Roadha Mihaaru
ފުލުހުންނާއި ސިފައިން ޒިންމާއަދާކުރިތޯ ބަލަން ކޮމިޓީއަށް

މަޖިލީހުގެ ހަމަނުޖެހުން: ފުލުހުންނާއި ސިފައިން ޒިންމާ އަދާކުރިތޯ ބަލަން ކޮމިޓީ އަށް

28 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި މިއަދު ހަމަނުޖެހުން ހިނގައި، މުޒާހަރާ ކުރިއިރު މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން ޒިންމާ އަދާކޮށްފައިވޭތޯ ބެލުމަށް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި މިއަދު ހަމަނުޖެހުން ހިނގައި، މުޒާހަރާ ކުރިއިރު މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން ޒިންމާ އަދާކޮށްފައިވޭތޯ ބެލުމަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ކޮމިޓީ އަށް މައްސަލަ ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ މަޖިލީހުގެ ގެއާއި ގޯތިތެރެ އާއި އެހެން ވެސް ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކަށް ގާނޫނުއަސާސީން ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި މުޒާހަރާ ކުރަމުންދިޔައިރު މުޒާހަރާގެ ބައިވެރިން ވަށާފާރުމައްޗަށް އަރައި ގޯތި ތެރެއަށް އެކި އެއްޗެހި އުކާފައިވާ ކަމަށް އީވާ ހުށަހެޅުއްވި މައްސަލާގައިވެ އެވެ. އެހެންކަމުން ފުލުހުންނާއި ސިފައިންގެ މައްޗަށް މަތިކޮށްފައި އޮތް މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކޮށްފައިވޭތޯ ބެލުމަށް ކޮމިޓީ އަށް މައްސަލަ ހުށަހަޅާ ކަމަށް އީވާ ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ޕީޖީ ގުރޫޕުން ނިންމުމުން ސަރުކާރަށް ނިސްބަތްވާ ބަޔަކު މަޖިލިސް އިދާރާ ދޮށަށް އެއްވެ އަޑު އުފުލާފައިވެ އެވެ. އަދި މި މުޒާހަރާގެ ތެރެއިން މަޖިލިސް އިދާރާގެ ތެރެއަށް ބިސް ޖަހާފައިވެ އެވެ.

މި މުޒާރަހާގައި ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި ވަރަށް ގިނަ ޑެޕިއުޓީ މިނިސްޓަރުން ވެސް ބައިވެރިވި އެވެ.

އެމްޑީޕީ އިން ވެސް މިކަން ކުށްވެރިކޮށް މަޖިލިސް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދޭން މުއައްސަސާތަކަށް ގޮވާލައިފަ އެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް, މެމްބަރުންނަށް އިންޒާރު ދީ ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާއިރު ވެސް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް އެ ޕާޓީން ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް އެންމެހާ އިދާރާތަކަށް ގޮވާލަން،" ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ސަރުކާރުގެ އިސްވެރިން އިންތިޒާމުކޮށްގެން ގްރީން ޒޯނުގައި މުޒާހަރާ ކުރަމުންދާއިރު, އެއްވެސް ފަރާތަކަށް ބެލުމެއް ނެތި, އެއީ ސަރުކާރުގެ އިސްވެރިންނަށް ވީ ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ގާނޫނު ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ. އަދި, ވަކިން ހާއްސަކޮށް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ބުންޏެވެ.