Roadha Mihaaru
ފަލަސްތީނު ފުރަތަމަ ފަހަރަށް ނޮކައުޓް ބުރަށް

ތާރީހީ މޮޅަކާ އެކު ފަލަސްތީނު ފުރަތަމަ ފަހަރަށް ނޮކައުޓް ބުރަށް

24 ޖެނުއަރީ 2024

ދޯހާ (ޖެނުއަރީ 24) - އޭޝިއަން ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 3-0 އިން ހޮންގް ކޮންގް ބަލިކޮށް ފަލަސްތީނު ހޯދި ތާރީހީ މޮޅާ އެކު، ފުރަތަމަ ފަހަރަށް މުބާރާތުގެ ނޮކައުޓް ބުރަށް ކޮލިފައި ވެއްޖެ އެވެ.

ދޯހާ (ޖެނުއަރީ 24) - އޭޝިއަން ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 3-0 އިން ހޮންގް ކޮންގް ބަލިކޮށް ފަލަސްތީނު ހޯދި ތާރީހީ މޮޅާ އެކު، ފުރަތަމަ ފަހަރަށް މުބާރާތުގެ ނޮކައުޓް ބުރަށް ކޮލިފައި ވެއްޖެ އެވެ.

މިއީ ފަލަސްތީނުން އޭޝިއަން ކަޕް ކުޅޭ ތިން ވަނަ ފަހަރެވެ. ރޭ ހޮންގް ކޮންގް ބަލިކުރުމުގެ ކުރިން އެޓީމު އަދި މުބާރާތުގައި މޮޅެއް ނުވެ އެވެ.

ރޭގެ މެޗުގެ 12 ވަނަ މިނިޓުގައި އޮޑޭ ޑައްބާގް ފަލަސްތީނަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިން ގޯލު ޖަހައިދިނީ ޒުވާޏް ފޯވާޑް ޒައިދު ގުންބަރެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ތިންވަނަ ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޑައްބާގް އެވެ.

މެޗުގެ އިތުރު ވަގުތުގައި، ފީފާ ރޭންކިންގެ 150 ވަނައިގައި އޮތް ހޮންގް ކޮންގަށް ސުން ކަނޑުވާލަން ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ފަލަސްތީނުން ވަނީ ފުރަތަމަ މެޗުގައި އިރާނާ ވާދަކޮށް 4-1 އިން ބަލިވެފަ އެވެ. ރޭ ހޯދި ފުރަތަމަ މޮޅުގެ ކުރިން އެޓީމުން ޔޫއޭއީއާ 1-1 އިން އެއްވަރުކޮށް ޖުމްލަ ހަތަރު ޕޮއިންޓް ހޯދި ފަލަސްތީނު، މުބާރާތުގެ ގަދަ 16 ގައި ވާދަކުރާނީ ގުރޫޕް ސީ ގެ ތިންވަނަ ޓީމުގެ ގޮތުގަ އެވެ.

ގުރޫޕް ސީގެ ދެވަނަ ހޯދި ޔޫއޭއީ ވެސް ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ގޯލުގެ ތަފާތުން ފަލަސްތީނަށް ވުރެ ކުރީގައި ޔޫއޭއީ ނިންމީ ދެވަނައިގަ އެވެ. އެއްވަނައިގައި ނިންމީ ތިން މެޗުން ވެސް މޮޅުވި އިރާނެވެ.

ހޮންގް ކޮންގް ކޮޅަށް ދެވަނަ ގޯލު ޖެހުމަށް ފަހު ފަލަސްތީނުގެ ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ

ހޮންގް ކޮންގް ކޮޅަށް ދެވަނަ ގޯލު ޖެހުމަށް ފަހު ފަލަސްތީނުގެ ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލާއި ހަމާސްގެ ހަނގުރާމައިގެ ހަނގުރާމަ ހިނގަމުންދާ މި ދަނޑިވަޅުގައި ފަލަސްތީނުގެ ފުޓްބޯޅަ ޓީމުން މި ހޯދި ކާމިޔާބީއަކީ އެޓީމުގެ ކުޅުންތެރިންނަށާއި ގައުމުގެ ރައްޔިތުންނަށް ވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ހަނގުރާމައިގެ ތެރެއިން ފަލަސްތީނު ޓީމުގެ ކުޅުންތެރިންނާއި ސްޓާފުންގެ އާއިލާގެ މެމްބަރުން ވެސް ވަނީ މި ދުނިޔެއާ ވަކިވެފަ އެވެ.

މެޗު ފެށިގެން ނިމެންދެން ވެސް ސްޓޭޑިއަމަށް އެއްވެ ތިބި ސަޕޯޓަރުން ވަނީ ފަލަސްތީނު މިނިވަން ކުރަން ހަރުއަޑުން ގޮވާލައިފަ އެވެ.

ގުރޫޕް ބީގެ ތިންވަނަ ހޯދި ސީރިއާ ވެސް ވަނީ ކޮނައުޓް ބުރުން ޖާގަ ހޯދައިފަ އެވެ. އެޓީމުން ވަނީ އިންޑިއާ އަތުން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހޯދި މޮޅާ އެކު ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. އިންޑިއާ ނިންމާލީ ލަނޑެއް ނުޖެހި، ޕޮއިންޓެއް ކާމިޔާބު ނުކުރެވި އެވެ. މި ގުރޫޕްގެ އެއްވަނަ ހޯދި އޮސްޓްރޭލިއާ ހަތް ޕޮއިންޓް ހޯދާފައި ވާއިރު، ދެވަނަ ހޯދީ ފަސް ޕޮއިންޓް ހޯދި އުޒްބަކިސްތާނެވެ.

ގުރޫޕް އޭގެ ތިންވަނައިގައި ނިންމި ޗައިނާ ވަނީ މުބާރާތުން ކަޓައިފަ އެވެ. އެޓީމަށް ގުރޫޕް ސްޓޭޖުގެ ތިން މެޗުން ހޯދިފައި ވަނީ ދެ ޕޮއިންޓެވެ.

މުބާރާތުގައި ހިމެނޭ ހަ ގުރޫޕްގެ ތިންވަނައިގައި ނިންމާ ޓީމުތަކުގެ ތެރެއިން ހަތަރު ޓީމަކަށް ގަދަ 16 އިން ފުރުސަތު ލިބޭނެ އެވެ. ޗައިނާ ކަޓައި، ފަލަސްތީނާއި ސީރިއާ ގަދަ 16 އަށް ދަތުރު ކޮށްފައި ވާއިރު، ބާކީ ތިން ގުރޫޕުން ދެ ޓީމަށް އަދި ފުރުސަތު އެބަ އޮތެވެ.