Roadha Mihaaru
އެޗްޑީސީން ބަދަލުވާ މީހުންނަށް އެއް އަހަރަށް އެލަވަންސް

އެޗްޑީސީން ކައުންސިލަށް ބަދަލުވާ މީހުންނަށް އެލަވަންސް ލިބޭނީ އެއް އަހަރު ވަންދެން

29 ޖެނުއަރީ 2024

އެޗްޑީސީގެ ދަށުން ބަލަހައްޓަމުން ދިޔަ ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ހިދުމަތްތަކެއް މާލޭ ސިޓީ ކައުންސިލަށް ބަދަލުކޮށްފައިވާއިރު އެ ހިދުމަތްތައް ދިނުމުގައި އެޗްޑީސީގައި އުޅޭ މުވައްޒަފުން ކައުންސިލަށް ބަދަލުކުރިޔަސް އެ މީހުންގެ އެލަވަންސްތައް މިހާރެކޭ އެއްގޮތަށް ލިބޭނީ އަހަރު ދުވަހަށް ކަމަށް އެނގިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެޗްޑީސީގެ ދަށުން ބަލަހައްޓަމުން ދިޔަ ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ހިދުމަތްތަކެއް މާލޭ ސިޓީ ކައުންސިލަށް ބަދަލުކޮށްފައިވާއިރު އެ ހިދުމަތްތައް ދިނުމުގައި އެޗްޑީސީގައި އުޅޭ މުވައްޒަފުން ކައުންސިލަށް ބަދަލުކުރިޔަސް އެ މީހުންގެ އެލަވަންސްތައް މިހާރެކޭ އެއްގޮތަށް ލިބޭނީ އަހަރު ދުވަހަށް ކަމަށް އެނގިއްޖެ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ހުޅުމާލޭގެ ރަށްވެހިކަން ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެޗްޑީސީން ބެލެހެއްޓި މުނިސިޕަލް ހިދުމަތްތައް ކައުންސިލަށް ބަދަލުކުރަނީ އަންނަ މަހުގެ 1 އިން ފެށިގެންނެވެ.

ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ޝަތުފާ ޝަފީއު "މިހާރު" އަށް ވިދާޅުވީ އެ މީހުންނަށް އެޗްޑީސީގައި ލިބެމުން އައި އެލަވަންސްތަކާއި އަހަރީ ބޯނަސް ވެސް އަދި އޮތީ އެއް އަހަރުގެ މުއްދަތަކަށް ލިބޭ ގޮތަށް ކަމަށެވެ. އެ އަށް އަދި ބަދަލެއް ނަޔަސް ރައީސް ވަނީ އެއް އަހަރަށް ފަހު ވެސް އިނާޔަތްތައް އުނި ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުންގެ ކަންބޮޑުވުމަކީ މިހާރު ދެމުން އަންނަ އިނާޔާތްތައް އެއް އަހަރުގެ މުއްދަތަކަށް ދެމުން ގެންދިޔަ ނަމަވެސް އޭގެ ފަހުން އިނާޔަތްތަކަށް ބަދަލެއް އަތުވެދާނެތީ އެވެ. އެ ކަންބޮޑުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ އެއް އަހަރަށް ފަހު ވެސް އިނާޔަތްތައް އުނި ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. މިކަމުގައި ރަނގަޅު ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެޗްޑީސީގެ މުނިސިޕަލް ހިދުމަތް ދިނުމުގައި އުޅޭ 600 އަށް ވުރެ ގިނަ މުވައްޒަފުން ކައުންސިލަށް ބަދަލުކުރާނެ ކަމަށް ވެސް ޝަތުފާ ވިދާޅުވި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން އެޗްޑީސީގެ މުވައްޒަފުންގެ ގޮތުގައި ތިބުމަށް އެދޭ ކަމަށެވެ. އެހެންވެ، އެ އަދަދަށް ބަދަލެއް އަތުވެދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލަށް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

ހުޅުމާލޭ ބިމުގެ އިހްތިސާސް އަދި މިލްކުވެރިކަމާ ގުޅޭ ގޮތުން އެޗްޑީސީ އާއި ކައުންސިލާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ވެސް ދިޔަ އެވެ. އެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުން ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ 2021 ގައި ބާތިލުކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެކަން ނިމުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ބިމެއްގެ ގޮތުގަ އެވެ.