ރާއްޖެއަކީ ސައިޒުގެ ގޮތުން ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް އެހެން ގައުމުތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމުގައި އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަކީ އޮވެގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
13 ޖެނުއަރީ 2024
ރާއްޖެއަކީ ސައިޒުގެ ގޮތުން ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް އެހެން ގައުމުތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމުގައި އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަކީ އޮވެގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވިއިރު ކުރީ ސަރުކާރުގައި އިންޑިއާއާ އެކު ގާތް ގުޅުމެއް އުފައްދައި، އެ ގައުމުން ރާއްޖޭގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކެމްޕެއިން ދުވަސްވަރު ރައީސް ވެސް ކުރެއްވި އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ނަމޫނާ ގުޅުމެއް ކަމަށާއި އެ ގުޅުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ފަހު އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ބިނާވަނީ ހަތަރު ކަމެއްގެ މައްޗަށެވެ. އެއީ އެއް ގައުމުން އަނެއް ގައުމަށް އިހްތިރާމްކުރުމާއި ފޯރުންތެރިކަމުގައި ތަފާތު ވިޔަސް ދެ ގައުމުން ވެސް އެއް ހަމައެއްގައި ބަލައިގަތުމާއި އާއި ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ސަރަހައްދު ދިފާއުކޮށް ހިމާޔަތްކުރުމުގެ ހައްގު އޮންނާނެކަން ގަބޫލުކުރުމާއި ދެ ގައުމުގެ އެތެރޭގެ ކަންކަމަށް ދެ ގައުމުން ވެސް ނުބެހުމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) ޗައިނާ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާއިރު އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު. -- ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް. އެހެންވީމަ މި ޓެރިޓޯރިއަލް އިންޓެގްރެޓީގެ އަސާސަކީ ޗައިނާ އިން އިހުތިރާމު އަދާކުރާ އަސާސެއް،"
ޗައިނާ އިން ރާއްޖެއަށް އެއްވެސް މިންވަރަކަށް ނުފޫޒު ނުފޯރުވާ ކަމަށާއި އެކަމަކު މިދިޔަ ސަރުކާރުގައި ރާއްޖެއަށް "އެއްގޮނޑިން ތެދުވެ އަނެއް ގޮނޑީގައި" އިށީނދެވެނީ ވެސް ވަކި ގައުމެއްގެ ހުއްދައާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ.
"އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުމުގެ ނުރަނގަޅު ގޮތް އެއީ ދެ ގައުމުގެ މެދުގައި ގުޅުން ބޭއްވުމުގައި އޮންނަންވާނެ ކަމެއް ނޫން. މި ހަތަރު އަސާސްގެ ދަށުން އަޅުގަނޑުމެން ހުރިހާ ގައުމަކާ ވެސް ގުޅުން އޮންނާނެ." ނުސީދާކޮށް އިންޑިއާއަށް އަމާޒުކޮށް މުއިއްޒު ވިދާޅުވި އެވެ.
މިފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅެއްގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަކާ އެކު ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިހްތިރާމް ކުޑަކޮށް ފާޑު ވިދާޅުވި މައްސަލައަކާ އެކު ރާއްޖެ އާއި އިންޑިއާގެ ގުޅުން އޮތީ ވަރަށް ގޯސްވެފަ އެވެ.
ކޮވިޑަށް ފަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުންދާ ގައުމުގެ ގޮތުގައި އިންޑިއާ އޮތަސް އެގައުމުގެ އާންމުން ދަނީ ރާއްޖެ ބޮއިކޮޓްކުރުމަށް ވެސް ގޮވާލަމުންނެވެ. އެކަމަކު އެ މައްސަލަ ހޫނުވެފައި އޮތަސް ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޗައިނާ އިން ރާއްޖެއަށް ޓޫރިސްޓުން އިތުރުކުރުމުގެ މަޝްވަރާތައް ވެސް ކުރައްވައިފަ އެވެ. އެގޮތުން ކޮވިޑްގެ ކުރިން ޗައިނާ، ރާއްޖޭގެ ޓޫރިސްޓުންގެ ލިސްޓުގެ އެއްވަނައިގައި އޮތް ގޮތަށް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އަލުން އެ އަމާޒަށް ހާސިލުވެވޭނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެގައުމުގެ ޓޫރިސްޓުން އިތުރުކުރުމަށް މާކެޓްކުރުން ވެސް އިތުރުކުރެވޭނެ އެވެ.
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
ދެ ގައުމެއްގެ އާ ސަފީރުންގެ ފަތްކޮޅު އަރުވައިފި
"ފްލެޓު އަޅައިގެން ރަށްރަށުން މީހުން އާބާދުކުރަން ތާއިދުކުރަން"
ޗައިނާގެ ގުޅުން ބަދަހިވެ، ބަދަލުވެގެން ދާނެ: ރައީސް
ރައީސް މުއިއްޒަށް އެސްޓޯނިއާއިން ހޫނު މަރުހަބާއެއް
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން
މުއްސަނދިކަން ލިބޭނެ ސިނާއަތަކަށް މަަސްވެރިކަން ހެދޭނެ
ބަދަލު ހިފަން އެއްވެސް ކަމެއް ނުހިންގާނަން: ރައީސް
ފިޔޯރީގައި މަސްކާރުހާނާއެއް ހަދަން ސޮއިކުރަނީ
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް