Roadha Mihaaru
ބައްސާމުގެ އެންމެ ބޮޑު ފޯކަސް އަތޮޅު ފުޓްބޯޅައަށް!

ބައްސާމުގެ އެންމެ ބޮޑު ފޯކަސް އަތޮޅު ފުޓްބޯޅައަށް!

20 ނޮވެމްބަރ 2016

ރާއްޖޭގެ ފުޓްބޯޅަ އަށް ބޭނުންވާ ބަދަލުތައް ގެނެވޭނީ އަތޮޅުތަކުގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑަށް އިތުރުކޮށްގެން ކަމަށާއި ކުރިއަށް އޮތް ހަތަރު އަހަރުގައި އެންމެންގެ އެއްބާރުލުމާ އެކު ރާއްޖޭގެ ފުޓްބޯޅަ އަށް ބޮޑު ކުރިއެރުމެއް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެފްއޭއެމްގެ އިންތިހާބު މިއަދު ކާމިޔާބު ކުރެއްވި ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގެ ފުޓްބޯޅަ އަށް ބޭނުންވާ ބަދަލުތައް ގެނެވޭނީ އަތޮޅުތަކުގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑަށް އިތުރުކޮށްގެން ކަމަށާއި ކުރިއަށް އޮތް ހަތަރު އަހަރުގައި އެންމެންގެ އެއްބާރުލުމާ އެކު ރާއްޖޭގެ ފުޓްބޯޅަ އަށް ބޮޑު ކުރިއެރުމެއް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެފްއޭއެމްގެ އިންތިހާބު މިއަދު ކާމިޔާބު ކުރެއްވި ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގްއާ ވާދަކޮށް ބައްސާމް މިއަދުގެ އިންތިހާބު ކާމިޔާބު ކުރެއްވީ 14 ވޯޓާ އެކު އެވެ. ތޯރިގަށް ލިބުނީ 11 ވޯޓެވެ.

ބައްސާމް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވުނީ ފާއިތުވި ދެ މަސް ދުވަހު ކުރެވުނު ބުރަ މަސައްކަތުން ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ އަށް ބޭނުންވާ ރަނގަޅު ބަދަލުތައް ގެންނަން ފުޓްބޯޅަ އާއިލާގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑާ މި އިންތިހާބުގައި ވާދަކުރެއްވި ޓީމުގައި މުޅިން ތިބީ ފުޓްބޯޅަ އާއިލާގެ މީހުން. ފުޓްބޯޅަ އަށް ހިދުމަތްކޮށް ކްލަބްތައް ހިންގުމުގައި އުޅޭ ފަރާތްތައް. ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު ބައްޓަން ކުރާއިރު ކްލަބްތަކުގެ މީހުންގެ އެއްބާރުލުން ވެސް ބޭނުންވާނެ. އިދިކޮޅު ޓީމުގައި އިންތިހާބުގައި ވާދަކުރިޔަސް އެމީހުންގެ ބައިވެރިވުން ވެސް މުހިއްމު،" އިންތިހާބަށް ފަހު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވި އެވެ.

ބައްސާމުގެ އިންތިހާބުވުމާ އެކު ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ. އަދި ނައިބް ރައީސަކީ ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އެވެ.

މިއަދުގެ އިންތިހާބުގެ ތެރެއިން އެފްއޭއެމްގެ ކުރީގެ ރައީސް ތޯރިގް (ކ) އާއި އަލަށް އިންތިހާބުވި ބައްސާމް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުގެ އިންތިހާބުގެ ތެރެއިން އެފްއޭއެމްގެ ކުރީގެ ރައީސް ތޯރިގް (ކ) އާއި އަލަށް އިންތިހާބުވި ބައްސާމް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައްސާމުގެ އެކްސްކޯގައި ދެން ހިމެނިވަޑައިގަންނަވާނީ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަދި މޯލްޑިވްސް ގޭސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާއު އެވެ.

އަތޮޅުތަކުގެ ފުޓްބޯޅައިގެ ތަރައްގީ އަށް 15 މިލިއަން ރުފިޔާ

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ޓީމުތަކުގައި ހިމެނޭ ގިނަ ކުޅުންތެރިން ނިސްބަތްވަނީ އަތޮޅުތަކަށެވެ. އަދި ގައުމީ ޓީމަށް ބެލިޔަސް ގިނައީ އަތޮޅުތަކުގެ ކުޅުންތެރިންނެވެ. ބައްސާމް ވިދާޅުވީ ފުޓްބޯޅަ ތަރައްގީ ކުރެވޭނީ އަތޮޅުތަކަށް ފެންވަރު ރަނގަޅު ވަސީލަތްތަކެއް ފޯރުކޮށްދީގެން ކަމަށެވެ.

"އަތޮޅުތަކުގެ ފުޓްބޯޅަ ތަރައްގީ ކުރަން ވަސީލަތްތައް އެބަ ބޭނުންވޭ. ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން އަޅުގަނޑު 15 މިލިއަން ރުފިޔާ ހަރަދުކުރާނަން. އަތޮޅުތަކުގައި ވަސީލަތްތައް މަދު. ރަނގަޅު ފެންވަރުގެ ދަނޑުތައް ހުރިއިރު އިތުރު އަޕްގްރޭޑްތައް އެބަ ބޭނުންވޭ. އެކަން ކުރަން ބޭނުންވާ އެހީ އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރުގައި އައްޑޫގައި ވަނީ އެފްއޭއެމްގެ އޮފީސް ހުޅުވައިފަ އެވެ. ބައްސާމް ވިދާޅުވީ އުތުރާއި މެދު ރާއްޖެ ތެރޭގައި އިތުރު ދެ އޮފީހެއް ހުޅުވާނެ ކަމަށާއި އަތޮޅުތަކުގެ ފުޓްބޯޅަ ހިންގުން ހަރުދަނާކުރަން މިއީ ކުރުން މުހިއްމު ކަމެއް ކަމަށެވެ.

"މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރަން ވިސްނާއިރު އިދާރީ މަސައްކަތްތައް ބަރާބަރަށް ހިންގުން މުހިއްމު. ގްރާސްރޫޓުން ފެށިގެން ކޯޗިން ކޯސްތައް ވެސް އަތޮޅުތަކުގައި ހިންގަން ބޭނުން. އެ ހުރިހާ ކަމެއް ކުރަން މަގުފަހިކުރުމުގެ ގޮތުން އޮފީސްތަކެއް އަތޮޅުތަކުގައި ހުޅުވުން މުހިއްމު،" ފާއިތުވި ތިން އަހަރުގައި އެފްއޭއެމްގެ އިސް މަގާމުތަކެއް ވެސް ފުރުއްވި ބައްސާމް ވިދާޅުވި އެވެ.

މިއަދު އިންތިހާބުވި އެފްއޭއެމްގެ އާ ރައީސް ބައްސާމް އާއި އޭނާގެ އެކްސްކޯ މެންބަރުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު އިންތިހާބުވި އެފްއޭއެމްގެ އާ ރައީސް ބައްސާމް އާއި އޭނާގެ އެކްސްކޯ މެންބަރުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމް އިންތިހާބުގައި ވެސް އަތޮޅުތަކުގެ ބައިވެރިވުން އޮންނަ ގޮތައް ކުރިއަށް ދިއުމަކީ ވެސް އެންމެ ބޮޑު އެއް އަމާޒުކަމަށް ބައްސާމް ވިދާޅުވި އެވެ.

"މިއަދުގެ އިންތިހާބުގައި އަތޮޅުތަކުގެ ބައިވެރިވުމެއް ނެތް ކަމުގައި ވިޔަސް މުސްތަގުބަލުގައި އަތޮޅުތަކުގެ ބައިވެރިވުން ވެސް އޮތުން އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް. އެއީ އަޅުގަނޑު ކޮށްދޭނެ ކަމެއް،" ބައްސާމް ވިދާޅުވި އެވެ.

ފުޓްބޯޅަ އަށް ޕްލޭނެއް ބޭނުން، އެ ޕްލޭން އެކުލަވާލާނީ ފުޓްބޯޅަ އާއިލާގެ މީހުން

އެފްއޭއެމްގެ ކުރީގެ ރައީސް ތޯރިގު ވެސް ވަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަށް އޮތް 15 ވަރަކަށް އަހަރަށް ފުޅާކޮށް ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފަ އެވެ.

ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ރަނގަޅު ޕްލޭނެއް ބޭނުންވާ ކަމަށާއި އެކަމަށް ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހިސާބުން އަރައިގަންނަން ބޭރުގެ ޓެކްނިކަލް ޑިރެކްޓަރެއް ގެންނާނަން. އަދި ޕްލޭނެއް ވެސް އެކުލަވާލާނަން. އެ ޕްލޭނަށް އަޅުގަނޑުމެން އެހީ ހޯދާނީ ފުޓްބޯޅަ އާއިލާގެ މީހުންގެ ފަރާތުން. ކޮންމެ ގޮތެއްވިޔަސް ދިވެހިރާއްޖޭގެ ފުޓްބޯޅަ ކުރިއަރަން އެންމެ ރަނގަޅު ލަފައެއް ދެވޭނީ މިކަމުގައި ކުރީގައި ވެސް އުޅެފައި ތިބި މީހުންނަށް،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ތިން ޑިވިޝަންގެ ކްލަބްތަކަށް ދެމުން އަންނަ ފައިސާ ބޮޑުކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. މި ގޮތުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް 3 މިލިއަން ރުފިޔާ، ދެ ވަނަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ފަސް ލައްކަ ރުފިޔާ އަދި ތިން ވަނަ ޑިވިޝަންގެ ގަދަ ފަސް ކްލަބަށް އެއް ލައްކަ ރުފިޔާ ދޭނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ފުޓްބޯޅައިގައި ކްލަބްތައް އޮތީ ވަރަށް ހާލުގައި. އެ ކްލަބްތަކަށް ދޭ ފައިސާ އިތުރުކުރީ ފުރަތަމަ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން. އެ ފަހަރު އެކަން ކުރުމުގައި އިސްކޮށް އުޅުނިން އަޅުގަނޑު. ކްލަބްތަކަށް ދޭ ފައިސާ ދެން ވެސް އިތުރުކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ރެފްރީންނަށް ބޭނުންވާ ތަމްރީންތައް އިތުރު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރާނެ ކަމަށާއި ރެފްރީން ޑިވެލޮޕް ކުރުމަށް ބޭރުގެ ރެފްރީސް ޑިރެކްޓަރެއް ގެންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ރާއްޖޭގެ ފުޓްބޯޅައިގައި ކްލަބްތައް އޮތީ ވަރަށް ހާލުގައި. އެ ކްލަބްތަކަށް ދޭ ފައިސާ އިތުރުކުރީ ފުރަތަމަ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން. އެ ފަހަރު އެކަން ކުރުމުގައި އިސްކޮށް އުޅުނިން އަޅުގަނޑު. ކްލަބްތަކަށް ދޭ ފައިސާ ދެން ވެސް އިތުރުކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ރެފްރީންނަށް ބޭނުންވާ ތަމްރީންތައް އިތުރު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރާނެ ކަމަށާއި ރެފްރީން ޑިވެލޮޕް ކުރުމަށް ބޭރުގެ ރެފްރީސް ޑިރެކްޓަރެއް ގެންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ފުޓްބޯޅައިގައި ގިނަ ކަންތައްތައް ނިންމާނީ ކްލަބްތަކުގެ ހިންގުމުގައި އުޅޭ ފަރާތްތަކުގެ އިތުރުން ވީހާވެސް ގިނަ ބަޔެއްގެ މަޝްވަރާ ހޯދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބައްސާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބައްސާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝަވީދާއި މަޖިލިސް މެންބަރުންނަށް ހާއްސަ ޝުކުރެއް

އެފްއޭއެމްގެ ރައީސްގެ މަގާމަށް ބައްސާމް ގެނައުމަށް އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދެވެ. އަދި ބައްސާމްގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުންގެ ހަ މެންބަރުންނެވެ.

"އަޅުގަނޑަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެންމެ ބޮޑަށް އެހީތެރިވި އެކަކަކީ ރާއްޖޭގެ ކުޅިވަރުގެ އެންމެ ނުފޫޒުގަދަ އެއް ފަރާތް ޝަވީދު. އެ ބޭފުޅާ އަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި އަޅުގަނޑަށް މި އިންތިހާބު ކާމިޔާބު ވުމުގައި އަޅުގަނޑުގެ ޓީމުގައި ހިމެނޭ މަޖިލިސް މެންބަރުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމުގެ ޓީމުގައި ހިމެނޭ މަޖިލީސް މެންބަރުން ވަނީ އެ ޓީމަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަަމަ ކުޅިވަރުގެ ފަރާތްތަކަށް ފުރުސަތު ދިނުމަށް ފަހު ފަހަތައް ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ބައްސާމް ވިދާޅުވީ މަޝްވަރާތަކަށް ފަހު ކުރިއަށް އޮތް ތަނުގައި އެ ބަދަލުތައް ފެނިގެންދާނެ ކަމަށެވެ.

"ސީޔާސީ ބޭފުޅުންގެ އެހީ ބޭނުންވޭ އެކަމަކު އެއީ ހިންގުމުގައެއް ނޫން. ހަގީގަތުގައި އެ ބޭފުޅުންގެ އެއްބާރުލުމާ އެކު މި އިންތިހާބު ކާމިޔާބު މިވީ. ރޭވިފައި އޮތްގޮތަށް އެ އޮންނަ އުސޫލުން މަޖިލިސް މެންބަރުންތައް ފަހަތަށް ޖެހުމުގެ ކަންތައް ވެސް ކުރިއަށްދާނެ،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން ވިދާޅުވީ އެ ބޭފުޅުން ނުކުތީ ބައްސާމްގެ ހިމާޔަތުގައި ކަމަށެވެ.

"އަޅުގަނޑުމެން ނުކުތީ ބައްސާމްގެ ހިމާޔަތުގައި. ކުޅިވަރު މީހަކަށް ފުރުސަތު ހޯދައިދޭން. އެކަން ކާމިޔާބުވެއްޖެ. ދެން އޮތީ އަޅުގަނޑުމެން ދެންނެވި ގޮތަށް އެފްއޭއެމް ކުރިއަށް ދިއުމަށް ފުރުސަތު ދިނުން. އެއަށް ފަހު އަޅުގަނޑުމެން އެއް ފަރާތަކަށް ޖެހި މި ކަމަށް ހައްލެއް ހޯދައިދޭނަން،" ހުސެއިން ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް ގެންނަން ބޭނުންވާ ބަދަލުތައް ގެންނަން ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި ބޭނުންވަނީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންގޮސް ދިވެހިން ފަހުރުވެރިވާ ފަދަ ނަތީޖާތަކެއް ސަރަހައްދީ ފެންވަރުގައި ރާއްޖެ އަށް ހޯދައިދޭން ކަމަށް ބައްސާމް ވިދާޅުވި އެވެ.