Roadha Mihaaru
ކޮރެއާ ކަޓުވާލުމަށްފަހު އުރުދުން އަލަށް ފައިނަލަށް

ވަރުގަދަ ކޮރެއާ ކަޓުވާލުމަށްފަހު އުރުދުން ފުރަތަމަ ފަހަރަށް ފައިނަލަށް، ކްލިންސްމަން ރުޅިގަދަ ވެފައި

07 ފެބުރުއަރީ 2024

އައް ރައްޔާން (ފެބްރުއަރީ 7) - އޭޝިއާގެ ފުޓްބޯޅައިގައި ވަރުގަދަ ބާރު ދެކުނު ކޮރެއާ ކަޓުވާލުމަށްފަހު، އުރުދުން، އޭޝިއަން ކަޕްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކޮށްފި އެވެ.

އައް ރައްޔާން (ފެބްރުއަރީ 7) - އޭޝިއާގެ ފުޓްބޯޅައިގައި ވަރުގަދަ ބާރު ދެކުނު ކޮރެއާ ކަޓުވާލުމަށްފަހު، އުރުދުން، އޭޝިއަން ކަޕްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކޮށްފި އެވެ.

ގަތަރުގައި ކުރިއަށްދާ މުބާރާތުގައި އެ ގައުމުގެ އައް ރައްޔާން ސިޓީގައި ހުންނަ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ނުކުތް އިރު ގިނަ ބައެއްގެ ފޭވަރިޓް ޓީމަކީ ކޮރެއާ އެވެ. ގަވާއިދުން ވޯލްޑް ކަޕުން ޖާގަ ހޯދަމުންދާ ކޮރެއާ ސެމީ ފައިނަލަށް ދަތުރު ކުރީ 2015 ގެ ޗެމްޕިއަން އޮސްޓްރޭލިއާ ބަލި ކުރުމަށް ފަހު އެވެ.

ފުޓްބޯޅައިގެ ފޯރި ވަރުގަދަވަމުން އަންނަ ގަލްފްގެ ގައުމުތަކުގެ ތެރެއިން އުރުދުން އަކީ ފުޓްބޯޅައިގެ މާ ބޮޑު ބާރެއް ކަމަށް ނުބަލަ އެވެ. އެކަމަކު ކޮރެއާގެ މައްޗަށް 2-0 ން މޮޅުވެ އުރުދުން ވަނީ ފެންވަރު ދައްކައިލައިފަ އެވެ.

މެޗުގެ ދެ ލަނޑު ވެސް އުރުދުން ޓީމުން ޖެހީ ދެވަނަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ޔަޒާން އަލް ނައިމަތާއި މޫސާ ތަމާރީ އެވެ.

ކޮރެއާގެ ފުޓްބޯޅައިގެ ރަން ޖީލުގެ ގޮތުގައި ބަލަމުން އަންނަ މިހާރުގެ ޓީމުގެ ކޯޗުކަން އެ ގައުމުގެ އެފްއޭއެިން ހަވާލު ކުރީ ވެސް އިންޓަނޭޝަނަލް ފުޓްބޯޅައިގައި ވެސް ތަޖުރިބާ ބޮޑު ޖަރުމަނުގެ ޔާގަން ކްލިންސްމަނާ އެވެ. ޖަރުމަނުގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން ކްލިންސްމަނަށް ކޮރެއާ ފައިނަލާ ހަމައަށް ވެސް ނުގެންދެވުމުން ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ. އޭނާ އާ ޓީމު ހަވާލު ކުރީ އަހަރްހާ ދުވަސް ކުރިންނެވެ.

ކުރިމަތިލި ފުރަތަމަ ބޮޑު މުބާރާތުގައި ވެސް ނާކާމިޔާބުވުމުން އޭނާ މަގާމުން އިސްތިއުފާ ދޭނަންތޯ ނޫސްވެރިން އެހުމުން ވެސް އޭނާ ހުރީ ރުޅިގަދަ ވެފަ އެވެ.

"އަހަރެން އެއްވެސް ކަމެއް ކުރާކަށް ގަސްތެއް ނުކުރަން،" އިސްތިއުފާ ދޭނަންތޯ ސުވާލު ކުރުމުން ކްލިންސްމަން ބުންޏެވެ.

"އަހަރެން ވިސްނަނީ މި މުބާރާތް އެނަލައިޒްކޮށް، ޓީމާ އެކު އެނބުރި ކޮރެއާ އަށް ގޮސް، ދެން ފެޑެރޭޝަނާ ވާހަކަ ދައްކަން. ރަނގަޅު ކަންތައްތަކާއި މުބާރާތުގައި އެހާ ރަނގަޅު ނޫން ކަންތައްތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަން.

"އަހަންނަށް މުބާރާތުން ފެނުނު ވަރަށް ރަނގަޅު ކަންތައްތަކެއް. ކުރިއަރަމުން އަންނަ ޓީމެއް އެބައޮތް، ކުރިއަށް އޮތް އަހަރުތަކުގައި އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕަށް އަދިވެސް ޑިވެލޮޕްވާން ޖެހޭ އަދުވެސް އިތުރަށް ކުރިއެރުން ހޯދަނެ ޓީމެއް މީ. ކޮލިފައިންގެ ވަރަށް އުނދަގޫ ގުރޫޕެއްގައި އޮވެ، އަހަރެމެންގެ ކުރިމަތީގައި ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި."

އެކަމަކު އޭނާ ބުނީ ނާކާމިޔާބުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ. ފައިނަލުގައި އުރުދުންއާ ދެކޮޅަށް ނުކުންނާނީ ސެމީ ފައިނަލު ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ގަތަރާއި އިރާން މިއަދު ބަދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.