Roadha Mihaaru
ދިއްދޫ ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި

ދިއްދޫ ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި

06 މެއި 2023

ހއ. ދިއްދޫގެ ފަރަށް އެމްއެމް އެކްސްޕޯޓްގެ ޓަގް އެރުމުން ލިބުނު ގެއްލުންތައް ސަރުކާރުގެ ކަމާބެހޭ އިދާރާ އިން ބަލަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހއ. ދިއްދޫގެ ފަރަށް އެމްއެމް އެކްސްޕޯޓްގެ ޓަގް އެރުމުން ލިބުނު ގެއްލުންތައް ސަރުކާރުގެ ކަމާބެހޭ އިދާރާ އިން ބަލަން ފަށައިފި އެވެ.

މީގެ ކުރިން ވެސް ޓަގުތަކާއި ބާޖުތައް ފަރަށް އެރުމުގައި ތާރީހެއް އޮތް އެމްއެމް އެކްސްޕޯޓުގެ ޓަގު ބޯޓަކާއި ބާޖެއް ދިއްދޫ ފަރަށް އެރީ މިދިޔަ ހޯމަ ދުވަހު އެވެ. ބާޖު އެ ދުވަހު ފުން ކުރި ނަމަވެސް ޓަގު ފުން ކުރެވުނީ މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ ދަންވަރެވެ.

އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް މިއަދު ވިދާޅުވީ އެ ބާޖު ފަރުން ނެގުމުން ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށާފައިވާ ކަމަށެވެ.

ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް މާދަމާ އެ ރަށަށް އީޕީއޭގެ ޓީމެއް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އަަށް ފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ޖޫރިމަނާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދިއްދޫގެ ފަރަށް އެރި ޓަގް ބޯޓް.--

ދިއްދޫގެ ފަރަށް އެރި ޓަގް ބޯޓް.--

އެމްއެމް އެކްސްޕޯޓުގެ އުޅަނދުތައް ފަރަށް އަރާފައިވާ ތާރީހުތައް:

އެމްއެމް އެކްސްޕޯޓްގެ "މުތާ ރޯޔަލް" ނަމަކަށް ކިޔާ ޓަގް ބޯޓާއި "މުތާ ގްރޭސް" ކިޔާ ބާޖެއް ކ. ފުށިދިއްގަރު ފަރަށް 2015 ގައި އެރި އެވެ. މައްސަލައިގައި 110 މިލިއަން ރުފިޔާ ދައްކަން އެންގިތާ ހަތަރު އަހަރުވީ އިރު ވެސް ފައިސާ ދައްކާފައެއް ނުވެ އެވެ. އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި ކަމަށް އޭރު އީޕީއޭއިން ވަނީ ބުނެފަ އެވެ.

އެ ކުންފުނީގެ ބޯޓެއް 2014 ވަނަ އަހަރުގެ ތެރޭގައި ތިލަފުށީ ފަރަށް ވެސް އެރި އެވެ. އެ މައްސަލަ ބެލުމަށް ފަހު އެ ބޯޓް 22 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި ނަމަވެސް އެމްއެމް އެކްސްޕޯޓުގެ އެދުމުގެ މަތިން ފަހުން ވަނީ ޖޫރިމަނާ 2.8 މިލިއަން ރުފިޔާ އަށް ކުޑަކޮށްދީފަ އެވެ.