Roadha Mihaaru
ރުހުން ނުދޭން އުޅެނީ ޒާތީ ކަމެއްގައި: އުޝާމް

ރުހުން ނުދޭން އުޅެނީ ޒާތީ ގޮތުން ޖައްސާލައި ސަރުކާރު ބަލިކަށިކުރަން: އުޝާމް

28 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމަނީ ޒާތީ ގޮތުން ކަމަށާއި އެއީ ސަރުކާރު ބަލިކަށި ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމަނީ ޒާތީ ގޮތުން ކަމަށާއި އެއީ ސަރުކާރު ބަލިކަށި ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވަނީ ބަންޑާރަ ނައިބު އުޝާމަށް ރުހުން ނުދޭށެވެ. ނަމަވެސް، އޭނާ އަށް ރުހުން ނުދޭން އެ ދެ ޕާޓީން ނިންމި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ އޭނާގެ ވަޒީފާގެ ހައިސިއްޔަތުން ޕްރޮފެޝަނަލީ ނިންމާފައި އޮތް އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

"މިއީ ޒާތީ ކަމެއް. ޒާތީ ގޮތުން ޖައްސާލާ ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށި ވެސް ނުކުރެވޭނެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ގަދަކޮށް،" އުޝާމް ވިދާޅުވި އެވެ.

އުޝާމަށް ރުހުން ނުދޭން ދެ ޕާޓީގެ ޕީޖީ ގުރޫޕުން ނިންމާފައިވާއިރު، މިހާތަނަށް އެންމެ ބޮޑު ފާޑުކިޔުމެއް ބަންޑާރަ ނައިބާ ގުޅޭ ގޮތުން އަމާޒުވެފައިވަނީ އެމްޑީޕީގެ ސަރުކާރުގައި އިޓޮލްސް އިން ނިންމި ނިންމުމާ އެކު ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު އަލުން ހޯދުމަށް ކުރާ މަސައްކަތަށެވެ.

އޭގެއިތުރުން މިދިޔަ ސަރުކާރުން ބަދަލު ނަގައިދިނުމަށް ހަދާފައި އޮތް ސެޓެލްމެންޓް ކޮމިޓީ އުވާލަން ބަންޑާރަ ނައިބު އުޝާމް ދެއްވި ލަފާގެ މަތިން، އެ ކޮމިޓީން ރައީސް އުވާލައްވާފައިވާއިރު، ބަދަލު ދިން މީހުންގެ މައްސަލަތައް ވެސް ދަނީ ރިވިއު ކުރަމުންނެވެ.

އެމްޑީޕީން ޕީޖީ ގުރޫޕުން ނިންމާފައިވަނީ އުޝާމްގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މިހާރު އެމްޑީޕީއާ އެކު މަސައްކަތްކުރާ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ވަނީ އުޝާމާއި ހައިދަރާއި ޝަހީމަށް ރުހުން ނުދޭން ނިންމައިފަ އެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޑިމޮކްރެސްޓްސް އިން ރުހުން ނުދޭން ނިންމި އަނެއް ވަޒީރަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އެކަމަކު، އެމްޑީޕީގެ ލިސްޓުގައި ޒަމީރުގެ ނަމެއް ނެތެވެ.

އޭގެ އިތުރުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ރުހުން ނުދިނުމަށް ވެސް އެ ދެ ޕާޓީގެ ވިސްނުން އެބަހުއްޓެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ.

ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމި ސަބަބުތަކުގެ ތެރޭގައި މާލެ ރައްޔިތުންނަށް ދޫ ކޮށްފައިވާ ގޯތިތައް ނުދީ ހިފެހެއްޓުމާއި އިންޑިއާއާ ގުޅުން ގޯސްވުން ހިމެނެ އެވެ. މިކަމާ ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ވަޒީރުންނަށް މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.