Roadha Mihaaru
ޓެލެކޮމް ހިދުމަތް ދެނީ ގެއްލުންވާ ގޮތަށް: ބޮންޑޭ

ޓެލެކޮމް ހިދުމަތް ދެނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ މަޖިލީހަށް ގަރާރެއް

18 ނޮވެމްބަރ 2020

ރާއްޖޭގައި މިހާރު ޓެލެކޮމް ހިދުމަތް ދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ ރައްޔިތުންނަށް ގެއްލުންވެ ހަމައެކަނި އޮޕަރޭޓަރުންނަށް ބޮޑެތި ފައިދާ ލިބޭ ގޮތަށް ކަަމަށް ބުނެ އެކަން ހުއްޓުވަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި މިހާރު ޓެލެކޮމް ހިދުމަތް ދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ ރައްޔިތުންނަށް ގެއްލުންވެ ހަމައެކަނި އޮޕަރޭޓަރުންނަށް ބޮޑެތި ފައިދާ ލިބޭ ގޮތަށް ކަަމަށް ބުނެ އެކަން ހުއްޓުވަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދިނުމުގެ ހިދުމަތް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެފައިވާ ފަރާތް (ޓެލެކޮމް އޮތޯރިިޓީ) ކަންތައްތައް ތަރުތީބުކޮށްފައި އޮތީ ގާނޫނުތަކަށް ބެލުމެެއް ނެތި އޮޕަރޭޓަރުންނަށް ފައިދާވާ ގޮތަށް ކަމަށެވެ. އެކަން ނިމުމަކަށް ގެންނަން ސަރުކާރަށް ގޮވައިލައްވަނީ ރައްޔިތުންނަށް ނުހަނު ގެއްލުންވާ ގޮތަށް ގިނަ ކަންތައްތަކެއް ތަރުތީބުކޮށްފައިވާތީ ކަމަށް ގަރާރުގައި ބޮންޑޭ ވިދާޅުވި އެވެ.

މިހާރު ކަންތައްތައް ތަރުތީބުކޮށްފައިވާ ގޮތަށް ކަންތައްތައް އޮވެއްޖެ ނަމަ ރާއްޖެއަށް އާ އޮޕަރޭޓަރެއް ގެނަޔަސް ރައްޔިތުންނަށް ފައިދާ ނުވާނެ ކަަމަށް ވެސް ގަރާރުގައި އޭނާ ވިދާޅުވި އެވެ. އިންޓަނެޓްގެ ހިދުމަތުގެ އަގުބޮޑުވުމާއި އެހިދުމަތުގެ ފެންވަރު ދަށްވުމަކީ ހަމައެކަނި އޮޕަރޭޓަރުންނާ ގުޅިފައިވާ ކަމެއް ނޫން ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އެ ހިދުމަތް ރެގިއުލޭޓް ކުރުމުގައި ހުރި ބައެއް މައްސަލަތައް ގަރާރުގައި ވިދާޅުވެފައިވެ އެވެ.

ރެގިއުލޭޓްކުރުމުގައި ހުރި ކަމަށް ބުނާ މައްސަލަތައް

- ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހަދާފައި ނުވުން.

- އެ ގާނޫނުގައި ބުނާ ގޮތަށް ހިދުމަތުގެ ފެންވަރާއި އަގުތައް ކޮންޓްރޯލްކޮށްފައި ނުވުން.

- ޓެލެކޮމް އޮތޯރިޓީން އެ އިންޑަސްޓްރީ އެއްގޮތަކަށް ވެސް ރެގިއުލޭޓްނުކުރުން.

- ރާއްޖޭގައި ޒަމާނީ ޓެލެކޮމް އިންފްރާސްޓްރަކްޗާ ގާއިމްކޮށްފައި ނުވުން.

- ރާއްްޖޭގެ ފްރިކުއެންސީ ސްޕެކްޓްރަމްގައިވާ ފްރެކުއެންސީތަައް ދިރާގާއި އުރީދޫއަށް ހިލޭ ބަހާލާފައިވުން.

ބޮންޑޭ ވިދާޅުވީ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ އާ އޮޕަރޭޓަރަކަށް ލައިސަންސް ދޭން އުޅޭއިރު ވެސް އޮޕަރޭޓަރުން އަމަލުކުރަން ޖެހޭ މިންގަނޑުތަކާއި ކަސްޓަމަރުންގެ ހައްގުތަކުގެ ޗެކްއެންޑް ބެލެންސް ހިފެހެއްޓޭނެ އިންތިޒާމްތަކެއް ނެތުމުން ކަމަށެވެ.

"ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވާނޭ މަގުން އިތުރު ޓެލެކޮމް އޮޕަރޭޓަރަކަށް ބިލިއަނުން ފައިދާވާ ވިޔަފާރިއެއް އުފައްދަން ދޫކޮށްލައިގެން ހުރެވެން ނެތުމުން އެކަން ފާހަގަކޮށް ކުއްލި މައްސަލަ ހުށަހަޅަމެވެ،" ގަރާރުގައި އެނާ ވިދާޅުވެފައިވެ އެވެ.

ރާއްޖެއަށް އިތުރު ޓެލެކޮމް އޮޕަރޭޓަރެއް ގެންނަން ނިންމައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ވެސް އެކަން ވަނީ ހިމަނައިފަ އެވެ.ޓެކްނޮލޮޖީ މިނިސްޓަރު މުހަންމަދު މަލީހު ޖަމާލު މިދިޔަ ހަފްތާގައި "މިހާރު" އަށް ވިދާޅުވީ އިތުރު ކުންފުންޏެއް ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.