Roadha Mihaaru

ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން

ރާއްޖެ އާއި ޗައިނާއާ ދެމެދު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ މެދު ނުތަނަވަސްކަން އޮތް ކަމަށް އެއްބަސްވެ، ރާއްޖެ އަށް މާލީ އެހީ ދިނުމުގެ ސިޔާސަތާ މެދު އިތުރު ވިސްނުމަކަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް އިންޑިއާ ސަރުކާރުން ދީފި އެވެ.

ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން

ރާއްޖެ އާއި ޗައިނާއާ ދެމެދު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ މެދު ނުތަނަވަސްކަން އޮތް ކަމަށް އެއްބަސްވެ، ރާއްޖެ އަށް މާލީ އެހީ ދިނުމުގެ ސިޔާސަތާ މެދު އިތުރު ވިސްނުމަކަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް އިންޑިއާ ސަރުކާރުން ދީފި އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ޗައިނާ އިން ސޮއިކޮށްފައި އޮންނަތާ އަހަރުތަކެއް ފަހުން، އެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުގެ މަޝްވަރާތައް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ގައި މަގާމާ ހަވާލުވެވަޑައިގެން ޖެނުއަރީ 2024 ގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

މި އެއްބަސްވުމަށް މި ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، މީގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވެ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ނުތަނަސްވަކަން އޮތް ކަމަށް އިންޑިއާ ސަރުކާރުގެ އެކި މަސްދަރުތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރަމުންދާތާ ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ.

އެކަަމަކު، އިންޑިއާ ސަރުކާރުން ރަސްމީކޮށް އެއްޗެއް ނުބުނެ ތިބުމަށް ފަހު، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކޮންމެ ހަފުތާއެއްގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު މިއަދު ފެންމަތިކުރި އެވެ.

ޗައިނާގެ އެފްޓީއޭގެ ސީދާ ނަން ނުގަންނަވައި، އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ރާއްޖެ އަށް ލިބޭ އާމްދަނީ ހީނަރުވާ ގޮތަށް މި ފަހުން ސޮއިކުރި އެއްބަސްވުންތަކަކީ ރާއްޖޭގެ ދެމެހެއްޓެނެވި މާލީ ހާލަތަށް އަސަރު ކުރާނެ ކަމަކަށް ވާތީ، އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.

"ހަމަ ޔަގީނުން ވެސް، އަޅުގަނޑުމެންގެ އަމިއްލަ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެ ކަންކަމަށް ރިޔާޔަތް ކުރަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެ އަށް މާލީ އެހީ ދިނުމުގައި ދެވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފައި މިވަނީ، ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދަތިތަކުން އަރައިގަތުމަށް މި ފަހުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް އެ ގައުމުން ހަމަޖައްސައިދީފައިވަނިކޮށެވެ. އިންޑިއާގެ އެސްބީއައި މެދުވެރިކޮށް ގަނެފައިވާ ޓީބިލެއް ވެސް އަނބުރާ ދެއްކުން ވަނީ ފަސްކޮށްދީފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައި ފުރަތަމަ ދުވަސްކޮޅު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް، ދެ ސަރުކާރުން ވެސް މަތީފަންތީގެ ބައްދަލުވުންތަކާއި ދަތުރުތައް މެދުވެރިކޮށް ކުރެވުނު މަސައްކަތްތަކުން އެ ގުޅުން މިހާރު ވަނީ އަލުން އިޔާދަކޮށްފަ އެވެ.

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށާފައިވާއިރު، އެފަދަ އެއްބަސްވުމެއް އިންޑިއާއާ އެކު ވެސް އެކުލަވައިލަން އެއްބަސްވެ، އޭގެ މަޝްވަރާތައް ފެށުމަށް ރައީސް މުއިއްޒު މިދިޔަ އަހަރު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ވަނީ ރަސްމީކޮށް ނިންމަވައިފަ އެވެ.

ރާއްޖޭން ވަނީ ތުރުކީއާ އެކު ވެސް ޕްރިފެންޝަލް ޓްރޭޑް އެގްރީމެންޓެއް އެކުލަވާލައިފަ އެވެ.