Roadha Mihaaru

އެންމެ ސުވާލެއް: އެންޑީއޭއަށް ކުރެވެނީ ކީއް؟

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ ބޭނުމެއް ނުހިފޭ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. އެ ޝަކުވާ ފުނީގެ މައްޗަށް އެންމެ ފަހުން އައީ އަދި މާ ބޮޑު ކަމެކެވެ. ފަރުވާ ހޯދަން ދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން، ޖިންސީ ގުޅުން ހިންގާ ކަމުގެ ބޮޑު ތުހުމަތުގައި ތަނުގެ މުވައްޒަފަކު ހައްޔަރުކުރީ އެވެ.

އެންމެ ސުވާލެއް: އެންޑީއޭއަށް ކުރެވެނީ ކީއް؟
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

03 ޑިސެމްބަރ 2025

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ ބޭނުމެއް ނުހިފޭ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. އެ ޝަކުވާ ފުނީގެ މައްޗަށް އެންމެ ފަހުން އައީ އަދި މާ ބޮޑު ކަމެކެވެ. ފަރުވާ ހޯދަން ދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން، ޖިންސީ ގުޅުން ހިންގާ ކަމުގެ ބޮޑު ތުހުމަތުގައި ތަނުގެ މުވައްޒަފަކު ހައްޔަރުކުރީ އެވެ.

މަސްތުގެ އަނދިރި ދުނިޔެއިން ނުކުމެވޭނެ ދޮރެއް ހުޅުވެން އޮތް ތަނަކީ އެންޑީއޭ ކަމަށް ދެކިގެން ދިޔަ، އަމިއްލަ ނަފްސުގެ މައްޗަށް ކޮންޓްރޯލް ގެއްލިފައިވާ އެތައް ބައެއްގެ ނާޖާއިޒު ފައިދާ ނެގީ އެވެ. އެ މައްސަލަ އެންޑީއޭ އިން ފުލުހުންނަށް ހުށަހަޅައި، މައްސަލައިގައި ތުހުމަތު ކުރެވޭ، އެ ތަނުގެ ޕިއާ މެންޓާ، މުހައްމަދު ފަސީހު، 51، މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ.

އެންޑީއޭގެ މުވައްޒަފަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެއީ މަސްތުން ސަލާމަތްވުމަށް ފަރުވާ ހޯދައި އެކަމުން ސަލާމަތްވުމަށް ފަހު ރިކަވަރީގައި ހުރި މީހެކެވެ. ފަސީހުގެ ވަޒީފާގެ ޒިންމާއަކަށް ހެދީ ފަރުވާ ހޯދާ މީހުން ރަނގަޅުކުރުމަށް މޯޓިވޭޓް ކުރުމެވެ.

އެންޑީއޭ އޮތް ހާލަތު ފަސީހާ ގުޅޭ ވާހަކަތަކުން އެކަނި ވެސް ވަޒަން ކޮށްލެވެ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި މުވައްޒަފު ބުނީ ފަސީހަކީ އެއްވެސް ކަހަލަ ޕްރޮފެޝަނަލް ކަމެއް ނުތަވަ އެތިކްސްއެއް ގެންގުޅޭ މީހެއް ނޫން ކަމަށެވެ. ތަނުގައި މަސައްކަތް ކުރަމުން އައި ޓެކްނިކަލް ސްޓާފުން ކަމަށްވާ ނަރުހުންނާއި ޑޮކްޓަރުންނާއި ކައުންސެލަރުން އަދި ސޯޝަލް ވޯކަރުންނަށް ވެސް ބާރު ފޯރުވައި އޭނާ ދުއްތުރާތައް ކުރިމަތި ކުރުވި ކަމަށް ބުންޏެވެ. ސިޔާސީ ގޮތުން އޮތް ބާރުވެރިކަމުގެ ފައިދާ ނަގަމުން ދިޔަ އެވެ.

"އޭނާއަކީ ޕޮލިޓިކަލް ޕަވާ އިން އައިސްފައި ހުރި މީހެއް. ރިކަވަރީގައި ހުރި މީހެއް. ރިކަވަރީގައި ހުންނަ މީހުންގެ އަސާސްތަކާ ހިލާފަށް އޭނާ އަށް އެހެން ކަހަލަ އޮތޯރިޓީއެއް ދެވުނީމާ އެ ކަހަލަ ކަމެއް އެ ދިމާވީ،" އޭނާ ބުންޏެވެ.

މަސްތުން ސަލާމަތްވާން ފަރުވާ ހޯދަން ދާ މީހުންނަށް މަސްތުވާތަކެތި ދީގެން ދީގެން ޖިންސީ ގުޅުން ހިންގާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންޑީއޭގެ މުވައްޒަފު މުހައްމަދު ފަސީހު

މަސްތުން ސަލާމަތްވާން ފަރުވާ ހޯދަން ދާ މީހުންނަށް މަސްތުވާތަކެތި ދީގެން ދީގެން ޖިންސީ ގުޅުން ހިންގާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންޑީއޭގެ މުވައްޒަފު މުހައްމަދު ފަސީހު

ފަސީހަކީ މީހުން މަސްތުން ސަލާމަތްކުރުމާ ގުޅޭ އެއްވެސް ކަމެއްގައި ލައިސަންސެއް އޮތް މީހެއް ނޫނެވެ. އެކަމަކު އޭނާގެ ނުފޫޒު ގަދަވެ، ޓެކްނިކަލް މީހުންނަށް ބާރު ފޯރުވަން ފެށި ހިސާބުން އެ މީހުންގެ ތެރޭގައި ވެސް މައްސަލަތައް އުފެދެން ފެށި އެވެ.

"ޓެކްނިކަލީ ލައިސެންސެއް ލިބިފައި ތިބި ބައެއްގެ މައްޗަށް އަންއެތިކަލީ، ނޫނީ އަންޕްރޮފެޝަނަލްކޮށް ކަންކަން ކުރަން މި އަމުރު ކުރަނީ. އެ ހިސާބުން އަހަރެމެންގެ ތެރޭގައި މައްސަލަަތައް އުފެދެން ފެށީ. އެގޮތަށް އެ ކަމެއްގެ ނޮލެޖާއި އެކަމަކުން ނިކުންނާނެ ނަތީޖާ ނޭނގި ކަންކަން ކުރަން އަމުރު ކުރަންޏާ ކްލައިންޓަށް ގެއްލުން އެ ދެވެނީ އަސްލު،" ތަނުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.

އެނގިފައިވާ ގޮތުގައި ފަސީހުގެ މަސައްކަތްތައް ބޮޑަށް ބިނާވެފައި އޮތީ ހުޅުމާލޭ ހާފްވޭ ހައުސްގަ އެވެ. ހުޅުމާލޭ ހާފްވޭ ސެންޓަރުގެ ވަކި ތަނެއްގައި އަންހެނުންނަށް ހާއްސަކޮށް ރިހެބެއް ހުރި ނަމަވެސް އެ ތަން ސަރުކާރުން ފަހުން ބަދަލުކުރީ ކ. ހިންމަފުއްޓަށެވެ. އަދި ފަރުވާ އަށް އަންހެނުން ފޮނުވަނީ ފަސީހަށް "ކޮންމެވެސް ފައިދާއެއް" ވާ ގޮތަށް ކަމަށް އެންޑީއޭގެ މުވައްޒަފުން ތުހުމަތުކުރެ އެވެ.

"..މި ބުނާ މީހާ ކްލައިންޓުން އެކްސްޕްލޮއިޓް ކުރި. ހާއްސަކޮށް އަންހެން ކްލައިންޓުންނަށް، ފީމެއިލް ރިހެބެއް ހުޅުމާލޭ ހާފްވޭ ހައުސް ތެރޭގައި ގޯތި ތެރޭގައި ވަކި ސެންޓާއެއްހެން އިންނަ ތަނެއް. އެތަން ހަދާފައި ހުއްޓާ، ސަރުކާރު މެދުވެރިވެގެން ހިންމަފުއްޓަށް ފޮނުވީ. މި ބުނާ މީހާ ކޮމިއުނިޓީ ތެރޭގައި އުޅޭ ވަލްނަރަބަލް މީހުންނަށް ޓާގެޓްކޮށްގެން، ކޮންމެވެސް ކަހަލަ ބެނެފިޓެއް އޭނާއަށް ލިބޭ ގޮތަށް މީހުން ފަރުވާއަށް ފޮނުވަނީ،"

މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި ހިންގާ ހާފްވޭ ހައުސް--  ފޮޓޯ: ނިޝާން އަލީ | މިހާރު

މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި ހިންގާ ހާފްވޭ ހައުސް-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފަސީހާ ގުޅޭ މިފަދަ މައްސަލަތަކެއް ފެންމަތިވި ފަހުން، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި އެ ތަނުގެ އެހެން މުވައްޒަފަކު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އެކަމަކު އޭނާއަކީ ސީދާ ކްލަޔަންޓުންނާ ގުޅުން އޮންނަ މީހެއް ނޫނެވެ. އެއީ އިދާރީ މުވައްޒަފެކެވެ

ޓެކްނިކަލް މީހުންގެ މައްޗަށް ސިޔާސީ ބަސް!

އެންޑީއޭގައި އުޅޭ މީހުން ބުނާ ގޮތުގައި އެ ތަނުގެ މަސައްކަތްތަކަށް އޮތް އަނެއް ހުރަހަކީ ސިޔާސީ މީހުންނެވެ. ދާއިރާއިން ކިޔަވައިގެން ހުރި ބޭފުޅަކު އެންޑީއޭގެ ހިންގުމުގައި ނެތުމުން، އެ ތަނުން ދެމުންދާ ފަރުވާގެ ފެންވަރަށް ވެސް އަސަރު ކުރާނެ ކަމެއް ކަމަށް އެ މީހުން ބުނެ އެވެ.

"މިހާރު" ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި މި ފަހުން ފެންމަތިވި މައްސަލައާ އެކު ވެސް އެފަދަ ޝަކުވާތައް އުޅޭކަން މެނޭޖްމަންޓަށް މެއިލް މެދުވެރިކޮށް މުވައްޒަފުން އެންގި އެވެ. އެންޑީއޭގައި ވަމުންދާ ކަންކަމުގެ ހާލަތު ސާފުކޮށް ކިޔައިދީ އެކަންކަން ހުއްޓުމަށް މަސައްކަތް ކޮށްދިނުމަށް ބަޔަކު އެދުނަސް އެކަމަށް ވެސް މާބޮޑު ސަމާލުކަމެއް ނުދިނެވެ.

އެ މައްސަލާގައި ހިތްހަމަނުޖެހި ބައެެއް މުވައްޒަފުން އެންޑީއޭ އިން ވަކިވި ކަމަށް ވެސް ވެ އެވެ.

"މި ތަނުގައި އުޅޭ ކައުންސެލަރުންގެ ތެރެއިން ސުޕަވައިޒާސް އެބަ ހުރި މެއިލްކޮށްފައި މެނޭޖްމަންޓަށް މީނާގެ މިކަން މިހެން އެބަވެޔޭ، އެކަން އެހެން ނުހެދުމާއި އޭތި ހުއްޓުވައިދޭން. އެކަމަކު އެކަން ނުހުއްޓިގެން މުވައްޒަފުންގެ ތެރެއިން މީހުން ނުރުހުން ވެގެން ރިޒައިންކޮށްފައި އެބަ ހުރި،"

އޭނާ ބުނީ މި ކަންކަމާ ނުރުހުން ފާޅުކުރުމުން "މަތިން" ޕްރެޝަރު އަންނަ ކަމަށެވެ. އަދި މުވައްޒަފުން މަސައްކަތުން އެއްފަރާތް ކޮށްލަ އެވެ. އެހެންވެ މިކަންކަމާ ބިރުން ފާޅުގައި އެކަމާ ދެކޮޅަށް ބައެއް މީހުންނަށް އެއްޗެއް ބުނާކަށް ވެސް ނުކުރެ އެވެ.

ބާޒާރުމަތީގައި ބާ މުދާ ވިއްކާ މީހަކު އިށީނދެލައިގެން: މަސްތުވާތަކެތި ގަތުމަށް ވައްކަންކޮށް ސަލާންޖަހަން މަގުމަތޫގައި އުޅޭ މީހުން ވެސް ހައްޔަރުކޮށް ފަރުވާއަށް ގެންދިޔަ ނަމަވެސް ނަތީޖާއެއް ނުފެނި އަލުން އެ މީހުން މަގުމައްޗަށް ނުކުތުމުގެ މައްސަލަ ބޮޑު. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާޒާރުމަތީގައި ބާ މުދާ ވިއްކާ މީހަކު އިށީނދެލައިގެން: މަސްތުވާތަކެތި ގަތުމަށް ވައްކަންކޮށް ސަލާންޖަހަން މަގުމަތޫގައި އުޅޭ މީހުން ވެސް ހައްޔަރުކޮށް ފަރުވާއަށް ގެންދިޔަ ނަމަވެސް ނަތީޖާއެއް ނުފެނި އަލުން އެ މީހުން މަގުމައްޗަށް ނުކުތުމުގެ މައްސަލަ ބޮޑު. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެތަނުން ވާހަކަ ދެއްކި މީހުން ބުނީ މި މައްސަލަތައް އެންޑީއޭ އޮޑިޓުކޮށްފި ނަމަ ސާފުކޮށް ފެންނާނެ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މި ފަދަ މައްސަލަތަކާ ހުރެ ކޮމިއުނިޓީ ތެރޭގައި ފަރުވާއާ މެދު ކުރާ އިތުބާރަށް ވެސް ބަދަލު އެބަ އާދެ އެވެ. މިސާލެއްގެ ގޮތުގައި އޭނާ ބުނީ، މިފަހުން ހިނގި ހާދިސާއާ އެކު އެތައް ބެލެނިވެރިންނެއް ޑްރަގު އެޖެންސީ އަށް ގުޅައި، އެތަނުގެ ފަރުވާއާ މެދު އެތައް ސުވާލު އުފެއްދުމެވެ. އެ މީހުންގެ ދަރިން ފަރުވާއަށް ފޮނުވަން ފަސްޖެހޭ ކަމުގެ ޝަކުވާތައް ކުރި ކަމަށް އޭނާ ބުންޏެވެ.

"މިތަނަށް ގުޅާފައި މަލާމާތުގެ ރާގަކަށް މި ބުނަނީ ތިއީ ހެއްޔޭ ތިތަނުގެ ފެންވަރަކީ؟. އެ މައްސަލައާ އެކީގައި ވަރަށް ގިނަ މީހުން ގުޅި އެންޑީއޭއަށް. ކޮމިއުނިޓީ ތެރޭގައި މިތަނަށް މި އޮންނަ އިތުބާރަކަށް ނޫންތޯ މިހެންވީމަ މި އަސަރުކުރަނީ،"

އެތަނުގެ އެތެރޭގައި މައްސަލަތައް އޮތްކަން މި ހާމަވަނީ މަސްތުން ސަލާމަތްވާން ބޭނުންވާ މީހުން ތިބޭ ހާފްވޭ ހައުސް ކަހަލަ ތަންތަނުން ވެސް މަސްތުގެ ހާލަތުގައި ތިއްބާ މީގެ ތެރެއިން މީހުން ހައްޔަރުކުރާ ހިސާބަށް ކަންކަން ގޮސްފައިވާތީ އެވެ. މަސްތުން ސަލާމަތްވާން ގޮސް ވަންނަ "ރައްކާތެރި މާހައުލު" ވެސް ޑްރަގް ވިއްކާ ތަނަކަށް ވެއްޖެ އެވެ. މިފަދަ ކަންކަމުގެ ތެރެއިން އާންމުންނާ ހިސާބަށް ތިލަވަނީ މަދު ކަމެކެވެ.

އާންމުންގެ ތެރެއިން މި ހިދުމަތަށް ފާޑު ކިޔާ މީހުން ވެސް ބުނަނީ ސިޔާސީ ކަންކަން ރާއްޖޭގައި ފެތުރިފައި އޮތް މިންވަރު ބޮޑުވެ، ވަޒީފާ ދިނުމުގައި ހަރުދަނާ އުސޫލެއް ނުގެންގުޅޭތީ މި ހުރިހާ ކަމެއް ވެސް ދިމާވަނީ ކަމަށެވެ. ނާޒުކު ހާލަތެއްގައި ތިބޭ ބަޔަކާ ހަވާލުވާ ބައެއްގެ ކިބައިގައި ހުންނަން ޖެހޭ ތަޖުރިބާ އާއި ޝަރުތު ނެތް މީހުންނަށް މަގާމުތައް ދިނުމުގެ ނުރައްކަލެވެ.

"މީހުންނަށް މިކަހަލަ ސެންސިޓިވް ވަޒީފާ ދޭއިރު ރަނގަޅަށް ޕްރޮސެސް ފުރިހަމަކުރާ ނަމަ މިކަހަލަ ކަންތައްތަކެއް ދިމާނުވީސް. ވަޒީފާ ދިނުމުގައި ގެންގުޅޭ ސިޔާސަތު އަދިވެސް މާ ދޯދިއާ،"

އެންޑީއޭ ހަމަ މަގަށް އެޅުވޭނީ ކިހިނެއް؟

އެންޑީއޭ އިން 2021 ގައި ހަދާފައިވާ ސިޗުއޭޝަނަލް އެނާލަސިސް އިން ދައްކާ ގޮތުގައި ރާއްޖޭގައި ރިލެޕްސް ރޭޓު ނުވަތަ މަސްތުން ސަލާމަތްވުމަށް ފަހު އަލުން އެކަމުގެ ތެރެއަށް ވަންނަ މީހުންގެ ނިސްބަތް ވަރަށް މައްޗެވެ.

އެ ތަނުގެ މުވައްޒަފަކު ބުނި ގޮތުގައި، އެކަމަށް ބަލައިގެން ޕްރޮގްރާމުތަކުގެ ކޮލިޓީ ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ނުފަށަ އެވެ. އޭގެ ސަބަބުން ރިލެޕްސް ރޭޓު ދަށްވުމާއި ފަރުވާގައި މީހުން ރިޓެއިންވާ މިންވަރު އިތުރުވާނެ ކަމަށް އޭނާ ބުންޏެވެެ.

ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވި ގޮތުގައި ފަރުވާ ހޯދައިގެން ނުކުންނަ މީހުންނަށް ވަޒީފާ ހޯދައިދީ، އެ މީހުންގެ އަހުލާގަށް ވަޒީފާގެ މާހައުލުން އަންނަ ބަދަލުތައް ވެސް ދެނެގަންނަން ޖެހެ އެވެ. އެކަމަކު މިހާތަނަށް އެ މަސައްކަތް އެންމެ ރަނގަޅަށް އޮތީ ނުކުރެވި ކަމަށް ވިދާޅުވެފައިވެ އެވެ.

އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު  ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަރުވާގެ ކިއު އަބަދުވެސް އެހާ ދިގުކޮށް އޮންނައިރު މިފަދަ ސަބަބުތަކާ ހުރެ އަބަދުވެސް ފަރުވާދޭން ޖެހެނީ ހަމަ އެއް ބަޔަކަށެވެ. އެ ތަނުގައި އުޅޭ މުވައްޒަފަކު ބުނީ، ކޮންމެ ދެ އަހަރުގެ ތެރޭގައި އެކަކަށް ތިން ފަހަރަށް ވެސް ފަރުވާ ދޭންޖެހެ ކަމަށެވެ. އޭގެ ސަބަބުން، ފަރުވާ އަށް ދާ އެހެން މީހުންނަށް ޖާގަ ގެއްލެ އެވެ.

މިކަމުން ވެސް މި އަންގައިދެނީ އެންޑީއޭ އިން ހިންގައިދޭ ޕްރޮގްރާމުތައް ހަރުދަނާ ކުރަން މާބޮޑަށް ވެސް ލަސްވެއްޖެ ކަމެވެ. އަދި ޑްރަގު ފަރުވާދީ، ފޮނުވާލުމުގެ ބަދަލުގައި އިތުރު ގޮތްތަކެއް ވެސް ހޯދައިދޭން ޖެހޭ ކަމެވެ.

ރާއްޖޭގައި ޑްރަގަށް ފަރުވާދޭ އެންމެ ދުވަސްވީ މަރުކަޒު ހުރީ ހިންމަފުށީގަ އެވެ. އެ މަރުކަަޒަށް ބަލާއިރު އެތަނުގައި މަސައްކަތްކުރާ މީހުން ވެސް ތިބީ ބަދަލަކަށް ތައްޔާރަކަށް ނޫނެވެ.

އެންޑީއޭ އިން ވާހަކަ ދެއްކި މުވައްޒަފު ބުނީ މީގެ 10-15 އަހަރު ކުރިން މަސްތުވާތަކެތި ބޭނުންކުރަމުން އައި ގޮތާއި މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރާ އެއްޗެހި ވެސް ބަދަލުވެފައިވާ ކަމަށާއި އެހެންވެ، މަސައްކަތްކުރާ މުވައްޒަފުން ވެސް އާ ކަންކަމަށް ހޭލުންތެރިވެ ފަރުވާގެ ނިޒާމާއި އުސޫލަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

"ބޭނުންވަނީ މުސްކުޅި ގޮތުގައި ތިބެން. މެނޭޖްމަންޓުގައި ވެސް ހުސް ދުވަސްވީ މީހުން. އެހެންވީމާ އެމީހުން ޗޭންޖްކޮށް އާ ބަޔަކު ޑިސިޝަންތައް ނަގަން އައިސްގެން ވެސް ބަދަލެއް ފެނިދާނެ،"

އެހެންވެ، ބަދަލެއް ގެނައުމަށް އާ ވިސްނުންތަކެއް ބޭނުންވާ ކަމަށް އޭނާ ބުންޏެެވެ.

ހިންމަފުށީގައި ހުންނަ ރިލިބިލިޓޭޝަން ސެންޓަރު-- ފޮޓޯ: ސަރާ ހާވޭ

ހިންމަފުށީގައި ހުންނަ ރިލިބިލިޓޭޝަން ސެންޓަރު-- ފޮޓޯ: ސަރާ ހާވޭ

އޭނާގެ އަނެއް ކަންބޮޑުވުމަކީ ޑްރަގުން ޖީލުތައް ރައްކާތެރިކުރުމަށް އެ އެޖެންސީން މަސައްކަތްކުރާ މިންވަރު ދަށްވުމެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ކޮންމެ އަހަރެއްގެ ޖޫން 26 އަކީ އެންޓި ޑްރަގު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކަށް ވިޔަސް، އެންމެ ކުޑަމިނުން އެ ދުވަސް ވެސް ގިނަ ފަހަރަށް އެންޑީއޭ އިން ފާހަގަނުކުރާ ކަމަށް ބުންޏެވެ.

"އެ ދުވަހުގައި ވެސް ކަމެއް ކޮށްނުލަނީއޭ. ޑްރަގާ މެދު މީހުން ދެކޭ ގޮތް ބަދަލުކުރަން ލިބޭ ދުވަހެއްގައި ވެސް ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި ނުކުރެވޭ. އަޅުގަނޑުމެންނަށް ވަރަށް އަޑު ނީވޭނެ ޑްރަގާ ދެކޮޅަށް ކެމްޕެއިނެއް ފެށީއޭ ބުނާ އަޑުވެސް،"

އޭނާ ބުނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ މެދު އާންމުން ދެކޭ ގޮތް ބަދަލުކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް އެކަން ވެސް ކުރަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

އެޑިކްޝަނަކީ ވަރަށް ސިވިއާ ކަމެއް ކަމަށާއި އެކަމުން މީހުން އަރައިގަތުމަށް މުޖުތަމައުގެ އެހީ ބޭނުންވާ ކަމަށް އޭނާ ބުންޏެެވެ. ފިރިހެނުންގެ ތެރެއިން އާންމުކޮށް ދެވަނަ ފަހަރަށް އެކަމުގެ ތެރެއަށް ދަނީ ވަޒީފާގެ ދަތިކަމާ ހުރެ އެވެ. އަދި އަންހެނުން ފަރުވާއަށް ފަހު އަލުން އެކަމުގެ ތެރެއަށް ދަނީ އާއިލާއިން އޭނާ ބަލައިގަންނަން ދެކޮޅު ހެދުން ފަދަ ކަންކަމާ ހުރެ އެވެ.

ބާޒާރުމަތީގައި ބަޔަކު ވިޔަފާރި ކުރަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބާޒާރުމަތީގައި ބަޔަކު ވިޔަފާރި ކުރަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިން ވެސް ގިނަވެފައި ވާއިރު އެކަމުގައި ވެސް އެންޑީއޭ އަށް އޮތް ގޮންޖެހުމަކީ އިދާރާތައް ގުޅިގެން މަސައްކަތް ނުކުރެވުމެވެ. އެއީ ހަމައެކަނި އެންޑީއޭގެ މަސްއޫލިއްޔަތެއް ކަމަށް ހަދައި އެކަން ޖެންޑާ މިނިސްޓްރީ ފަދަ އިދާރާތަކުން ދޫކޮށްލާ ކަމުގެ ޝަކުވާ އޭނާ ކުރި އެވެ. އޭނާ ބުނީ ބަދަލެއް ބޭނުން ނަމަ، ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

"އެކަމަކު ޖެންޑާ އިން ވިލިންއެއް [ބޭނުމެއް] ނުވާނެ ކޮލަބްރޭޓްކޮށް [ގުޅިގެން] މަސައްކަތްކުރަން. އެންޑީއޭގެ މަސައްކަތޭ ކިޔާފައި ދޫކޮށްލާނެ. އެކީގައި މަސައްކަތްކުރާ ތަންތަނުން އެއްކޮށް މަސައްކަތްކުރީމާ އަސްލު ޗޭންޖެއް ގެނެވޭނީ،"

އެންޑީއޭގެ މައްސަލަތައް ފުނިޖެހެމުން ގޮސް މިހާ ހިސާބަށް ދިޔައިރު ވެސް އެތަން ވެސް އޮތީ މަސްތެއްގަ އެވެ. މިހާރު ބޭނުންވަނީ އެތަނަށް ދޭނެ ޒަމާނީ ފަރުވާއެކެވެ.