Roadha Mihaaru
އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލަކަށް ޝުކުރީ

އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލަކަށް ޝުކުރީ

17 ޖެނުއަރީ 2024

ގިނަ ސްކޫލްތަކެއްގައި ހެޑްމާސްޓަރުކަމާއި ޕްރިންސިޕަލްކަން ކުރައްވާފައިވާ މުހައްމަދު ޝުކުރީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލަކަށް ހަމަޖައްސަވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގިނަ ސްކޫލްތަކެއްގައި ހެޑްމާސްޓަރުކަމާއި ޕްރިންސިޕަލްކަން ކުރައްވާފައިވާ މުހައްމަދު ޝުކުރީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލަކަށް ހަމަޖައްސަވައިފި އެވެ.

ޝުކުރީ އެ މަގާމަށް ހަމަޖެއްސީ، އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ކަމުގައި ހުންނެވި ހުސައިން ސައީދު 13 އަހަރަށް ފަހު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވުމުން އެ މަގާމު ހުސްވުމުންނެވެ.

ތައުލީމީ ދާއިރާގައި 27 އަހަރު ހޭދަކުރައްވާފައިވާ ޝުކުރީ ކިޔަވައިދެއްވަން ފެއްޓެވީ 1997 ވަނަ އަހަރު ރ. މަޑުއްވަރީ ސްކޫލުގެ އެސިސްޓެންޓް ޓީޗަރެއްގެ ގޮތުގަ އެވެ. އެ ސްކޫލުގައި ތިން އަހަރު ކިޔަވައިދެއްވުމަށް ފަހު އިތުރަށް ތައުލީމް ހާސިލްކުރައްވައިގެން ވަޑައިގެން ދެން ހއ. އިހަވަންދޫ ސްކޫލާއި ހދ. އަތޮޅު މަދަރުސާގެ ހެޑްމާސްޓަރުކަން ވެސް ކުރެއްވި އެވެ.

އޭގެ ފަހުން ޑިގްރީ ކޯސް ނިންމަވައި ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލްކަމާއި ށ. މަރޮށީ ސްކޫލުގެ ޕްރިންސިޕަލްކަން ވެސް ކުރެއްވި އެވެ.

ޝުކުރީ، މެލޭޝިޔާގެ މަލާޔާ ޔުނިވާސިޓީން، މާސްޓާސް އިން އެޑިޔުކޭޝަން ފުރިހަމަ ކުރެއްވުމަށް ފަހު ގްރެޖުއޭޝަން ހަފްލާގައި.

ޝުކުރީ، މެލޭޝިޔާގެ މަލާޔާ ޔުނިވާސިޓީން، މާސްޓާސް އިން އެޑިޔުކޭޝަން ފުރިހަމަ ކުރެއްވުމަށް ފަހު ގްރެޖުއޭޝަން ހަފްލާގައި.

މާސްޓާސް ނިންމެވުމަށް ފަހު އޭނާ ވަނީ ރ. އަލިފުށި، މަޑުއްވަރި، ދުވާފަރު އަދި ސ. ހިތަދޫ ސްކޫލުގެ ޕްރިންސިޕަލްކަން ވެސް ކުރައްވައިފަ އެވެ.

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލަކަށް މިއަދު ހަމަޖެއްސެވުމާ ހަމައަށް ވެސް ޝުކުރީ މަސައްކަތް ކުރައްވަމުން ގެންދެވީ މަޑުއްވަރީ ސްކޫލުގެ އިނގިރޭސި ޓީޗަރެއްގެ ގޮތުގަ އެވެ.

ޝުކުރީ ވަނީ، އިންޑިއާގެ މައިސޫރުން ހެޑްމާސްޓަރު ކޯސް ވެސް ފުރިހަމަ ކުރައްވައިފަ އެވެ. އެއަށް ފަހު ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގުއޭޖް [ޓްފުލް] އިން ޑިގްރީ ވެސް ފުރިހަމަކުރެއްވި އެވެ. އަދި އޭގެ ފަހުން މެލޭޝިޔާގެ މަލާޔާ ޔުނިވާސިޓީން، މާސްޓާސް އިން އެޑިޔުކޭޝަން ފުރިހަމަކުރައްވާފައިވެ އެވެ.