Roadha Mihaaru
ކުޅުދުއްފުށީ ފަރުގައި ބާޖު އޮންނަތާ 6 މަސް!

ކުޅުދުއްފުށީ ފަރުގައި ބާޖު އޮންނަތާ ހަ މަސް، އެތައް ފަހަރަކު އަންގައިގެން ވެސް ނުނެގި!

20 ޖެނުއަރީ 2024

ހދ. ކުޅުދުއްފުށީގެ ފަރަށް މިދިޔަ އަހަރުގެ ޖުލައި މަހު އެރި ބާޖު ފުން ނުކުރެވި އޮންނަތާ ހަ މަސް ވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހދ. ކުޅުދުއްފުށީގެ ފަރަށް މިދިޔަ އަހަރުގެ ޖުލައި މަހު އެރި ބާޖު ފުން ނުކުރެވި އޮންނަތާ ހަ މަސް ވެއްޖެ އެވެ.

އެ ބާޖު ފަރަށް އެރީ 6،000 ޓަނުގެ ހިލަ ބަރުކޮށްގެން އެ ރަށް ކައިރިން ދަތުރުކުރަމުން ދަނިކޮށް، މިދިޔަ އަހަރު ޖުލައި 16 ގަ އެވެ.

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ބާޖުގައި ހުރި ހިލަތައް ހުސްކޮށްފައިވާ ކަމަށެވެ. ބާޖު އެތަނުން ނެގުމަށް އޭގެ ވެރިފަރާތަށް އެތައް މުއްދަތެއް ދީފައި ވިޔަސް އެ އެންގުމަށް އަމަލު ނުކުރި ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެތައް ފަހަރަކު މުއްދަތު ދީފިން. ހަމަ ބުނަނީ މި ނަގަނީ އޭ، މި ނަގަނީ އޭ. އެކަމަކު ނުނަގާ. ނެގީމާ ސާވޭ ހަދާފައި އަޅުގަނޑުމެންނަށް ފިޔަވަޅެއް އެޅެނީ،" ނައީމް ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ކުޅުދުއްފުށި ކައުންސިލްގެ ބަހެއް ނުލިބުނެވެ.

އުޅަނދެއް ފަރަށް އެރުމުން އީޕީއޭ އިން އެ މައްސަލަ ބަލަން ފަށަ އެވެ. ނަމަވެސް ފިޔަވަޅު އެޅެނީ އެ އުޅަނދު އެ ފަހުން ނެގުމުން ކުރާ ސާވޭ އަކަށް ފަހު އެވެ. ކިތަންމެ ގިނަ ދުވަހަކު އުޅަނދު ނުނަގާ ފަރު މަތީގައި އޮތަސް، ނަގަން ބުނުން ފިޔަވާ ކުރެވޭނެ ކަމެއް ގާނޫގައެއް ނޯވެ އެވެ.

މިދިޔަ އަހަރަކީ ޓަގު ބޯޓާއި ބާޖު ފަރަށް އެރުން ގިނަ އަހަރަށް ވީއިރު، ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ ބާޖެއް ވެސް ފަރަށް އެރި އެވެ. ބޮޑުހިލަ ހިފައިގެން ދިޔަ އެމްއެމް އެކްސްޕޯޓްގެ ބޯޓެއް ހއ. ދިއްދޫ ފަރަށް އަރާފައި ވެ އެވެ.

އެ ދެ މައްސަލާގައި ފަރަށް ލިބުނު ގެެއްލުން ބަލައި ދެ އުޅަނދުގެ ވެރިފަރާތް ވަނީ ޖޫރިމަނާ ކޮށްފަ އެވެ.