Roadha Mihaaru
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް

ޗައިނާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ހާއްސަ ހަރަކާތެއް

16 ޖެނުއަރީ 2024

ރާއްޖޭގެ ޓޫރިޒަމް ޗައިނާގައި އިޝްތިހާރު ކުރަން ހާއްސަ ހަރަކާތެއް އަންނަ މޭ މަހު ބާއްވަން ނިންމައި އެ ކަމުގައި ބައިވެރިވާނެ ކުންފުނިތައް ހޯދަން އެމްއެމްޕީއާރުސީން މިއަދު އިއުލާންކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގެ ޓޫރިޒަމް ޗައިނާގައި އިޝްތިހާރު ކުރަން ހާއްސަ ހަރަކާތެއް އަންނަ މޭ މަހު ބާއްވަން ނިންމައި އެ ކަމުގައި ބައިވެރިވާނެ ކުންފުނިތައް ހޯދަން އެމްއެމްޕީއާރުސީން މިއަދު އިއުލާންކޮށްފި އެވެ.

ޗައިނާގެ މާކެޓަށް އަމާޒުކޮށް "އައިޓީބީ ޗައިނާ 2024" ގެ ނަމުގައި އެ ހަރަކާތް އޮންނާނީ މޭ 27-29 އަށް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ޝަންހާއީ ވޯލްޑް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައި ބާއްވާ އެ ހަރަކާތުގައި ބައިވެރިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު ތިނެއް ޖެހުމާ ހަމައަށެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު އެ ހަރަކާތައް ހާއްސަ ގޫގުލް ފޯމު ފުރާފައި ހުށަހެޅޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނިގޮތުގައި، ފެއާގައި ބައިވެރިިވުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލީ ޖާގަ ބުކް ކުރުމުގެ ކުރިން އެ ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ ކުންފުނިތަކުގެ ޖުމުލަ އަދަދު ލަފާކުރުމުގެ ގޮތުންނެވެ.

"އައިޓީބީ ޗައިނާ" އަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގެ ބައިވެރިންނަށް އެ މީހުންގެ ވަކިވަކި އުފެއްދުންތަކާއި ތަޖުރިބާތައް ޕްރޮމޯޓް ކުރުމަށް ލިބޭނެ ޕްލެޓްފޯމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނީ، ކޮވިޑުގެ ކުރިން ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓު ކަމަށެވެ. މިދިޔަ އަހަރު އެ ގައުމުން 172,163 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވަނީ ރާއްޖެ އަށް ޗައިނާގެ ޓޫރިސްޓުން އަންނަ ވަރު އިތުރު ކުރަން ރާއްޖެ އާއި ޗައިނާގެ އެންމެ މަތީ ފެންވަރުގައި މަޝްވަރާ ކުރައްވައިފަ އެވެ. އަދި ޗައިނާގެ ޝިއާމަން އެއާލައިނުން ރާއްޖެ އަށް ސީދާ ފްލައިޓްތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ދިވެހި ސަރުކާރުގެ އަމާޒަކީ ކޮވިޑްގެ ކުރިން ރާއްޖެ އަށް ޗައިނާގެ ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު 30-40 ޕަސެންޓާ ހަމައަށް އިތުރު ކުރުމެވެ.