް ރޯޑްގެ ދަށުން ރާއްޖެއާ ގުޅިގެން "ހައި ކޮލިޓީ" މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި އިގްތިސާދާއި ވިޔަފާރި އާއި އިންވެސްޓްމަންޓާއި ޑިޖިޓަލް އަދި ގްރީން އިކޮނޮމީ ފަދަ ދާއިރާތައް ހިމެނެ އެވެ.

ރައީސް ޝީ ނަގާފައި ޗައިނާގެ އެންމެ އިސްވެރިން ކަމަށްވާ ޕްރިމިއާ އާއި ވައިސް ޕްރިމިއާ އާ ވެސް ރައީސް ޑރ. މުއިއްޒު ބައްދަލު ކުރެއްވުމުން ދެއްވީ ރާއްޖެއާ އެކު ތިިބި ކަމުގެ ޔަގީންކަމެވެ. ރާއްޖެ އިން ބޭނުންވާ ކަންކަމަށް އެހީތެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެއިން ކޮންމެ ބޭފުޅަކު ވެސް ދެއްވި އެވެ.

މުޅި ޗައިނާ އޮތީ ރާއްޖެ ނުވަތަ ރައީސް ޑރ. މުއިއްޒާ އެކު ކަން މި ދަތުރުފުޅުން ޔަގީނުން ވެސް ސާފުވެ އެވެ. މިދިޔަ ފަސް އަހަރު ދެ ގައުމުގެ ގުޅުން މިއާ ކައިރި ކުރާ ހިސާބަށް ވެސް ނުދެ އެވެ. މިދިޔަ ވެރިކަމުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަަވައިލެއްވީ ޗައިނާ އަށް ވަޑައިނުގަންނަވަ އެވެ. ދެ ސަރުކާރުގެ ދެމެދުގައި ވެސް މާ ގިނަ ކަންކަން ކުރިއަކަށް ނުދެ އެވެ.

ރައީސް ޑރ. މުއިއްޒު މިދިޔަ ހޯމަ ދުވަހު ޗައިނާ އަށް ފެއްޓެވި ފުރަމާނަ ދަތުރުފުޅު މިރޭ ލަސް ގަޑިއެއްގައި ނިންމަވައިލައްވާނެ އެވެ. އެކަމަކު, ދެ ގައުމުގެ ހީނަރުވެފައިވާ ގުޅުމުގެ ތެރެއިން ތާރީހީ ދަތުރަކަށްވެ އެވެ. ރައީސް ޑރ. މުއިއްޒުގެ ދަތުރާ އެކު, ދެ ގައުމުގެ ގުޅުން އަލުން މި ފެށުނީ އެވެ.

ސިނަމާލެ ބްރިޖާއި ގެދޮރު އެޅުމުގެ އެތައް މަޝްރޫއެއް ޗައިނާގެ އެހީތެރިކަމާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި އެވެ. އޭގެ އިތުރުން ވެސް އެތައް މަޝްރޫއަކަށް ޗައިނާ އިން އެހީތެރިވި އެވެ.

ދެން އޮތީ އޭރުގައި އެ މަޝްރޫއުތައް ބެލެހެއްޓެވި ވެރިޔާ އަދި މިހާރުގެ ރައީސް ޑރ. މުއިއްޒާ އެކު އަލުން އާ ފެށުމަކުން ދެ ގައުމުގެ ގުޅުން ފެށުމުގެ މަރުހަލާ އެވެ. ރައީސް ޑރ. މުއިއްޒަކީ ޗައިނާ އަށް އާ ބޭފުޅެއް ނޫނެވެ.