Roadha Mihaaru
ލަންކާގެ ޑްރަގް އޮޕަރޭޝަން ހުއްޓާލަން ގޮވާލައިފި

ލަންކާގެ ޑްރަގް އޮޕަރޭޝަން ވަގުތުން ހުއްޓާލަން އދ. އިން ގޮވާލައިފި

23 ޖެނުއަރީ 2024

މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި ކުރިއަށްގެންދާ ބޮޑު އޮޕަރޭޝަން "ޔުކްތިޔާ" ވަގުތުން ހުއްޓާލަން އދ.ގެ އެކްސްޕާޓުންގެ ޓީމަކުން ގޮވާލައިފި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި ކުރިއަށްގެންދާ ބޮޑު އޮޕަރޭޝަން "ޔުކްތިޔާ" ވަގުތުން ހުއްޓާލަން އދ.ގެ އެކްސްޕާޓުންގެ ޓީމަކުން ގޮވާލައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު އޮޕަރޭޝަން ފަށައި މިހާތަނަށް 30،000 މީހަކު ހައްޔަރުކޮށްފައި ވާއިރު މީގެ ކުރިން ވެސް އދ. އިން ވަނީ މި އޮޕަރޭޝަނާ މެދު ކަންބޮޑުވުން ފާޅުކޮށް، އިންސާނީ ހައްގުތައް ލިބިދޭ ގޮތަށް ކަންކަން ކުރުމަށް ގޮވާލައިފަ އެވެ.

"މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ވެސް އިންސާނީ ހައްގުތައް ހުންނާނެ،" އދ.ގެ ޓީމުން ބުންޏެވެ. "އިންސާނީ ކަރާމާތާ އެކު އުޅުމުގެ ފުރުސަތު ދިނުމާއި މުޖުތަމައުގައި އެ މީހުންނާ މެދު އޮންނަ ތަފާތުކުރުންތައް އިތުރު ނުވާނެ ގޮތަކަށް ކަންކަން ކުރުމަކީ ކޮށްދޭންޖެހޭ ކަމެއް."

މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރިކުރާ މީހުން ހައްޔަރުކުރަމުން ދާއިރު އެ މީހުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގާ ކަމުގެ ޝަކުވާ އާއި އަސްކަރީ ރިހެބްތަކުގައި ތިބުން މަޖުބޫރުކުރުން ފަދަ ކަންކަން ކުރާ ކަމުގެ ރިޕޯޓްތައް ލިބޭ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

"މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ދެކޮޅަށް މިހާ ހަރުކަށިކަމާ އެކު އަމަލުތައް ގެންގުޅުމަކީ ކަންބޮޑުވާ ކަމެއް،" ލަންކާއަށް މިކަމުގައި ބޭނުންވާ ފަންނީ އެހީ ދޭން ތައްޔާރުކަން ހާމަކުރަމުން އެއް ބޭފުޅަކު ވިދާޅުވި އެވެ.

އދ. އިން ބުނާ ގޮތުގައި ކޯޓު އަމުރު ނެތި މީހުން ހައްޔަރުކޮށް ފާސްކުރުން ފަދަ ކަންކަން މި އޮޕަރޭޝަންގައި ވަރަށް ބޮޑަށް ވަނީ އާންމުވެފަ އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ވެސް ކާމިޔާބު ވާނީ ގާނޫނީ އިމުގެ ތެރެއިން އިންސާނީ ހައްގުތައް ވެސް ލިބިދޭ ގޮތަށް ކުރިއަށް ގެންގޮސްގެން ކަމަށް ވަނީ ބުނެފަ އެވެ.

ލަންކާގެ އޮޕަރޭޝަނާ މެދު އދ. އިން ކުރިން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ލަންކާއިން ބުނެފައިވަނީ އޮޕަރޭޝަން އަދި ދެ ގުނަ ފުޅާކުރާނެ ކަމަށާއި އަދި ހައްޔަރުކުރަންޖެހޭ 40،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ.