Roadha Mihaaru
އިޒްރޭލު ވަނީ ގަތުލުއާންމާބެހޭ މުއާހަދާއާ ހިލާފުވެފައި

އިޒްރޭލުން އުޅެނީ ފަލަސްތީނުގެ ނަސްލު ނައްތާލަން ކަމަށް ކަނޑައަޅައިދޭން ނައިބު ރައީސް ގޮވާލައްވައިފި

19 ޖެނުއަރީ 2024

އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް އެ ހަމަލާތަކަކީ ފަލަސްތީނުގެ ނަސްލު ނައްތާލަން ބައިނަލްއަގުވާމީ ގަތުލުއާންމު މަނާކުރާ މުއާހަދާ އާ ހިލާފު އަމަލުތަކެއް ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް އެ ހަމަލާތަކަކީ ފަލަސްތީނުގެ ނަސްލު ނައްތާލަން ބައިނަލްއަގުވާމީ ގަތުލުއާންމު މަނާކުރާ މުއާހަދާ އާ ހިލާފު އަމަލުތަކެއް ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނޮން އެލައިންޑް މޫވްމަންޓް (ނާމް)ގެ ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ 19 ވަނަ ސަމިޓުގައި ގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވަނީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ މައުސޫމު އެތައް ބައެއްގެ ފުރާނަ ގެއްލި އެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ.

ނައިބް ރައީސް ވިދާޅުވީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ 1948 އަހަރު އދ. އިން އެކުލަވާލި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފު އަމަލުތަކެއް ކަމަށެވެ. އަދި ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ އެ މައްސަލައާ ގުޅިގެން ދެކުނު އެފްރިކާ އިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމުން އެކަމަށް ތައުރީފް ކުރައްވައި، އިޒްރޭލުން އެ މުއާހަދާ އާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ގޮވާލައްވައިފަ އެވެ.

ދެކުނު އެފްރިކާ އިން އައިސީޖޭއަށް ހުށަހަޅާފައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އުޅޭ ކަމަށް ބުނެ އެކަން ހުއްޓުވުމަށެވެ. ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި ހުށަހެޅި އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ފަށައިފަ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވައި ނައިބް ރައީސް ވިދާޅުވީ އެކަމަށް ސުލްހަވެރި ދާއިމީ ހައްލެއް ލިބެން އޮތީ "ޓޫ ސްޓޭޓް" ވުޖޫދަށް ގެނެސް، 1967 ގައި ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެގެން ކަމަށެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިޒްރޭލަށް ދިން ކުއްލި އަދި ވަރުގަދަ ހަމަލާތަކަށް ފަހު އިޒްރޭލުން ދަނީ ހުއްޓުމެއް ނެތި ފަލަސްތީނަށް ހަމަލާދެމުންނެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 23،843 މީހަކު ވަނީ ޝަހީދުވެފަ އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތަށް ގޮވާލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތައް ބާއްވަމުން އަންނައިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ހަމާސް ނައްތާލަން" އިޒްރޭލުން ކުރާ މަސައްކަތް "އެއްވެސް ކޯޓަކަށް، އަސްކަރީ އެއްވެސް ބާރަކަށް ނުހުއްޓުވޭނެ" ކަމުގެ އިންޒާރު ދީފަ އެވެ.