Roadha Mihaaru

އެޑިކްޝަން ކައުންސިލަރުން ތަމްރީނުކުރަން ފަށަނީ

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދިނުމަށް ކައުންސިލަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަން ލުބްނާ ޒާހިރު ވިދާޅުވެއްޖެ އެވެ.

އެޑިކްޝަން ކައުންސިލަރުން ތަމްރީނުކުރަން ފަށަނީ
އާމިނަތު ހިލްޔާ ހުސެއިން
އާމިނަތު ހިލްޔާ ހުސެއިން

08 ޖެނުއަރީ 2025

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދިނުމަށް ކައުންސިލަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަން ލުބްނާ ޒާހިރު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީ އާއި އެލައިޑް އިންޝުއަރެންސާ އެކު ބޭއްވި މަޝްވަރާތަކާ ގުޅިގެން ލުބްނާ ވިދާޅުވީ، މި ބައްދަލުވުންތަކުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުން ކަމަށެވެ.

ލުބްނާ ވިދާޅުވި ގޮތުގައި އޮންލައިންކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ބައެއް ކްލާސްތަކަށް ހާޒިރުވާން ޖެހޭނެ އެވެ. އެކަމަކު އެ ޕްރޮގްރާމު ފަށާނެ ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.

"އިރާދަކުރެއްވިއްޔާ މި މަސަކަތްތަކުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެޑިކްޝަން ކައުންސިލަރުން ބިނާކުރަަނަން،" ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ ލުބްނާ ވިދާޅުވި އެވެ.

މިދިޔަ 12 އަހަރުގެ ތެރޭގައި ނޭޝަނަލް އިންސްޓިޓިއުޓް ފޯ ރިސާޗު އެންޑް އެޑިކްޝަންސް ސްޓަޑީޒުން އެއްވެސް މަސައްކަތެއް ހިންގާފައެއް ނުވެ އެވެ.

އެކަމަކު ލުބްނާ ވިދާޅުވީ އެ އިންސްޓިޓިއުޓްގެ މަސައްކަތްތައް ފުޅާކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އޭގެ ތެރޭގައި މަސް މަސްތުވާތަކެތީގެ މައްސަލައިގެ ހާލަތު ދެނެގަތުމަށް ހަދަންޖެހޭ ދިރާސާތައް ހިމެނެ އެވެ. އެ ދިރާސާތަކަށް އެންޑީއޭގައި ހުރި ޑޭޓާތަކުގެ ބޭނުން ހިފާނެ ކަމަށް ލުބްނާ ވިދާޅުވި އެވެ.

އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާތީ ވިސްނުން ހުރީ ކޮމިއުނިޓީގައި ކުދިން ބައިތިއްބައިގެން ރީއިންޓަގްރޭޓް ކުރެވޭނެ ގޮތެއް ހޯދުން ކަމަށެވެ.

"އެހެންކަމުން އެކަން އަޅުގަނޑުމެންނަށް ފާހަގަކުރެވި ބޭނުންވާ ވަސީލަތްތައް ނެތްކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީމަ ހެލްތު މިނިސްޓްރީ އާއި އެލައިޑް އިންޝުއަރެންސް އާއެކު މިވަނީ މަޝްވަރާކޮށްފައި،" ރާޝިދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހެލްތު ފެސިލިޓީތައް މެދުވެރިކޮށް އައުޓް ޕޭޝަންޓްގެ ހިދުމަތް ދިނުމަށް މަޝްވަރާކޮށްފަ އެވެ.

އެޑިކްޝަން ކައުންސިލަރުން ބިނާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނައިރު ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ރާޝިދު ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ގާތްގަނޑަކަށް 7،500 މީހުން އުޅޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

މީގެ ކުރިން ލުބްނާ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އެބަތިއްބެވެ. އެކަމަށް ފަރުވާ ހޯދާ މީހުން އަނބުރާ އެ ކުށުގެ ތެރެއަށް ވަންނަ ނިސްބަތް ވަރަށް އިތުރު ކަމަށް ވިދާޅުވި އެވެ.