Roadha Mihaaru
ވެއްޓުނު ރޮކެޓުގެ ވާހަކައިން މައުސޫމު "އަނދައިފި"

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓުނު ރޮކެޓުގެ ވާހަކައިން މިނިސްޓަރު މައުސޫމު "އަނދައިފި"

09 މެއި 2021

ޗައިނާ އިން ޖައްވަށް ދޫކޮށްލި ރޮކެޓްގެ ބައެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓުނު ވާހަކައާއެކު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިކަމުން ދުނިޔެ އަށް ރާއްޖެ އޮންނަ ސަރަހައްދު ސާފުވެ، ޓޫރިސްޓުން އައުމަަށް ފުރުސަތު ބޮޑުވާނެ ކަމަށެވެ. އޭނާ އެ ޓްވީޓް ކުރެއްވީ ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންކުރާ "ވިޒިޓްމޯލްޑިވްސް"ގެ ހޭޝްޓެގާ ވެސް އެކު އެވެ. އޭނާގެ ވިސްނުމުގައި މިއީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޗައިނާ އިން ޖައްވަށް ދޫކޮށްލި ރޮކެޓްގެ ބައެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓުނު ވާހަކައާއެކު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިކަމުން ދުނިޔެ އަށް ރާއްޖެ އޮންނަ ސަރަހައްދު ސާފުވެ، ޓޫރިސްޓުން އައުމަަށް ފުރުސަތު ބޮޑުވާނެ ކަމަށެވެ. އޭނާ އެ ޓްވީޓް ކުރެއްވީ ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންކުރާ "ވިޒިޓްމޯލްޑިވްސް"ގެ ހޭޝްޓެގާ ވެސް އެކު އެވެ. އޭނާގެ ވިސްނުމުގައި މިއީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

މައުސޫމްގެ އެ ޓްވީޓާއެކު، ސޯޝަލް މީޑިއާ އުތުރި އަރައިގަތީ ތަފާތު އެކި ފަރާތްތަކުގެ ޝުއޫރުތަކުންނެވެ. އެއް ބަޔަކަށް މިކަންވީ ބޮޑު ޖޯކަކަށެވެ. އަނެއް ބަޔަކު އައީ ރުޅި އެވެ. މައުސޫމުގެ ޓްވީޓާ ގުޅިގެން ގިނަ ބަޔަކު ވަނީ މިކަމުން ޓޫރިޒަމް ޕްރޮމޯޓް ވާނީ ކިހިނަކުންތޯ ސުވާލު ކޮށްފަ އެވެ.

އެއް ޓްވީޓެއްގައި ވަނީ، ރާއްޖޭގައި ޕްރޮމޯޓް ކުރަނީ ކޮން ކަހަލަ ޓޫރިޒަމެއްތޯ ސުވާލުކޮށްފަ އެވެ. ރާއްޖޭގެ ރަށަކަށް ރޮކެޓެއް ނުވެއްޓުމަކީ ދިވެހިންގެ ނަސީބު ކަމަށާއި މިއީ ޕްރޮމޯޓް ވާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

ޗައިނާގެ ރޮކެޓާ ގުޅިގެން މައުސޫމު ކުރެއްވި ޓްވީޓް

އެހެން މީހަކު ބުނީ މިނިސްޓަރުގ ޓްވީޓް ކުރެއްވުމުގެ ވިދާޅުވަން އުޅުއްވާ އެއްޗަކާ މެދު ކުރިއާލައި ވިސްނާލެއްވުން ވަރަށް މުހިއްމު ކަމަށެވެ.

ޗައިނާ އިން ޖައްވަށް ފޮނުވައިލި ރޮކެޓުގެ ބައެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިއްޖެ ކަމަށް ޗައިނާގެ ސްޓޭޓް މީޑިއާ އިން މިއަދު ރިޕޯޓްކޮށްފައިވެ އެވެ. މި ރޮކެޓް ވެއްޓިފައި ވަނީ ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 7:24 ގަ އެވެ.

"ލޯންގް މާޗް-5ބީ" ވެހިކަލްގެ ބޮޑު ބައެއް ދުނިޔެ އަށް ވެއްޓޭނެ ކަމަށާއި އޭގެ ބަރުދަނުގައި 18 ޓަނު ހުންނާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ މިއިން ޒަމާނަކު ދުނިޔެއަށް ނުވެއްޓޭވަރުގެ ބޮޑު ބައެކެވެ. މި ރޮކެޓްގެ ބޮޑު ބައެއް ދުނިޔޭގެ ސަތަހައިގެ ތެރޭގައި އޮތް އިރު ރޮކެޓް އޮތީ އަނދާފަ އެވެ.

މައުސޫމުގެ ޓްވީޓަށް އެހެން މީހަކު ޖަވާބުދެމުން ބުނީ ރޮކެޓެއް ވެއްޓިގެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްވާ ނަމަ ބޮން ގޮވުމުން ވެސް ރާއްޖެ ޕްރޮމޯޓްވާނެ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފަ އެވެ. މި ޓެރަރިސްޓް ހަމަލަ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާއިރު، މިއީ ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

ޗައިނާގެ ރޮކެޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓުން ވަރަށް ލުއި ގޮތަކަށް، ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެކަން ބޭނުން ކުރުމަކީ ވަރަށް ގޯސްކޮށް އޭނާ މައުސޫމް ކުރެއްވި ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ސަބަބަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް މިފަދަ ރޮކޮޓެއް ވެއްޓުނު ނަމަ އެކަމުން ލިބޭނެ ގެއްލުން އަންދާޒާވެސް ނުކުރެވޭތީ އެވެ. ނަމަވެސް ދުނިޔޭގެ ބޮޑު ސަރަހައްދަކީ ކަނޑުގެ ސަރަހައްދަށް ވުމުން މިގޮތަށް ޖައްވުން ވެއްޓޭ އެއްޗެހި ހިކިފަސް ތަންތަނަށް ވެއްޓުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.