Roadha Mihaaru
ސެގަޓްގެ ތަޖިކިސްތާނުން ޔޫއޭއީ ބަލިކޮށް ކުއާޓާ އަށް

ރާއްޖޭގެ ކުރީގެ ކޯޗު ސެގަޓްގެ ތަޖިކިސްތާނުން ޔޫއޭއީ ބަލިކޮށް ކުއާޓާ ފައިނަލަށް

29 ޖެނުއަރީ 2024

އަލް ރައްޔާން (ޖެނުއަރީ 29) - ރާއްޖޭގެ ކުރީގެ ކޯޗު ޕީޓާ ސެގަޓް މިހާރު ކޯޗުކޮށްދޭ ތަޖިކިސްތާނުން، އޭޝިއަން ކަޕްގެ ދެވަނަ ބުރުގައި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 5-3 ން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަލް ރައްޔާން (ޖެނުއަރީ 29) - ރާއްޖޭގެ ކުރީގެ ކޯޗު ޕީޓާ ސެގަޓް މިހާރު ކޯޗުކޮށްދޭ ތަޖިކިސްތާނުން، އޭޝިއަން ކަޕްގެ ދެވަނަ ބުރުގައި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 5-3 ން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ގަތަރުގައި ކުރިއަށްދާ މުބާރާތުގައި ރޭ އައް ރައްޔާން ސިޓީގައި ހުންނަ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ނުކުތް އިރު، މެޗުގެ ފޭވަރިޓް ޓީމުގެ ގޮތުގައި ބެލެވިފައި އޮތީ ގަލްފުގައި ބާރުގަދަ ޔޫއޭއީ އެވެ. އެންމެ ފަހުން ބޭއްވި އޭޝިއަން ކަޕްގެ ސެމީ ފައިނަލާ ހަމަ އަށް ޔޫއޭއީ ދަތުރު ކޮށްފައި ވުމުން، މުޅިން އަލަށް އޭޝިއަން ކަޕްގައި ވާދަކުރާ ތަޖިކިސްތާނުގެ މައްޗަށް ޔޫއޭއީ ކުރި ހޯދާނެ ކަމަށް ބެލެވުނެވެ.

އެކަމަކު މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސް ތަޖިކިސްތާނުންނެވެ. މެޗުގެ 30 ވަނަ މިނެޓްގައި އެ ޓީމުގެ ވަހްދަތު ޚަނަނޯވް ލަނޑު ޖެހީ ޒޮއިރް ޒުރަބޮޔޭވް ދިން ފުރުސަތަކުންނެވެ.

މެޗަށް ފަހު ތަޖިކިސްތާނުގެ ޓީމު އުފާފާޅު ކުރަނީ: އެ ޓީމު އޭޝިއަން ކަޕްގައި ވާދަ ކުރަނީ މުޅިން އަލަށް --- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ތަޖިކިސްތާނުގެ ޓީމު އުފާފާޅު ކުރަނީ: އެ ޓީމު އޭޝިއަން ކަޕްގައި ވާދަ ކުރަނީ މުޅިން އަލަށް --- ފޮޓޯ: އޭއެފްޕީ

މެޗުގެ ބޮޑު ބައެއް، ތަޖިކިސްތާނުގެ ޓީމުން ލީޑްގައި ހިފެހެއްޓި އެވެ. ޔޫއޭއީ އަށް ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ފަސްވަނަ މިނެޓްގަ އެވެ. ޕޯޗުގަލްގެ ދެ ކޯޗުން ކަމަށްވާ ޕައޮލޯ ބެންޓޯ އާއި ސާޖިއޯ ކޮސްޓާ ގުޅިގެން ކޯޗުކޮށްދޭ ޔޫއޭއީ ޓީމަށް ނަތީޖާ ހަމަހަމަ ކޮށް ދިނީ ޚަލީފާ އަލް ހަމްދީ އެވެ.

މެޗުގެ ނަތީޖާ ނެރުމަށް އިތުރަށް ކުޅުނު ދެ ހާފުގައި ވެސް ނަތީޖާ ބަދަލު ނުކުރެވުނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ތަޖިކިސްތާނުގެ ފަސް ޕެނަލްޓީ ވެސް އެ ޓީމުން ވައްދާލި އެވެ. ޔޫއޭއީ އަށް ނާކާމިޔާބު ވީ ބްރެޒިލަށް އުފަން، ނަމަވެސް ފަހުން ޔޫއޭއީގެ ރަށްވެހިކަން ހޯދައިގެން އެ ގައުމުގެ ޓީމަށް ކުޅޭ ކައިއޯ ކެނެޑޯ ފޮނުވާލި ޕެނަލްޓީ އެވެ.

ރާއްޖެ އަށް 2018 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ދިން ސެގަޓް ތަޖިކިސްތާނުގެ ކޯޗު ކަމާ ހަވާލުވީ ޖެނުއަރީ 2022 ގަ އެވެ. އެ އަހަރު ކޮލޮފައިންގައި އޭޝިއަން ކަޕަށް މުޅިން އަލަށް އެ ޓީމު އޭނާ ކޮލިފައިކޮށްދިނެވެ.

މާޗް 2018 ގައި ރާއްޖޭގެ ކޯޗު ކަމާ ހަވާލުވި، ސެގަޓް ރާއްޖޭގެ ވަޒީފާއިން ވަކި ކުރީ ޑިސެމްބަރު 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ނެރުނު ދަށް ނަތީޖާ އަށް ފަހު އެވެ.

އޭނާ ރާއްޖޭގައި މަސައްކަތް ކުރި މުއްދަތުގައި ރާއްޖޭގެ ސީނިއާ ކޯޗުންގެ ފަރާތުން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވީ އޭރުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޕްރެސް ކޮންފަރެންސަށް ހާޒިރު ނުވި ކަމަށް ބުނެ ޓީމުން ބާކީ ކުރުމުންނެވެ.

ޔޫއޭއީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ތަޖިކިސްތާނުގެ ކުޅުންތެރިން، ސެގަޓް މައްޗަށް އުފުލާލައިގެން އުފާފާޅު ކުރަނީ: އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމަކީ ތަޖިކިސްތާނުގެ ފުޓްބޯޅަ  ތާރީހުގައި އެ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބު --- ފޮޓޯ: އޭއެފްޕީ

ޔޫއޭއީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ތަޖިކިސްތާނުގެ ކުޅުންތެރިން، ސެގަޓް މައްޗަށް އުފުލާލައިގެން އުފާފާޅު ކުރަނީ: އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމަކީ ތަޖިކިސްތާނުގެ ފުޓްބޯޅަ ތާރީހުގައި އެ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބު --- ފޮޓޯ: އޭއެފްޕީ

ސެގަޓްގެ ކޯޗިން ޓީމުގައި އޭރު ރާއްޖޭގައި ވެސް މަސައްކަތް ކުރި އެސިސްޓެންޓް ކޯޗު ގެލާ ޝެކިލާޒީ އާއި ފިޓްނަސް ކޯޗު ވަލްޑަމިރް ކްރްނިޗް ވެސް ތަޖިކިސްތާނު ޓީމުގައި ވެސް އޭނާއާ އެކު މަސައްކަތް ކުރެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރި އިރު ސެގަޓް ފާހަގަ ކުރެވިފައި ވަނީ، ޒުވާން ކުޅުންތެރިންނަށް އަލަށް ގައުމީ ޓީމުން ފުރުސަތު ދިން ކޯޗެއްގެ ގޮތުގަ އެވެ. ތަޖިކިސްތާނުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ސެގަޓް ވަނީ އެ ގައުމުގެ ގައުމީ ޓީމުގައި ވެސް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. މިފަހަރުގެ އޭޝިއަން ކަޕްގައި ކުޅޭ އެންމެ ޒުވާން ސްކޮޑް އޮތީ ތަޖިކިސްތާނުގަ އެވެ. އެ ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރެވެ.

އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމަކީ ތަޖިކިސްތާނުގެ ފުޓްބޯޅަ ތާރީހުގައި އެ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބެވެ. އަންނަ ހުކުރު ދުވަހު ކުޅޭ ކުއާޓާ ފައިނަލުގައި ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނާނީ، ދެވަނަ ބުރުގައި އިރާގާއި އުރުދުން މިއަދު ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.