Roadha Mihaaru
އިންޓަނެޓް ހެޔޮކުރީ އާ އޮޕަރޭޓަރުން ނުގެންނަގޮތަށް

އިންޓަނެޓްގެ އަގު ހެޔޮކުރުމުން ކުރިއަށް އޮތް ފަސް އަހަރު އާ އޮޕަރޭޓަރެއް ނުގެންނާނެ

23 ޖޫން 2021

އިންޓަނެޓްގެ އަގު ހެޔޮކުރުމަށް މުވާސަލާތީ ކުންފުނިތަކާ އެކު މަޝްވަރާކުރުމަށް ފަހު އެ ކުންފުނިތަކާއި ސަރުކާރާ ދެމެދު އޮތް "އަންޑަސްޓޭންޑިން" އަކީ ސަރުކާރުން ބޭނުންވާ ގޮތަށް އަގާއި ފެންވަރު ދަމަހައްޓާ ނަމަ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ އިންޓަނެޓް އަދި ފޯނުގެ ހިދުމަތަށް އާ ކުންފުންޏަކަށް ލައިސަންސް ނުދިނުން ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އިންޓަނެޓްގެ އަގު ހެޔޮކުރުމަށް މުވާސަލާތީ ކުންފުނިތަކާ އެކު މަޝްވަރާކުރުމަށް ފަހު އެ ކުންފުނިތަކާއި ސަރުކާރާ ދެމެދު އޮތް "އަންޑަސްޓޭންޑިން" އަކީ ސަރުކާރުން ބޭނުންވާ ގޮތަށް އަގާއި ފެންވަރު ދަމަހައްޓާ ނަމަ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ އިންޓަނެޓް އަދި ފޯނުގެ ހިދުމަތަށް އާ ކުންފުންޏަކަށް ލައިސަންސް ނުދިނުން ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.

ސިސްޓަމް އިންޖިނިއަރެއް އަދި ސެކިއުރިޓީ ރިސާޗަރެއް ކަމަށްވާ އަހްމަދު މުހައްމަދު ދީދީ، މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ދަށުން ހުށަހެޅި، މުވާސަލާތީ ހިދުމަތާ ގުޅޭ ސުވާލުތަކަކަށް ދިން ޖަވާބުގައި ކޭމުން ބުނީ އަންނަ މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކޮށް ހިދުމަތަށް ބަދަލު ގެންނަން ކުންފުނިތަކުން ނިންމީ ކޭމްއާ އެކު އެއްބަސްވުމެއް ހަދައިގެން ނޫން ކަމަށެވެ.

"އެކަމަކު ސަރުކާރާއި އައިއެސްޕީ (އިންޓަނެޓް ސާވިސް ޕްރޮވައިޑާސް) އާ އަންޑަސްޓޭންޑިންއެއް އެބަ އޮތެވެ،" ކޭމްގެ ޖަވާބުގައި ބުނެފައިވެ އެވެ.

އޭގެ ތަފުސީލް ދެމުން ބުނެފައިވަނީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް، އެ ހިދުމަތް ދޭ ފަރާތްތަކާއި އައިޓީ ދާއިރާގެ މީހުންނާ އެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

"މި އަންޑަސްޓޭންޑިންގެ ދަށުން، ޔުނިފައިޑް ޓެލެކޮމިއުނިކޭޝަން ލައިސަންސް، އިންޓަނެޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ނުވަތަ މޮބައިލް ޓެލެފޮނީ ލައިސަންސް، ބޮޑު އެއްވެސް ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް ކުރިއަށް އޮތް ފަސް އަހަރު ނުދޭނެ އެވެ،" ކޭމުން ބުންޏެވެ.

މި އަންޑަސްޓޭންޑިންގެ ދަށުން، އަންނަ މަހުން ފެށިގެން އަގުތަކާއި ހިދުމަތުގެ ފެންވަރަށް ބަދަލު ގެންނާނެ ކަމަށާއި އަދި ތިން އަހަރު ފަހުން އަގުތަކާއި ފެންވަރު ރިވިއުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޭމް އިން ބުނި ގޮތުގައި މިގޮތަށް އޮތް ކަމުގައި ވިޔަސް ސެޓެލައިޓް އިންޓަނެޓް ފަދަ އާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އާ ސާވިސް ޕްރޮވައިޑާ އަކު ހިދުމަތް ދިނުމަކަށް ހުރަހެއް ނޯންނާނެ އެވެ. މިހާރު ދުނިޔޭގައި މަގުބޫލުކަން ހޯދަމުން އަންނަ ސެޓެލައިޓް އިންޓަނެޓް ހިދުމަތް ކަމަށްވާ ސްޓާލިންކްގެ ހިދުމަތަށް ރާއްޖޭގައި ހުއްދަ ދޭނެކަން ވަކިން ފާހަގަކޮށްފައިވެ އެވެ.

ކުރިއަށް އޮތް ފަސް އަހަރު، އާ އޮޕަރޭޓަރުންނަށް ލައިސަންސް ނުދިނުން ބިނާވާނީ ސަރުކާރުން ބޭނުންވާ ގޮތަށް، މިހާރު ތިބި އޮޕަރޭޓަރުން ހިދުމަތް ދެމުން ގެންދިއުމުގެ މައްޗަށް ކަމަށް ވެސް ކޭމްގެ ޖަވާބުގައިވެ އެވެ.

މިދިޔަ މެއި މަހުގެ 27 ގައި ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތުގައި އަންނަ މަހުން ފެށިގެން އިންޓަނެޓްގެ އެންމެ ދަށް ތްރޮޓުލް ސްޕީޑް 2 އެމްބީޕީއެސް އަށް ހަދައި އިންޓަނެޓް ޕެކޭޖްތަކުގެ އެލަވަންސް މަތިކޮށް އަގު ދަށްކުރާނެ އެވެ. އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު 28-30 ޕަސެންޓް ހެޔޮވާނެ ކަމަށާއި އަދި ދެ ފޭސްތަކަށް ބަހާލައިގެން އަގުތައް ދަށްކޮށް، ހިދުމަތަށް ބަދަލު ގެނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

އަގު ހެޔޮކުރުމުގެ ފުރަތަމަ މަރުހަލާގައި ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓްގެ ޚިދުމަތް ދޭ ދިރާގާއި އުރީދޫން އަގުތައް 28-30 ޕަސެންޓަށް ދަށްކޮށް، އަދި ޕެކޭޖުތަކުގެ ތްރޮޓްލް ސްޕީޑު 2-5 އެމްބީޕީއެސް އަށް މަތިކުރާނެ އެވެ. މިހާރު ވަނީ ނެޝަނަލް މިނިމަމް ބްރޯޑްބޭންޑް ސްޕީޑް ނުވަތަ އިންޓަނެޓް ސްޕީޑް އެންމެ ދަށްކޮށް ދެވޭނެ ވަރަކީ 2 އެމްބީޕީއެސް ކަމަށް ކަނޑައަޅައިފަ އެވެ. އަގު ހެޔޮކޮށް ޚިދުމަތް ރަނގަޅުކުރުމުގެ ދެ ވަނަ ފޭސްގައި، އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ޚިދުމަތަށް ވެސް ބަދަލު ގެންނާނެ އެވެ. މި ގެންނަ ބަދަލުތަކުގައި ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް މޯބަލް ބްރޯޑްބޭންޑް ޑޭޓާ ޕެކޭޖްތަކަށް އިތުރު 20 ޕަސެންޓް ލިބޭނެ އެވެ.