Roadha Mihaaru
މޭޔަރު އިންތިހާބު: ވޯޓުލާ މަރުކަޒުތައް ހުސްކޮށް

މޭޔަރު އިންތިހާބު: ވޯޓުލާ މީހުން މަދު، މަރުކަޒުތައް ހުސްކޮށް

13 ޖެނުއަރީ 2024

މާލެ ސިޓީގެ މޭޔަރާއި ކައުންސިލްގެ ތިން މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ކެމްޕެއިން ސިޔާސީ ޕާޓީތަކުގައި ވަރަށް ފޯރިއާ އެކު ކުރިއަށް ގެންދިޔަ ނަމަވެސް، މިއަދު ކުރިއަށްދާ އިންތިހާބުގައި ވޯޓުލާން ތަރުހީބު ފެންނަނީ ކުޑަކޮށެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލެ ސިޓީގެ މޭޔަރާއި ކައުންސިލްގެ ތިން މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ކެމްޕެއިން ސިޔާސީ ޕާޓީތަކުގައި ވަރަށް ފޯރިއާ އެކު ކުރިއަށް ގެންދިޔަ ނަމަވެސް، މިއަދު ކުރިއަށްދާ އިންތިހާބުގައި ވޯޓުލާން ތަރުހީބު ފެންނަނީ ކުޑަކޮށެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން މާލޭގައި ވޯޓުލުން ކުރިއަށްދާއިރު މި އިންތިހާބުގައި ޖުމްލަ 54،680 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 10:00 އާ ހަމައަށް ވޯޓުލާފައިވަނީ 2،633 މީހުންނެވެ. އެއީ ހައްގު ލިބޭ މީހުންގެ އެންމެ 4.7 ޕަސެންޓެވެ.

ތަފާސްހިސާބުތައް ދަައްކާ ގޮތުން 11:00އާ ހަމައަށް ވޯޓުލާފައިވަނީ 4،236 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 7.56 ޕަސެންޓެވެ.

ވޯޓުލާ މަރުކަޒުތައް މި ވަގުތަށް އޮތީ ހުސްކޮށެވެ. ދިގު ކިޔުއެއް އޮތް އެއްވެސް މަރުކަޒެއް ނެތެވެ.

އާންމު ގޮތެއްގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކަށް އެހެން އިންތިހާބުތަކާ އަޅާ ބަލާއިރު ތަރުހީބު ކުޑަ އެވެ. އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ވޯޓުލުމަށް ނުކުތުމަށް އެދިފަ އެވެ. އަދި ވޯޓުލުން އެއް ގަޑިއިރަށް ކޮމިޝަނުން ވަނީ ދަންމާލަން ވެސް ނިންމައިފަ އެވެ.

ރާއްޖޭގެ އިންތިހާބުތަކުގައި އާންމުކޮށް ވޯޓުލާން ގިނަ މީހުން ނުކުންނަނީ ފަހު ވަގުތު އެވެ.

މިއަދު ކުރިއަށްދާ މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތައް ހުސްކޮށް: އިންތިހާބަށް ތަރުހީބެއް ނެތް - ފޮޓޯ: ނިޝާން އަލީ / މިހާރު

މިއަދު ކުރިއަށްދާ މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތައް ހުސްކޮށް: އިންތިހާބަށް ތަރުހީބެއް ނެތް - ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި މިދިޔަ އަހަރު ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވުމުންނެވެ. މޭޔަރުކަމުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރުކަމުގައި ތިއްބެވި ބޭފުޅުން ވެސް ސިޔާސީ މަގާމުތަކަށް އައްޔަންކުރެއްވުމުން ވަނީ ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

މިއަދުގެ އިންތިހާބުގައި މޭޔަރު ކަމަށް ވާދަކުރައްވަނީ:

- ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު

- އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް

- ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ)

- އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު

- އަމިއްލަ ގޮތުން ޝުއައިބް އަލީ

މާލޭ ސިޓީ ކައުންސިލްގެ އިތުރުން ދެން މިއަދު ކުރިއަށްދަނީ މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.