Roadha Mihaaru
ރާއްޖެ- ޗައިނާ 20 އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖެ އިން ޗައިނާއާއެކު 20 އެމްއޯޔޫއެއްގައި ސޮއިކޮށްފި

10 ޖެނުއަރީ 2024

ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯޔޫއެއްގައި ދެންމެ ސޮއިކޮށްފި އެވެ.

އަހުމަދު ހަމްދޫން ބެއިޖިން އިން އަހުމަދު ހަމްދޫން

ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯޔޫއެއްގައި ދެންމެ ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫތަކުގައި ދެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ސޮއިކުރެއްވީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެއިން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ބައިވެރިވެވަޑައިގަތެވެ.

ޗައިނާގެ ރައީސް ޝީގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސޮއިކުރެއްވި އެމްއޯޔޫތަކުގެ ތެރޭގައި ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނަޝިޕާއި ކާބަން މަދުކުރުމާއި ބްލޫ އިކޮނޮމިކް ކޯޕަރޭޝަން އެމްއޯޔޫ ހިމެނެ އެވެ.

ރައީސް ޝީ، ރައީސް މުއިއްޒަށް މިއަދު މަރުހަބާ ވިދާޅުވަނީ

ރައީސް ޝީ، ރައީސް މުއިއްޒަށް މިއަދު މަރުހަބާ ވިދާޅުވަނީ

އޭގެ އިތުރުން ކާރިސާތައް މަދުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާއި ގްރީން ޑިވެލޮޕްމަންޓް އެމްއޯޔޫ އަކާއި ޑިޖިޓަލް ދާއިރާ ތަރައްގީ ކުރުމާއި ސޯޝަލް ހައުސިން އާއި އެއާޕޯޓް ތަރައްގީ ކުރުމުގެ އެމްއޯޔޫއެއްގައި ވެސް ދެ ގައުމުން ސޮއިކުރި އެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ރައީސް ޝީގެ ދެކަނބަލުން މިއަދު ފޮޓޯފުޅެއް ނަންގަވަނީ.

ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ރައީސް ޝީގެ ދެކަނބަލުން މިއަދު ފޮޓޯފުޅެއް ނަންގަވަނީ.

މީޑިއާ ތަރައްގީ ކުރުމާއި އަދި އެހެނިހެން ބައެއް އެމްއޯޔޫތަކުގައި ވެސް ރާއްޖެ އާއި ޗައިނާ އިން ސޮއިކުރި އެވެ.

އެކަމަކު, އެ އެމްއޯޔޫތަކުގެ ތަފުސީލެއް ދެ ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް ޑރ. މުއިއްޒަށް ޗައިނާ އިން މިއަދު އިސްވެ ހޫނު މަރުހަބާއެއް ދެންނެވީ ރައީސް ޝީ އެވެ. ރަތްދޫލައިގެ މަރުހަބާއަކަށް ފަހު ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވެވި އެވެ. ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯޔޫއެއްގައި ސޮއިކުރީ އޭގެ ފަހުންނެވެ. ރައީސް ޝީ ވަނީ ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނުގެ ވަފުދުގެ ބޭފުޅުންގެ ޝަރަފުގައި ރަސްމީ ޖާފަތެއް ވެސް މިރޭ ދެއްވައިފަ އެވެ.

ދިވެހި ސަރުކާރުގެ އިސް ވަފުދަކާ އެކު ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ފުރަމާނަ ދަތުރުފުޅުގައި ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. ފުރަތަމަ ވަޑައިގަތީ ފުޖިއާން ޕްރޮވިންސަށެވެ. އެ ތަނުގައި ރާއްޖޭގެ ފަރާތުން ބޭއްވި އިންވެސްޓްމަންޓް ފޯރަމް އެ މަނިކުފާނު އިފުތިތާހު ކޮށްދެއްވި އެވެ. އެ ފޯރަމްގައި 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރި ވެފައިވާއިރު, އެއީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ފޯރަމް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވެ އެވެ.