Roadha Mihaaru
ރައީސާއި ވަޒީރުން ރައްޔިތުންގެ ކުރިމައްޗަށް!

ރައީސާއި ވަޒީރުން ރައްޔިތުންގެ ކުރިމައްޗަށް، ކޮންމެ ސުވާލަކަށް ޖަވާބު ދެއްވާނެ!

22 ޖެނުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުން، ކަނޑައެޅޭ ވަކި މުއްދަތުތަކެއްގެ ތެރޭގައި ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވަން ނިންމަވާފައިވާ ކަން ރައީސް މިރޭ އިއުލާން ކުރައްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުން، ކަނޑައެޅޭ ވަކި މުއްދަތުތަކެއްގެ ތެރޭގައި ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވަން ނިންމަވާފައިވާ ކަން ރައީސް މިރޭ އިއުލާން ކުރައްވައިފި އެވެ.

މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލަރުން މަގާމުގެ ހުވާ ކުރުމަށް ބޭއްވި ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ވޯޓުން އިންތިހާބުވެގެން އަންނަނީ ތަފާތު ކުރުމެއް ނެތި ރައްޔިތުންނާ ގާތުން ހިދުމަތް ކުރުމަށް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރާނީ އެ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފައްޓަވައި ވަގުތު ލިބިވަޑައިގަންނަވާ ގޮތަކުން އެ ދަތުރުފުޅުތައް ތަކުރާރު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ، މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ވެސް "ވީ ވަރަކުން" ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވުމަށްޓަކައި ކޮންމެ ދެ މަހުން އެއް މަހު ވަޒީރުންގެ ފޯރަމް ބާއްވާނެ ކަމަށް ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ފުރަތަމަ ފޯރަމް އަންނަ ހަފުތާގައި ބާއްވާނެ ކަަމށެވެ.

"އެއީ ޕަބްލިކް ފޯރަމެއް. އެ ފޯރަމްގައި ބޭނުން ސުވާލެއް އެ ފޯރަމްގައި އެ ވަގުތަކު ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ފުރުސަތު ދޭނަން. ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެމްބާސް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން ފަސް ބޭފުޅުން ގޮތަށް ދެ މަހުން އެއް މަހުން ޕަބްލިކް ފޯރަމް ބާއްވާނަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލެއް އެ ދެ ގަޑިއިރުގެ ތެރޭގައި ވަޒީރުންނަށް ކުރެވޭނެ އެވެ.

ރައީސް ޑރ. މުއިއްޒު ނިންމަވާފައި ވަނީ ސީދާ އެ މަނިކުފާނު ވެސް ކޮންމެ ތިން މަހަކުން އެއް މަހު އެފަދަ ފޯރަމެއް ބާއްވަވައި ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށެވެ. ރައީސާ ސުވާލު ކުރުމުގެ ފުރަތަމަ ފޯރަމް ތާވަލު ކުރެއްވީ އަންނަ މަހަށެވެ.

"މި ގޮތަށް ރައްޔިތުންނާ ގާތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނީ. އަޅުގަނޑުމެންނަށް ޖަވާބު ނުދެވޭނެ ސުވާލެއް ނުހުންނާނެ. އަޅުގަނޑުމެން ކުރަނީ ރައްޔިތުން ހަވާލުކުރި މަސައްކަތް. ގާނޫނުއަސާސީގައި އޮތް މަސައްކަތް. އެ އަކު ނޯންނާނެ ޖަވާބު ނުދެވޭނެ ކަމެއް. ފޮރުވަން ޖެހޭނެ ކަމެއް. ނޭނގޭނެ ކަމެއް. ޒިންމާ ނުނެގޭނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.