ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
14 ޖެނުއަރީ 2024
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެހެން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ މިއަދުގެ ބައްދަލުވުމަށް ފަހު އެވެ.
އެ މިނިސްޓްރީގައި މިއަދުގެ ހެނދުނުން ފެށިގެން ވަރަށް ގިނައިރު ވަންދެން ބޭއްވި ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު، ދިވެހި ސަރުކާރުން ބުނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށާއި ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޭނުންވާކަން ދެ ގައުމުން ވެސް މިއަދުގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތަށް އިންޑިއާ އިން އެއްބާރުލުން ދޭނެ ކަން ހާމަކޮށްފައިވާއިރު، އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާ އަށް ހުށަހަޅުއްވައިފަ އެވެ. އެ މަނިކުފާނު އެ ކަން ހުށަހެޅުއްވީ ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ މިއަދުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވި ގޮތް ހިމަނައިފަ އެވެ.
ރާއްޖެ އާއި އިންޑިއާގެ މަތީ ފެންވަރުގެ ބައްދަލުވުން ދެން ބާއްވަން އެއްބަސްވީ ފޮރިން މިނިސްޓްރީން ބުނިގޮތުގައި ދެ ގައުމަށް ފަސޭހަ ވަގުތެއްގަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމާއި އެ ގައުމުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން އެކުލަވާފައިވާ ކޯ ގުރޫޕް ނުވަތަ މަތީ ފެންވަރުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރު ތަމްސީލު ކުރެއްވީ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ހާލާ ހަމީދު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބެވެ.
މި ބައްދަލުވުމަށް އިންޑިއާގެ ހާއްސަ ޓީމެއް އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވި ކޮޕް ސަމިޓްގެ ހަވާސާގެ ތެރެއިން ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޮދީ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެހެންވެ، އެ ކަމަށް އެއްވެސް ދުލެއް ނުދެއްވައި ރައީސް ޑރ. މުއިއްޒު ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަކެވެ.
އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ފައިބައިފި
އިންޑިއާ ސިފައިންގެ ފަހު ބެޗު ފުރާނެ ކަމުގެ ޔަގީންކަން
ހައްލަކީ އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ މީހުން؟
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
"އިންޑިއާއާ މައްސަލައެއް ނެތް، ސިފައިން ތިބެން ނޭދޭ"
ރާއްޖޭގައި ތިބި އިންޑިއާގެ 51 ސިފައިން ފޮނުވާލައިފި
އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ރާއްޖެ އިން ފައިބައިފި
އިންޑިއާ ސިފައިން ބޭލުމުގެ އެއްބަސްވުން ހާމަ ނުކުރި!