Roadha Mihaaru
ތެލެސީމިއާ ހޮސްޕިޓަލަށް އުރީދޫން 100 މިލިއަން ދެނީ

އުރީދޫން ދައްކާ ފީ ކުޑަކޮށް، ތެލެސީމިއާ ހޮސްޕިޓަލް އަޅަން އެ ކުންފުނިން 100 މިލިއަން ރުފިޔާ ދެނީ

28 ޖެނުއަރީ 2024

ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމަށް އުރީދޫ ކުންފުނިން ދައުލަތަށް ދައްކާ ފީ ކުޑަކޮށް، ތެލެސީމިއާ ހޮސްޕިޓަލް އިމާރާތް ކޮށްދިނުމަށް އެ ކުންފުނިން 100 މިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމަށް އުރީދޫ ކުންފުނިން ދައުލަތަށް ދައްކާ ފީ ކުޑަކޮށް، ތެލެސީމިއާ ހޮސްޕިޓަލް އިމާރާތް ކޮށްދިނުމަށް އެ ކުންފުނިން 100 މިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމަށް 2005 ވަނަ އަހަރު އޭރުގެ ވަތަނިއްޔާ އަދި މިހާރުގެ އުރީދު އަށް ހުއްދަ ދީފައިވަނީ އެ ކުންފުނީގެ ޖުމްލަ އާމްދަނީގެ ފަސް ޕަސެންޓް އަދި އައިސީޓީ ދާއިރާ ކުރިއަރުވަން އިތުރު އެއް ޕަސެންޓާ އެކު، ޖުމްލަ ހަ ޕަސެންޓް ދައްކާ ގޮތަށް ކަމަށެވެ.

ނަމަވެސް، އެ ކުންފުނީގެ ހުށަހެޅުމާ މެދު އިކޮނޮމިކް ކައުންސިލުން މަޝްވަރާކޮށް، އާމްދަނީގެ ފަސް ޕަސެންޓް ދައްކާ ގޮތަށް ނިންމައި، އެޑްވާންސް ޓެކްސް ލައިންގެ ގޮތުގައި ސަރުކާރަށް ދައްކާފައިވާ 100 މިލިއަން ރުފިޔާގެ ބަދަލުގައި 200 މިލިއަން ރުފިޔާއަށް އިތުރުކޮށް، އެ އަދަދު އެއްފަހަރާ ސަރުކާރަށް ދައްކާގޮތަށް ނިންމީ އެވެ.

އޭގެ ބަދަލެއްގެ ގޮތުން، ތެލެސީމިއާ ހޮސްޕިޓަލް އިމާރާތް ކޮށްދޭން އުރީދޫން ދޭން ޖެހޭނީ 100 މިލިއަން ރުފިޔާ އެވެ. އެއާ އެކު، ދިރާގާއި އުރީދޫން ދައުލަތަށް ދައްކާ ޓެކްސް އެއްވަރުވާނެ އެވެ. އެއީ ފަސް ޕަސެންޓެވެ.

ތެލެސީމިއާގެ ފަރުވާ ރަނގަޅު ކުރުމަށް އެ ބައްޔަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ކެބިނެޓުން ވަނީ މީގެ ކުރިން ނިންމައިފަ އެވެ. ނަމަވެސް، އެކަމަށް ފަންޑު ހޯދާނެ ގޮތެއް ކުރިން ބުނެފައެއް ނުވެ އެވެ.