Roadha Mihaaru

ލަންކާ ބޯޓުން ޑްރަގު ފެނުނު މައްސަލާގައި އިތުރު އޮޕަރޭޝަންތަކެއް ހިންގަން ޖެހިދާނެ: ޕޮލިސް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ސްރީ ލަންކާގެ ޑްރަގް ބޯޓުން 350 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލަ ލަންކާ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އިތުރު އޮޕަރޭޝަންތަކެއް ވެސް ހިންގަން ޖެހިދާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ލަންކާ ޑްރަގު ބޯޓުގެ މައްސަލާގައި އޮޕަރޭޝަންތަކެއް!
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 ނޮވެމްބަރ 2025

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ސްރީ ލަންކާގެ ޑްރަގް ބޯޓުން 350 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލަ ލަންކާ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އިތުރު އޮޕަރޭޝަންތަކެއް ވެސް ހިންގަން ޖެހިދާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މި ފަހުން ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގުގެ ބޮޑު އޮޕަރޭޝަން "އަލިމަގު" އާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ، ލަންކާގެ ބޯޓުން ޑްރަގު ފެނުނު މައްސަލާގައި އިތުރު ބަޔަކާ ސުވާލުކޮށް، އިތުރު އޮޕަރޭޝަންތަކެއް ވެސް ހިންގަންޖެހޭ ހާލަތެއް ކުރިމަތިވެދާނެ ކަމަށެވެ.

އެހެންވެ، މިއަދުގެ މީޑިއާ ބްރީފިންގައި އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެއްވަން އޭނާ ދެކޮޅު ހެއްދެވި އެވެ.

"..އަދި މިކަމާ ގުޅިގެން އަޅުގަނޑުމެން އިތުރު ފަރާތްތަކާ ސުވާލުކޮށް އިތުރު އޮޕަރޭޝަންތަކެއް ވެސް ހިންގަންޖެހޭ ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީވެ، އަޅުގަނޑުމެން އެ މައުލޫއު އަށް ދާން މިއަދު ގަސްދު ނުކުރަން،" ނާއިފް ވިދާޅުވި އެވެ.

ލަންކާގެ ޑްރަގު ބޯޓު ހަނިމާދޫ ބަނދަރުގައި.-- ފޮޓޯ: މިހާރު

ލަންކާގެ ޑްރަގު ބޯޓު ހަނިމާދޫ ބަނދަރުގައި.-- ފޮޓޯ: މިހާރު

ލަންކާގެ ސިފައިންގެ ނޭވީގެ ފަރާތުން ދިން ޖާސޫސީ މައުލޫމާތުގެ އަލީގައި ރާއްޖޭގެ އަސްކަރީ ޑްރޯން ބޭނުންކޮށްގެން ހޯދައި މި މަހުގެ 7 ވަނަ ދުވަހު އަތުލައިގަތް ބޯޓުގައި 300 ކިލޯގެ ޑްރަގް ހުރި ކަމަށް ލަންކާގެ ނޫސްތަކުން ކުރިން ރިޕޯޓު ކޮށްފައިވެ އެވެ.

އެ މައްސަލާގައި ދިވެހި ފުލުހުން ކުރިން ނެރުނު ބަޔާނުގައި ބުނީ ގާނޫނާ ހިލާފަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ މަސް ބޯޓު ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގޯނިތަކެއް ފެނުނު ކަމަށެވެ.

އޭގެ ފަހުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު ފާސްކުރިއިރު އެއިން 24 ގޯނި ފެނިފައި ވެ އެވެ. އޭގެ ވަގުތީ ބަރުދަން 355.9 ކިލޯ އަށް އަރާ ކަމަށާއި އެ ގޯނިތަކުގައި ހުރީ ހެރޮއިން ކަމަށް ޝައްކު ކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކު ކުރެވޭ 297.3 ކިލޯ ގްރާމްގެ މަސްތުވާތަކެތި ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ރާއްޖޭގެ ސަރަހައްދުން ދިވެހި އަސްކަރިއްޔާ އިން ބޯޓު އަތުލައިގަތްއިރު، ލަންކާގެ ފަސް ފިރިހެނުން ތިއްބެވެ. އެއީ އުމުރުން 28 އަހަރާއި 34 އަހަރާއި 39 އަހަރާއި 42 އަހަރު އަދި 63 އަހަރުގެ ފިރިހެނުންނެވެ. އެ އެންމެން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ޑްރަގް ބޯޓުގެ ތަހުގީގަށް ލަންކާގެ ހާއްސަ ޓީމެއް ވެސް ރާއްޖެ އައިސްފައި ވެ އެވެ.