Roadha Mihaaru
ދެކުނު އެފްރިކާގެ މާޒީއަށްވުރެ ފަލަސްތީނުގެ ހާލަތު ގޯސް

ދެކުނު އެފްރިކާއިން ބުނަނީ އެ ގައުމުގައި ތަޖުރިބާކުރި ތަފާތުކުރުމަށް ވުރެ ފަލަސްތީނުގެ ހާލަތު ގޯސް ކަމަށް

21 ފެބުރުއަރީ 2024

ދެކުނު އެފްރިކާގައި 1994 ވަނަ އަހަރުގެ ކުރިން އޮތް ނަސްލީ ތަފާތުކުރުމަށް ވުރެ މާ ބޮޑަށް އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކުގައި އެފަދަ އަމަލުތައް ހިންގާ ކަމަށް ދުނިޔޭގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިއްޔެ ދެކުނު އެފްރިކާއިން ބުނެފި އެވެ.

ދެކުނު އެފްރިކާގައި 1994 ވަނަ އަހަރުގެ ކުރިން އޮތް ނަސްލީ ތަފާތުކުރުމަށް ވުރެ މާ ބޮޑަށް އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކުގައި އެފަދަ އަމަލުތައް ހިންގާ ކަމަށް ދުނިޔޭގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިއްޔެ ދެކުނު އެފްރިކާއިން ބުނެފި އެވެ.

"ރަސްމީ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންގެ ގައުުމުގައި ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ގެންގުޅުނު ތަފާތުކުރުމަށްވުރެ އެތައް ގުނައެއް ބޮޑުކޮށް އެފަދަ އަމަލުތައް އިޒްރޭލުން ފަލަސްތީނު މީހުންނާ މެދު ހިންގާކަން އަޅުގަނޑުމެން ދެކުނު އެފްރިކާ މީހުންގެ ހައިސިއްޔަތުން ފެނި، އިހްސާސްވޭ،" އައިސީޖޭ ހުންނަ ނެދަލެންޑްސް އަށް ދެކުނު އެފްރިކާއިން ކަނޑައަޅާފައިވާ ސަފީރު ވުސިމުޒި މަޑޮންސޭލާ ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނު އަޅުވެތިކޮށްފައި އޮތުމުގެ ގާނޫނީ ނަތީޖާއާ މެދު އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދެކުނު އެފްރިކާއިން މިހެން ބުނެފައި ވާއިރު އެ ގައުމުގެ ހުށަހެޅުމަށް 52 ގައުމަކުން ކޯޓުގައި ތާއީދުކުރެ އެވެ.

މަޑޮންސޭލާ ވިދާޅުވީ އިޒްރޭލުން ނަސްލީ ތަފާތުކުރުމުގެ ކުށުގެ އަމަލުތައް ހިންގާކަން ސާފުކޮށް އެނގެން އެބަ އޮތް ކަމަށެވެ. އަދި މި ތަފާތުކުރުން ގެންގުޅުމަކީ އިޒްރޭލުން ވަގުތުން ހުއްޓާލަންޖެހޭ އަނިޔާވެރި އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަސްލީ ތަފާތުކުރުމަށް ބެލެވޭ ކޮންމެ ކަމެއް ސަމާލުކަމަށް ގެނެސް އެކަން ހުއްޓުވަން އިސްނެގުމުގައި ދެކުނު އެފްރިކާއަށް ހާއްސަ ޒިންމާއެއް އެބަ އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިއްޔެ އަޑުއެހުމުގައި ފަަލަސްތީނުގެ މަންދޫބުން ވިދާޅުވީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ގެންގުޅެނީ އިސްތިއުމާރީ އަޅުވެތިކުރުމެއް އަދި ނަސްލީ ތަފާތުކުރުމެއް ކަމަށެވެ.

އައިސީޖޭގައި އިއްޔެ ފެށި މި ކޭސް އަކީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި އެހީ ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސަން އިޒްރޭލަށް އަމުރުކޮށްދިނުމަށް އެދި ދެކުނު އެފްރިކާއިން އައިސީޖޭ އަށް ހުށަހަޅާފައިވާ މައްސަލައާ މުޅިން ތަފާތު އެހެން މައްސަލައެކެވެ. ކުރީގެ މައްސަލައިގައި އައިސީޖޭ އިން ވަނީ އިޒްރޭލާ ދެކޮޅަށް ވަގުތީ އަމުރެއް ނެރެފަ އެވެ.

މިހާރު ކުރިއަށްދަނީ "އަވަސް" މައްސަލައެއް ނަމަވެސް މި މައްސަލައިގައި ގޮތެއް ނިންމޭނީ މި އަހަރުގެ ފަހުކޮޅު އެވެ. -- އޭއެފްޕީ