Roadha Mihaaru
ތިން އަތޮޅެއްގައި ޑްރަގު ރިހެބިލިޓޭޝަން ސެންޓަރު ހަދަނީ

ލ. އަތޮޅު ހިމެނޭ ގޮތަށް ތިން އަތޮޅެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒު ގާއިމުކުރަނީ

29 ޖެނުއަރީ 2024

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާދިނުމަށް ލ. އަތޮޅު ހިމެނޭ ގޮތަށް ތިން އަތޮޅެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރުތައް ގާއިމުކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާދިނުމަށް ލ. އަތޮޅު ހިމެނޭ ގޮތަށް ތިން އަތޮޅެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރުތައް ގާއިމުކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ނިންމައިފި އެވެ.

އެ އިދާރާ އިން ބުނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށްޓަކައި މަސްތުވާތަކެތީގެ ގާނޫނުގައި ބަޔާންކުރާ ފަދަ ފަރުވާދޭ މަރުކަޒުތައް ގާއިމުކުރުމަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކާ އެކު ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެ މީހުން ރިހެބިލިޓޭޓް ކުރުމަށް، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ވެސް ލަފާދީފައިވާ ކަމަށް އެންޑީއޭ އިން ބުންޏެވެ.

އެހެންވެ، ރާއްޖޭގެ ތިން ސަރަަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ. އެއީ، ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. އަތޮޅުގެ ރަށެކެވެ.

އެންޑީއޭ އިން ބުނިގޮތުގައި، އެ އަތޮޅުގައި ޕްރޮގްރާމް ހިންގާނެ ރަށެއް ކަނޑައެޅުމުގެ ގޮތުން އެ އަތޮޅުގެ މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް، އެ އެޖެންސީން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 8 ރަށަކަށް ދަތުރުކޮށްފަ އެވެ.

އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހާއި ހޯމްލޭންޑް ސެކިއުރިޓީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރު އިސްމާއިލް އިބްރާހިމް ވެސް ބައިވެރިވެވަޑައިގަތް އެ ދިރާސާގެ ދަތުރުގައި ވަނީ ލ. އަތޮޅުގެ ފޮނަދު އާއި ގަމާއި މާވަށާއި އިސްދު އާއި ކަލައިދު އާއި ހިތަދު އާއި މުންޑޫ އާއި ކުނަހަންދޫ އާއި ގާދޫ އަދި މާބައިދު އަށް ވަޑައިގެން، ރަށްރަށުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި ހާލަތު ދެނެގަނެފަ އެވެ.

އެންޑީއޭ އިން ބުނީ އެ ސެންޓަރު ގާއިމުކުރާނެ ރަށްތައް ނިންމާނީ އަތޮޅުގެ ކައުންސިލާ ވެސް މަޝްވަރާކޮށްފައި ކަމަށެވެ.

އެންޑީއޭ އިން ވަނީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ތަރައްގީކޮށް، ހިންގުމުގެ ފުރުސަަތު އަމިއްލަ ފަރާތްތަކަށް މި މަހުގެ 15 ގައި ހުޅުވާލައިފަ އެވެ.

ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކުން އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ހިދުމަތާއި ސައިކޭޓްރިކް އިވެލުއޭޝަން ހިދުމަތާއި ކައުންސިލިން އަދި ޑްރަގް ޓެސްޓް ހެދުމާއި ސައިކޯ ސޯޝަލް ތެރަޕީ އަދި ސައިކޮލޮޖިކަލް އެސެސްމަންޓުގެ ހިދުމަތް ލިބެން ޖެހެ އެވެ.

އެންޑީއޭ އިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރުކޮށްފައިވާ 700 މީހަކު ފަރުވާ ނުދެވި ކިޔުގައި އެބަ ތިއްބެވެ. އެ މީހުންގެ ފަރުވާ އަވަސް ކުރުމަށް މަސައްކަތް ފަށާފައިވާއިރު، ކިއުގައި ތިބި އެންމެންނަށް ހަތަރު މަހެއްގެ ތެރޭގައި ފަރުވާދީ ނިންމާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.