Roadha Mihaaru
އައިސީޖޭ އިން އިޒްރޭލާ ދެކޮޅަށް އަމުރު ނެރެފި

ނަސްލު ނައްތާލުމުގެ އަމަލުތައް ވަގުތުން ހުއްޓާލަން އައިސީޖޭ އިން އިޒްރޭލަށް އަމުރުކޮށްފި

26 ޖެނުއަރީ 2024

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަގުތީ އަމުރެއް ނެރެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަގުތީ އަމުރެއް ނެރެފި އެވެ.

ދެކުނު އެފްރިކާ އިން އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރު ނެރުއްވަމުން ފަނޑިޔާރު ޖޯން ޑޮނޮޚުވޭ ވަނީ އިޒްރޭލުން މިއަދުން ފެށިގެން މަސް ދުވަސް ތެރޭގައި، އަމުރާ ގުޅޭ ގޮތުން އަމަލުކުރި ގޮތުގެ ރިޕޯޓެއް ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކުރައްވައިފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި އާންމުން ޖެހިފައިވާ ހާލާ މެދު އދ.ގެ އެކި އިދާރާތަކުން ނެރެފައިވާ ބަޔާންތަކާއި އިޒްރޭލުގެ ވެރިންނާއި އަސްކަރިއްޔާއިން ޣައްޒާގެ އާންމުންނަކީ "އިންސާނުންގެ ސިފައިފައިގައި ތިބި ޖަނަވާރުން" ކަމަށް ސިފަކުރުމާއި ހަމާސްގެ އަމަލުތަކަށް ޣައްޒާގެ ރައްޔިތުން ވެސް ޒިންމާވާން ޖެހޭނެ ކަމަށް ބުނެފައިވާ ވާހަކަތަކަށް ކޯޓުން ރިއާޔަތްކުރި އެވެ.

ވަގުތީ އަމުރު ނެރުމަށް ނިންވެނީ ކޯޓުން ފަހުގެ ނިންމުން ނިންމުމުގެ ކުރިން ޣައްޒާގެ ހާލަތު މިހާރަށް ވުރެ ވެސް ނުރައްކާ ހާލަތަކަށް ހިނގައިދާނެ ސަބަބުތައް ހުރުމުން ކަމަށާއި މިހާރު ވެސް ޣައްޒާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ.

މިއީ ޖެނޮސައިޑް ކޮންވެންޝަންގައި ބުނާ ޝަރުތުތައް ހަމަނުވާ އަދި އެކަށީގެންވާ ހެކި ވެސް ނެތި ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެހެންވެ މި މައްސަލަ ބާތިލްކުރުމަށް އިޒްރޭލުން ކޯޓުގައި އެދުނެވެ. އެކަމަކު ފަނޑިޔާރުންގެ ނިންމެވުން އިއްވަވަމުން ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައި ހުރި ކަންކަމަށް ބަލާއިރު ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާފައިވާ ކަމަށް ބެލެވޭ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ މި މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިގެންވާ ކަމަށް ނިންމީ އެވެ.

ދެކުނު އެފްރިކާއިން ކޯޓުގައި ނުވަ ކަމަކަށް އެދުނެވެ. ހަމަލާތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ އޭގެ ތެރެއިން އެއް ކަންތަކެވެ. ދެން އަމުރުކުރި ކަންކަމަކީ؛

¹ ކޮންވެންޝަންގައި، ނަސްލު ނައްތާލުމުގެ އަމަލުތައް ކަމަށް ބެލެވޭ ހުރިހާ ކަމެއް ހުއްޓާލުން

² ނަސްލު ނައްތާލުމުގެ އެއްވެސް އަމަލެއް އިޒްރޭލުގެ އަސްކަރިއްޔާއިން ނުހިންގުން

³ ނަސްލު ނައްތާލުމުގެ އަމަލުތަކަށް މަގު ފަހިވާ އާންމު ހުރިހާ އަމަލެއް ހުއްޓާލުން

⁴ ޣައްޒާގެ ނިކަމެތި ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމަށް އިޒްރޭލުން ވަގުތުން ފިޔަވަޅު އެޅުން

⁵ ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ހެކި ގެއްލިދާނެ އެއްވެސް ކަމެއް އިޒްރޭލުން ނުކުރުން

⁶ މި ކަންކަމަށް އަމަލުކުރުމަށް އިޒްރޭލުން އެޅި ފިޔަވަޅުތަކާ ބެހޭ ރިޕޯޓެއް މިއަދުން ފެށިގެން މަސް ދުވަސް ތެރޭ ކޯޓަށް ހުށަހެޅުން.

މި ނިންމުންތަކުގެ ތެރެއިން 3 އަދި 4 ވަނަ ނިންމުމަށް 16 ފަނޑިޔާރުން ތާއީދުކުރެއްވި އިރު އެއް ފަނޑިޔާރަކު ދެކޮޅު ހެއްދެވި އެވެ. ދެން ހުރި ކޮންމެ ނިންމުމަކަށް 15 ފަނޑިޔާރުން ތާއީދުކުރެއްވި އިރު ދެ ފަނޑިޔާރަކު ދެކޮޅުހެއްދެވި އެވެ.

މިއަދުގެ އަޑުއެހުން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލާއި 200 އަށް ވުރެ ގިނަ މީހުން ރަހީނުކުރި ހާދިސާގެ ވާހަކައިންނެވެ. ހަމާސް އާއި ފަލަސްތީނުގެ އެހެން ގްރޫޕްތަކުން ރަހީނުކޮށްފައި ތިބި އިޒްރޭލުގެ އެންމެން އެއްވެސް ޝަރުތަކާ ނުލައި މިނިވަންކުރަން ވެސް އަމުރުގައިވެ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން މިއަދުގެ އަމުރު ނެރެން ބޭއްވި ބައްދަލުވުން ކުރިއަށްދަނީ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން މިއަދުގެ އަމުރު ނެރެން ބޭއްވި ބައްދަލުވުން ކުރިއަށްދަނީ.

އިޒްރޭލުން ބުނެފައިވަނީ ހަމަލާތައް ހުއްޓާލަން ކޯޓަށް އަމުރު ނުކުރެވޭނެ ކަމަށާއި އެއީ މައްސަލައިގެ އަނެއް ފަރާތުގައި އޮތީ ހަމާސް ކަމަށް ވެފައި ހަމާސްއަކީ ކޯޓަށް ހުށަހެޅި މައްސަލައިގެ ބައިވެރިޔަކަށް ނުވުމެވެ.

އަސްލު މައްސަލަ ނިމެން އަދި ދުވަސްތަކެއް ހޭދަވާނެ

އިޒްރޭލުގެ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް ކޯޓުގެ މި މަރުހަލާގައި ކަނޑައެއް ނޭޅޭނެ އެވެ. މި މަރުހަލާގައި އަދި އޮންނާނީ މައްސަލަ ބަލައި ވަކި ގޮތެއް ކަނޑައަޅަންދެން އަމަލުކުރަންވީ ގޮތުގެ ވަގުތީ އަމުރު ނެރުމެވެ. އިޒްރޭލުގެ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްތޯ ކަނޑައެޅުމަކީ ދެ ވަނަ މަރުހަލާ އެވެ. މިކަމަށް އަދި އެތައް އަހަރެއް ހޭދަވެދާނެ އެވެ.

މި މަރުހަލާގައި، ނަސްލު ނައްތާލުމުގެ އަމަލުތައް އިޒްރޭލުން ހިންގާކަން ސާބިތުކޮށްދިނުމަކީ، މައްސަލަ ހުށަހެޅި ދެކުނު އެފްރިކާއިން ކުރަންޖެހޭ ކަމެއް ނޫނެވެ. މި ވަގުތަށް ޖެހޭނީ ނަސްލު ނައްތާލުން ކަމަށް ބެލެވޭ ހާލާތެއް އޮތް ކަމަށް ގަބޫލުކުރެވޭ މިންވަރަށް އެކަން ބުނެދޭށެވެ.

އައިސީޖޭގެ ނިންމުންތަކަށް އަމަލުކުރުން މެންބަރު ގައުމުތަކަށް ލާޒިމެވެ. އެކަމަކު އަމުރުތައް ތަންފީޒުކުރުމުގައި ކޯޓަށް މާ ބޮޑު ބާރެއް ނޯވެ އެވެ. ގިނަ ގައުމުތަކުން ކޯޓުގެ އަމުރުތައް ބޮލައިލައި ޖަހަނީ އެވެ. ރަޝިއާ އިން ޔުކްރެއިންނަށް ހަމަލާ ދޭން ފެށުމުން ވެސް އެކަން ހުއްޓާލަން ކޯޓުން އަމުރުކުރި އެވެ. އެކަމަކު ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.

މި ފަހަރު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކެއްގައި 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކުގަ އެވެ. މި ހަމަލާއަށް ފަހު ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ހަމަލާދޭން ފަށައި މިހާތަނަށް 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު މިއީ އިޒްރޭލުން މިހާތަނަށް ޣައްޒާއަށް ދިން އެންމެ އަނިޔާވެރި ހަމަލާތަކެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ޝިކާރައަކަށްވީ މީހުންގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ކަމަށް ފަލަސްތީނުން ވަނީ ބުނެފަ އެވެ.