Roadha Mihaaru
ތަޖިކިސްތާނުގެ އެއްބަސްވުން އާ ނުކޮށް ސެގަޓް ވަކިވެއްޖެ

ތަޖިކިސްތާނުގެ ފުޓްބޯޅަ ބަދަލުކޮށްލި ސެގަޓް، އެއްބަސްވުން އާ ނުކޮށް މަގާމު ދޫކޮށްލައިފި

20 ފެބުރުއަރީ 2024

ތަޖިކިސްތާނުގެ ފުޓްބޯޅައިގެ ތާރީހުގައި އެ ގައުމަށް އެންމެ ބޮޑު ކާމިޔާބު ހޯދައިދިން ކޯޗު، ކްރޮއޭޝިއާގެ ޕީޓާ ސެގަޓް، އެއްބަސްވުން އާ ނުކޮށް މަގާމު ދޫކޮށްލައިފި އެވެ.

ތަޖިކިސްތާނުގެ ފުޓްބޯޅައިގެ ތާރީހުގައި އެ ގައުމަށް އެންމެ ބޮޑު ކާމިޔާބު ހޯދައިދިން ކޯޗު، ކްރޮއޭޝިއާގެ ޕީޓާ ސެގަޓް، އެއްބަސްވުން އާ ނުކޮށް މަގާމު ދޫކޮށްލައިފި އެވެ.

ރާއްޖޭގެ ގައުމީ ޓީމަށް ވެސް ކުރިން ކޯޗުކޮށް ދި، 2018 ގެ ސާފް ޗެމްޕިއަންޝިޕް ހޯދައި ދިން ސެގަޓާ އެކު ނިމިދިޔަ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ތަޖިކިސްތާނު ދަތުރު ކުރުމަކީ އެ ގައުމުގެ ފުޓްބޯޅައިގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ. ސެގަޓާ އެކު އެ ގައުމުގެ އެފްއޭއިން ހެދި ދެ އަހަރުގެ އެއްބަސްވުން، މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ފުޓްބޯޅައިގެ ރޭންކިންގެ ގަދަ 100 އިގެ ތެރެއަށް ތަޖިކިސްތާނު ގެންގޮސް ދިން، ކޯޗަށް އާ ކޮންޓްރެކްޓެއް ހުށަހެޅި ނަމަވެސް އޭނާ ވަނީ އެއްބަސްވުން އާ ނުކޮށް ތަޖިކިސްތާނުގެ އެފްއޭގެ ހުށަހެޅުން އަނބުރާ ރައްދުކޮށްފަ އެވެ.

ސެގަޓްގެ ކޯޗުކަމުގެ ދަށުން ތަޖިކިސްތާނުން ވަނީ 24 މެޗު ކުޅެ 11 މެޗުން މޮޅުވެފަ އެވެ. ހަތް މެޗުން އެއްވަރުވި އެވެ. އަދި 2022 ވަނަ އަހަރު ތައިލެންޑުގައި ބޭއްވި ކިންގްސް ކަޕާއި މިދިޔަ އަހަރު މެލޭޝިއާގައި ބޭއްވި މެރްޑެކާ ކަޕުގެ ޗެމްޕިއަންކަން ވެސް ތަޖިކިސްތާނަށް ހޯދައި ދިނެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ރަޝިއާ އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު ތަޖިކިސްތާނުން ނިންމާލީ އެއްވަރުކޮށްގެންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއާ އާއި އުރުދުން އަދި ޕާކިސްތާނުގެ ހިމެނޭ ގުރޫޕްގައި ތަޖިކިސްތާނު އޮތީ ދެވަނައިގަ އެވެ.

ތަޖިކިސްތާނުގެ އެފްއޭއިން މިހާރު ދަނީ ގައުމީ ޓީމަށް އާ ކޯޗަކު ހޯދަމުންނެވެ. އެ ގައުމުގެ އެފްއޭއިން ބުނީ ކުރިއަށް ހަފުތާތަކުގައި އާ ކޯޗަކު ހަމަޖައްސާނެ ކަމަށެވެ.

ތަޖިކިސްތާނުގައި މަސައްކަތް ކުރުމުގެ ކުރިން ރާއްޖޭގައި މަސައްކަތް ކުރި ސެގަޓް ރާއްޖޭގައި މަސައްކަތް ކުރި މުއްދަތުގައި ރާއްޖޭގައި މަސައްކަތް ކުރި މުއްދަތުގައި ސީނިއާ ދިވެހި ކޯޗުންގެ ފަރާތުން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވީ އޭރުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޕްރެސް ކޮންފަރެންސަށް ހާޒިރު ނުވި ކަމަށް ބުނެ ޓީމުން ބާކީ ކުރުމުންނެވެ.

ރާއްޖޭގައި މަސައްކަތް ކުރި އިރު އޭނާ ފާހަގަ ކުރެވިފައި ވަނީ، ޒުވާން ކުޅުންތެރިންނަށް އަލަށް ގައުމީ ޓީމުން ފުރުސަތު ދިން ކޯޗެއްގެ ގޮތުގަ އެވެ. ތަޖިކިސްތާނުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، އެ ގައުމުގެ ގައުމީ ޓީމުގައި ވެސް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނެވެ. މިފަހަރުގެ އޭޝިއަން ކަޕްގައި ކުޅުނު އެންމެ ޒުވާން ސްކޮޑް އޮތީ ތަޖިކިސްތާނުގަ އެވެ. އެ ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރެވެ.