Roadha Mihaaru
ރުހުން ދިނުމުގެ ޖަލްސާ މިރޭ ކުރިއަށް ގެންދަނީ

މިނިސްޓަރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިރޭ ކުރިއަށް ގެންދަނީ

28 ޖެނުއަރީ 2024

ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނި ގޮތުގައި ޖަލްސާ ފަށާނީ މިރޭ 8:00 ގަ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ވޯޓަށް އެހުން އޮތީ މިއަދު ފުރަތަމަ ތާވަލުކުރީ މެންދުރުފަހު 1:30 އަށެވެ. ނަމަވެސް އެ ގަޑިއަށް ސަރުކާރުގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެ ރިޔާސަތުގެ ގޮނޑީގައި ބައެއް މެމްބަރުން އިށީނދެވަޑައިގަތީ އެވެ. ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގެން އިންނެވީ ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމެވެ.

އޭގެ އިތުރުން ޗެމްބަރު ތަޅުލައި މެންބަރުން ވޯޓުލާ ކާޑުކޮޅުތައް ވެސް ސަރުކާރު މެންބަރުން ވަނީ ނަގައިފަ އެވެ. މަޖިލީހުގެ ތަޅުގައި ސަރުކާރު މެންބަރުންނާއި އިދިކޮޅު މެންބަރުންގެ މެދުގައި ހަމަނުޖެހުން ބޮޑުވެ، ބައެއް މެންނަރުންނަށް އަނިޔާވެސް ވެފައިވެ އެވެ.

މި ހަމަނުޖެހުންތަކުގެ ތެރެއިން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ވަނީ ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުށަހަޅާފަ އެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށް ނިންމައިފަ އެވެ. އަދި ޑިމޮކްރެޓްސް އިން ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމައިފަ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ބުނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ކެބިނެޓުގެ ބޭފުޅުންނަށް މަޖިލިހުން ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.

"ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުސަތު ދީ ވަޒަންކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކެމެވެ." އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.