Roadha Mihaaru
ރައީސް ގޮވާލެއްވީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް

އައިސީޖޭގެ އަމުރަށް މަރުހަބާ ވިދާޅުވެ ރައީސް ގޮވާލެއްވީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް

26 ޖެނުއަރީ 2024

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ބައިނަލްއަގުވާމީ ގަތުލުއާންމު މަނާކުރާ މުއާހަދާ ހިލާފުކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ، އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ބައިނަލްއަގުވާމީ ގަތުލުއާންމު މަނާކުރާ މުއާހަދާ ހިލާފުކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ، އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އައިސީޖޭއިން ނެރުނު ވަގުތީ އަމުރުގައި އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން ވަނީ އަންގައިފަ އެވެ.

ދެކުނު އެފްރިކާ އިން އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރު ނެރުއްވަމުން ފަނޑިޔާރު ޖޯން ޑޮނޮޚުވޭ ވަނީ އިޒްރޭލުން މިއަދުން ފެށިގެން މަސް ދުވަސް ތެރޭގައި، އަމުރާ ގުޅޭ ގޮތުން އަމަލުކުރި ގޮތުގެ ރިޕޯޓެއް ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކުރައްވައިފަ އެވެ.

އެ އަމުރަށް މަރުހަބާ ވިދާޅުވެ، ރައީސް މުއިއްޒުގައި އެކްސްގައި ގޮވާލެއްވީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ފުރާނައެއްގެ ވެސް އަގެއް އޮންނަ އިރު، އެ ކަން ހިމާޔަތް ކުރަންޖެހެ އެވެ.

"ބޮމުގެ ހަމަލާތަކާއި، ގެދޮރު ގެއްލުވާލުމާއި، ނަސްލީ ތަފާތުކުރުންތަކުން ހަމަޖެހުމެއް ނުލިބޭނެ," އެ މަނިކުފާނު ވިދާޅުވި އެވެ.

އަދި ފަލަސްތީނުގައި ހަގީގީ އަދި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެން ކަން ރައީސް މިރޭ ވެސް ފާހަގަކުރެއްވި އެވެ.

އައިސީޖޭން ވަގުތީ އަމުރު ނެރުމަށް ނިންމީ ކޯޓުން ފަހުގެ ނިންމުން ނިންމުމުގެ ކުރިން ޣައްޒާގެ ހާލަތު މިހާރަށް ވުރެ ވެސް ނުރައްކާ ހާލަތަކަށް ހިނގައިދާނެ ސަބަބުތައް ހުރުމުން ކަމަށާއި މިހާރު ވެސް ޣައްޒާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ.

މިއީ ޖެނޮސައިޑް ކޮންވެންޝަންގައި ބުނާ ޝަރުތުތައް ހަމަނުވާ އަދި އެކަށީގެންވާ ހެކި ވެސް ނެތި ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެހެންވެ މި މައްސަލަ ބާތިލްކުރުމަށް އިޒްރޭލުން ކޯޓުގައި އެދުނެވެ. އެކަމަކު ފަނޑިޔާރުންގެ ނިންމެވުން އިއްވަވަމުން ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައި ހުރި ކަންކަމަށް ބަލާއިރު ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާފައިވާ ކަމަށް ބެލެވޭ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ މި މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިގެންވާ ކަމަށް ނިންމީ އެވެ.

ދެކުނު އެފްރިކާއިން ކޯޓުގައި ނުވަ ކަމަކަށް އެދުނެވެ. ހަމަލާތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ އޭގެ ތެރެއިން އެއް ކަންތަކެވެ. ދެން އަމުރުކުރި ކަންކަމަކީ؛

¹ ކޮންވެންޝަންގައި، ނަސްލު ނައްތާލުމުގެ އަމަލުތައް ކަމަށް ބެލެވޭ ހުރިހާ ކަމެއް ހުއްޓާލުން

² ނަސްލު ނައްތާލުމުގެ އެއްވެސް އަމަލެއް އިޒްރޭލުގެ އަސްކަރިއްޔާއިން ނުހިންގުން

³ ނަސްލު ނައްތާލުމުގެ އަމަލުތަކަށް މަގު ފަހިވާ އާންމު ހުރިހާ އަމަލެއް ހުއްޓާލުން

⁴ ޣައްޒާގެ ނިކަމެތި ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމަށް އިޒްރޭލުން ވަގުތުން ފިޔަވަޅު އެޅުން

⁵ ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ހެކި ގެއްލިދާނެ އެއްވެސް ކަމެއް އިޒްރޭލުން ނުކުރުން

⁶ މި ކަންކަމަށް އަމަލުކުރުމަށް އިޒްރޭލުން އެޅި ފިޔަވަޅުތަކާ ބެހޭ ރިޕޯޓެއް މިއަދުން ފެށިގެން މަސް ދުވަސް ތެރޭ ކޯޓަށް ހުށަހެޅުން

މި ނިންމުންތަކުގެ ތެރެއިން 3 އަދި 4 ވަނަ ނިންމުމަށް 16 ފަނޑިޔާރުން ތާއީދުކުރެއްވި އިރު އެއް ފަނޑިޔާރަކު ދެކޮޅު ހެއްދެވި އެވެ. ދެން ހުރި ކޮންމެ ނިންމުމަކަށް 15 ފަނޑިޔާރުން ތާއީދުކުރެއްވި އިރު ދެ ފަނޑިޔާރަކު ދެކޮޅުހެއްދެވި އެވެ.

މިއަދުގެ އަޑުއެހުން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލާއި 200 އަށް ވުރެ ގިނަ މީހުން ރަހީނުކުރި ހާދިސާގެ ވާހަކައިންނެވެ. ހަމާސް އާއި ފަލަސްތީނުގެ އެހެން ގްރޫޕްތަކުން ރަހީނުކޮށްފައި ތިބި އިޒްރޭލުގެ އެންމެން އެއްވެސް ޝަރުތަކާ ނުލައި މިނިވަންކުރަން ވެސް އަމުރުގައިވެ އެވެ.

މި ފަހަރު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކެއްގައި 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކުގަ އެވެ. މި ހަމަލާއަށް ފަހު ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ހަމަލާދޭން ފަށައި މިހާތަނަށް 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު މިއީ އިޒްރޭލުން މިހާތަނަށް ޣައްޒާއަށް ދިން އެންމެ އަނިޔާވެރި ހަމަލާތަކެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ޝިކާރައަކަށްވީ މީހުންގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ކަމަށް ފަލަސްތީނުން ވަނީ ބުނެފަ އެވެ.