Roadha Mihaaru
އޭޝިއަން ކަޕް؛ ގަތަރާ ދެކޮޅަށް އުރުދުން އިތުބާރާއެކު

އޭޝިއަން ކަޕް ފައިނަލް؛ ޗެމްޕިއަން ގަތަރާ ދެކޮޅަށް އުރުދުން އިރުބާރާ އެކު

10 ފެބުރުއަރީ 2024

ހައިރާން ކުރަނިވި ގިނަ ނަތީޖާތަކެއް ފެނިގެންދާ އޭޝިއަން ކަޕްގެ ފައިނަލްގައި، ޗެމްޕިއަން ގަތަރުން މިރޭ އަމިއްލަ ފަސްގަނޑުގައި ތަށި ދިފާއު ކުރަން އުރުދުންނާ ދެކޮޅަށް ނުކުންނާނެ އެވެ.

ހައިރާން ކުރަނިވި ގިނަ ނަތީޖާތަކެއް ފެނިގެންދާ އޭޝިއަން ކަޕްގެ ފައިނަލްގައި، ޗެމްޕިއަން ގަތަރުން މިރޭ އަމިއްލަ ފަސްގަނޑުގައި ތަށި ދިފާއު ކުރަން އުރުދުންނާ ދެކޮޅަށް ނުކުންނާނެ އެވެ.

އުރުދުން ސެމީގައި ވަރުގަދަ ދެކުނު ކޮރެއާ 2-0 އިން ބަލިކުރުމާ އެކު މިފަހަރުގެ ފައިނަލް ވެގެން ދިޔައީ އަރަބި ފައިނަލަކަށެވެ. ގަތަރުން ފަހަތުން އަރައި 3-2 އިން މޮޅުވީ ދެވަނަ ސެމީގައި އިރާނާ ދެކޮޅަށް ކުޅެގެންނެވެ.

ގަތަރު މުބާރާތާ ކުރިމަތި ލީވެސް އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. ނަމަވެސް މަތީ ރޭންކުގެ ޓީމުތަކާ ދެކޮޅަށް ނަތީޖާތައް ރަނގަޅު ނުވުމުން އެޓީމު، މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ކުރިން ނުބެލެވުނެވެ. ނަމަވެސް އެޓީމުގެ ކޯޗު ސްޕެއިންގެ ޓިންޓިން މާކޭޒްގެ ގަތަރު ޓީމު އަންނަނީ ކޮންމެ މެޗެއްގައި ލަނޑު ޖަހަމުންނެވެ. ގުރޫޕް ސްޓޭޖު ނިންމާލީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ.

"މި ސްކޮޑުގައި ހިމެނޭތީ އެކަމާ ފަހުރުވެރިވޭ. މީގެ މަހެއް ކުރިން އެއްވެސް މީހަކު އުންމީދު ވެސް ނުކުރާނެ އަހަރެމެން ފައިނަލް ކުޅޭނެ ކަމަކަށް. މިއީ ކޯޗާއި ޓެކްނިކަލް ސްޓާފުންނާއި ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު ވަރަށް ގުޅިގެން ކުރެވުނު ބުރަ މަސައްކަތްތަކެއްގެ ނަތީޖާ،" ގަތަރުގެ ކެޕްޓަން ހަސަން އަލް ހައިދޯސް ބުންޏެވެ.

އުރުދުން، ދެކުނު ކޮރެއާ ކަޓުވާލުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އުރުދުން، ދެކުނު ކޮރެއާ ކަޓުވާލުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ރާއްޖެ ގަޑިން މިރޭ 8 ޖަހާއިރު ކުޅޭ ފައިނަލަކީ އުރުދުން އެޓީމުގެ ތާރީހުގައި ވެސް ކުޅޭ ފުރަތަމަ އޭޝިއަން ކަޕް ފައިނަލެވެ. ގުރޫޕް ސްޓޭޖުގައި ތިންވަނައިގައި ނިންމި ޓީމުތަކުގެ ތެރޭން އެންމެ ނަތީޖާ ރަނގަޅު ޓީމުގެ ގޮތުގައި ނޮކައުޓް ބުރުން ފުރުސަތު ހޯދައި އެޓީމުން ވަނީ ދެކުނު ކޮރެއާގެ އިތުރުން އިރާގު ވެސް ކަޓުވާލައިފަ އެވެ.

މިއީ އުރުދުންގެ ކޯޗު، މޮރޮކޯގެ ހުސެއިން އައްމުއުތާ އަށް ލިބުނު ބޮޑު ކާމިޔާބެކެވެ. މިދިޔަ އަހަރު އެޓީމުން ކުޅުނު ހަތް މެޗުން ވެސް މޮޅެއް ނުހޯދުމުން ކޯޗަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒު ވެފަ އެވެ. އެ ހަތް މެޗުގެ ތެރެއިން ހަ މެޗުން އެޓީމު ބަލިވި އެވެ.

"އަހަރެމެން މިހޯދި ކާމިޔާބާ ގުޅިގެން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބެނީ، މި ހޯދުނީ އަމިއްލަ ނަފްސަށް ވެސް އިތުބާރެއް. ޓީމެއް ބަލިވާއިރަށް ޒިންމާ އެޅެނީ ކޯޗު ބޮލުގައި، މޮޅު ވެއްޖެ ނަމަ އެއީ ކުޅުންތެރިންގެ މޯރަލް ރަނގަޅުވީމަ. އަހަރެމެން ތައްޔާރުވަނީ ހުރިހާ ކަމަކަށް ތައްޔާރު ވެގެން، ފިޒިކަލީ، މެންޓަލީ، ޓެކްޓިކަލް އަދި ސައިކޮލޮޖިކަލީ ވެސް ތިބޭނީ ތައްޔާރަށް،" އުރުދުންގެ ކޯޗު އައްމުތުއާ ބުންޏެވެ.

ގަތަރު ޓީމުގެ ލީޑަރު ހައިދޯސް، 33، ވަނީ ގުރޫޕް ސްޓޭޖުގައި ޗައިނާއާ ދެކޮޅަށް ގޯލު ޖަހައިފަަ އެވެ. އެއަށް ފަހު ނޮކައުޓް ބުރުގައި ފަލަސްތީނާއި އުޒްބަކިސްތާނާ ދެކޮޅަށް ވެސް ގޯލު ޖެހި އެވެ. އެޓީމުން ގޯލާ އެންމެ ރައްޓެހީ އަކްރަމް އަފީފެވެ. އޭނާ ވަނީ މިހާތަނަށް ފަސް ގޯލު ޖަހައި، ތިން ގޯލު އެސިސްޓް ކޮށްފަ އެވެ. ކުރީ ފަހަރު މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި އަލްމުއީޒް އަލީ މި މުބާރާތުގައި މާ ގިނަ ގޯލުތަކެއް ނުޖެހިއެއް ކަމަކު އޭނާ ވެސް އަންނަނީ ޓީމުގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

އުރުދުންގެ ޓީމުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ފްރާންސްގެ މޮންޓްޕެލިއޭ އަށް ކުޅޭ ވިންގާ މޫސާ އައްތާމަރީ އެވެ. އޭނާ ވަނީ މުބާރާތުގައި މިހާތަނަށް ތިން ގޯލު ޖަހައި އެއް ގޯލުގައި އެސިސްޓް ކޮށްފަ އެވެ. ސެންޓަ ބެކް ޔަޒާން އަލް އަރަބް، އެޓީމުގެ ޑިފެންސުގައި މުހިއްމު ދައުރެއް އަދާކުރަމުން ދާއިރު، ޒުވާޏް ފޯވާޑް ޔަޒާން އަލް ނައީމަތު އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ގުރޫޕް ސްޓޭޖުގައި ދެކުނު ކޮރެއާއާ ދެކޮޅަށް އޭނާ ގޯލު ޖެހިއިރު، ގަދަ 16 އާއި ސެމީގައި ވެސް އޭނާ ގޯލު ޖެހި އެވެ.